ޚަބަރު

ކީ ސްޓޭޖް 4 އާއި 5 ގެ ޑިޖިޓަލް ޓެކްސްޓްފޮތްތައް އަންނަ އަހަރު ބޭނުންކުރަން ފަށާނެ: މިނިސްޓަރ


އަންނަ އަހަރުގެ ތެރޭގައި ދެ ކީސްޓޭޖްގައި ޑިޖިޓަލް ޓެކްސްޓް ފޮތްތައް ބޭނުންކުރަން ފަށާނެކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ.އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.

ސްކޫލްތަކުގެ ޓެކްސްޓް ފޮތްތައް ޑިޖިޓަލައިޒްކޮށްގެން ކިޔަވައިދިނުމުގެ ޕައިލެޓް ޕްރޮޖެކްޓެއް މިއަހަރުގެ ތެރޭގައި އެޑިއުކޭޝަން މިނިސްޓްރީން ވަނީ ފަށާފައެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައި އެޑިއުކޭޝަން މިނިސްޓަރ ޑރ.އައިޝަތު އަލީ ވިދާޅުވީ ރާއްޖޭގެ 50އަކަށް ސްކޫލުގައި ދަރިވަރުންގެ ޓެކްސްޓް ފޮތްތައް ޑިޖިޓަލައިޒްކޮށްގެން ކިޔަވއިދެމުން އަންނަކަމަށެވެ. އަދި އަންނަ އަހަރުގެ ތެރޭގައި ޤައުމީ މަންހަޖުގެ ކީ ސްޓޭޖް ހަތަރެއްގައި ހިމެނޭ ގްރޭޑް ނުވައެއް އަދި ދިހައެއްގައި ކިޔަވަމުންދާ ދަރިވަރުންނާއި ކީ ސްޓޭޖް ފަހެއްގައި ހިމެނޭ ގްރޭޑް އެގާރަ އަދި ބާރައިގައި ކިޔަވަމުންދާ ދަރިވަރުންގެ ޑިޖިޓަލް ޓެކްސްޓް ފޮތްތައް ބޭނުން ކުރަން ފަށާނެ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ އެޑިއުކޭޝަން މިނިސްޓްރީގެ އަމާޒަކީ ކިޔަވައިދިނުމުގެ އެކި އުކުޅުތައް ބޭނުންކޮށްގެން ދަރިވަރުންނަށް ފެންވަރު ރަނގަޅު ތަޢުލީމެއް ފޯރުކޮށް ދިނުންކަމަށެވެ. މިގޮތުން ކޯވިޑް19 ފަދަ ހާލަތެއް ކުރިއަށް އޮތްތަނުގައިވެސް މެދުވެރިވެދާނެކަމަށް ބަލައި އިންޓަރނެޓްގެ ޒަރިއްޔާއިން ފަސޭހައިން ދަރިވަރުންނަށް ތަޢުލީމު ފޯރުކޮށްދިނުމަށް ޓަކައި މިހާރުވެސް މަސައްކަތްތައް ކުރައްވަމުން ގެންދަވާކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

އަދި މިހާރު ޓެބްލެޓް ނެތް ދަރިވަރުންނަށްވެސް ޓެބްލެޓްތައް ހޯދުމުގެ މަސައްކަތް ކުރައްވަމުންގެންދަވާކަމަށާއި ގްރޭޑް 3 މަތީގެހުރިހާ ދަރިވަރުންގެ އަތުގައި ޓެބްލެޓް އޮންނާނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.