ތަޢުލީމު

އީޖާދީ ވިސްނުންތައް ކުރިއަށް ނެރެ ކަންކަން ކުރުމުގެ ފުރުޞަތު ފުޅާދާއިރާއެއް އޮތުން މުހިއްމު - ފަޒްނާ


ތަޢުލީމީ ދާއިރާގައި މަސައްކަތްކުރާ ހުރިހާ ފަރާތަކަށްވެސް އަމިއްލަ އިސްނެގުމުގައި ކަންކަން ކުރުމާއި، އީޖާދީ ވިސްނުންތައް ކުރިއަށް ނެރެ ކަންކަން ކުރުމުގެ ފުރުޞަތު ފުޅާދާއިރާއެއްގައި އޮތުމަކީ ވަރަށް މުހިންމު ކަމެއްކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ، "އެޑިއުކޭޝަން ޑިއުރިންގ ކްރައިސިސް: ފޯރޖިންގ އަ ޕާތް ޓު ކޮލިޓީ ލަރނިންގ" ގެ ނަމުގައި ބާއްވާ ތަޢުލީމާ ގުޅޭ މަހާސިންތާ އިފްތިތާޙު ކޮށްދެއްދާ މިއަދު ވާހަކަފުޅުދައްކަވަމުންނެވެ. މި މަހާސިންތާއަކީ، ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން، އެން.އައި.އީން އިންތިޒާމުކޮށްގެން ބާއްވާ މަހާސިންތާއެކެވެ.

ވަރޗުއަލްކޮށް މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި މި މަހާސިންތާ އިފްތިތާޙު ކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ވަނީ، ކޯވިޑް-19 ގެ މި ހާލަތުގައިވެސް ކުދިންނަށް ތަޢުލީމު އުނގަންނައިދޭން ތަޢުލީމީ ދާއިރާގައި މަސައްކަތް ކުރައްވާ ބޭފުޅުން ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތް ފާހަގަކުރައްވައި، އެ ކަމަށް ޝުކުރު އަދާކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވީ، ތަޢުލީމީ ދާއިރާގައި މަސައްކަތްކުރާ ހުރިހާ ފަރާތަކަށް، ޚާއްޞަކޮށް މުދައްރިސުންނާއި ދަރިވަރުންނަށްވެސް، އަމިއްލަ އިސްނެގުމުގައި ކަންކަން ކުރުމާއި، އީޖާދީ ވިސްނުންތައް ކުރިއަށް ނެރެ ކަންކަން ކުރުމުގެ ފުރުޞަތު ފުޅާދާއިރާއެއްގައި އޮތުމަކީ ވަރަށް މުހިންމުކަމެއް ކަމަށެވެ. އަދި، ނަތީޖާއެއްގެ ގޮތުން މުޖުތަމަޢުގައި އޮތް، އެކަކު އަނެކަކަށް ބަރޯސާވުމާއި، އީޖާދީ ކަންކަމަށް އޮތް ހަނި ފުރުޞަތުތައް ބަދަލުކުރަން ބާރުއެޅިގެންދާނެ ކަމަށް އެކަމަނާ ވިދާޅުވިއެވެ. މި މޭރުމުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ. ޢާއިޝަތު ޢަލީއަކީ ތަޢުލީމީ ދާއިރާ އެ މިސްރާބަށް ގެންދިއުމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވާ ބޭފުޅެއްކަން ފާހަގަކުރައްވައި، މިނިސްޓަރަށް ޝުކުރު އަދާކުރައްވާފައެވެ.

ހަމަ އެއާއެކު، މަދަރުސީ މަރުޙަލާގައި ދަރިވަރުންނަށް އުނގަންނައިދޭ އިޖްތިމާޢީ ރިވެތި އާދަތައް ދަސްކޮށްދިނުން ހަމައެކަނި ސްކޫލުގެ މާޙައުލުން ނިންމައިނުލައި، މުދައްރިސުންނާއި، ސްކޫލްތަކުގެ އެހެނިހެން މުވައްޒަފުންނާއި، ބެލެނިވެރިންނާއި، މުޅި މުޖުތަމަޢުގެ ހުރިހައި ފަރުދުން ހިމެނޭ ގޮތަށް، ރިވެތި އާދަތަކަށް އަހުލުވެރި ބަޔަކަށް ހެދުމުގެ މުހިންމުކަން އެ ކަމަނާ ފާހަގަކުރެއްވިއެވެ. އަދި، އީޖާދީ ކަންކަމަށް ތަޢުލީމީ ދާއިރާއިން އިތުރު ފުރުޞަތުތައް ހުޅުވައިލުމަށް ސްކޫލްތަކުގެ މަސްއޫލުވެރިންގެ ކިބައިން އެ ކަމަނާ އެދިވަޑައިގެންނެވިއެވެ.

އެން.އައި.އީ.އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ މި މަހާސިންތާގެ މަޤްޞަދަކީ ކޯވިޑް-19ގެ ޙާލަތުގައި ކުރިމަތިވި ގޮންޖެހުންތަކާއެކުވެސް އީޖާދީ އަދި ފަހުގެ ޓެކްނޮލޮޖީގެ އެހީގައި ތަޢުލީމާއި އުނގަންނައިދިނުން ކުރިއަށްގެންދިޔުމުގެ ފަހަތުގައި ތިއްބެވި ބޭފުޅުން އެއް ތަނަކުން ބައްދަލުކޮށް، އެ ބޭފުޅުންގެ ތަޖުރިބާ ޙިއްޞާކޮށް، މަޢުލޫމާތު ބަދަލުކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމެވެ. މިއީ ދެ ދުވަހުގެ މުއްދަތަކަށް ކުރިއަށްދާ މަހާސިންތާއެކެވެ.

މިމަހުގެ 21 އިން 22 އަށް ޒޫމް މެދުވެރިކޮށް ކުރިޔަށް ދާ މި މަހާސިންތާގައި ރާއްޖޭގެ 23 ސްކޫލަކުން ބައިވެރިވެ 47 ޕްރޮޖެކްޓް ހުށަހަޅާފައިވެއެވެ.