ދުނިޔޭގެ ވިޔަފާރި

އެމެރިކާއިން ޗައިނާގެ އިތުރު 4 ކުންފުންޏަކާއި ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅަނީ

އެމެރިކާއިން ޗައިނާގެ އިތުރު 4 ކުންފުންޏަކާއި ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅަން ނިންމާފައިވާކަން ހާމަކޮށްފިއެވެ.

އެމެރިކާގެ ޑިޕާޓްމަންޓް އޮފް ސްޓޭޓުން އަލަށް ދަތިކުރުމުގެ ފިޔަވަޅު އަޅާ ކުންފުނިތައް ހާމަކުރާނީ އަންނަ ހަފުތާގައި ކަމަށް ޚަބަރުތައް ބުނެއެވެ.

ބޭރުގެ ކުންފުނިތަކާ ދެކޮޅަށް އެޅި ފިޔަވަޅުތަކުގެ ދަށުން، އެމެރިކާގައި ހުރި އެކުންފުނިތަކަށް ނިސްބަތްވާ މުދަލާއި ފައިސާ ފްރީޒްކުރާނެއެވެ. އަދި އެމެރިކާގެ އެއްވެސް ކުންފުންޏަކުން އެއިން ކުންފުންޏަކާއެކު އެއްވެސް މުޢާމަލާތެއްކުރުން މަނާވާނެއެވެ. އެމެރިކާގެ ސަލާމަތީ އިދާރާ ޕެންޓަގަންއިން ޗައިނާގެ ކުންފުނިތަކާއި ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅަން ފަށާފައި މިވަނީ އެކުންފުނިތަކުން އެމެރިކާގެ ކަސްޓަމަރުންގެ ޒާތީ މަޢުލޫމާތު ޗައިނާގެ ސަރުކާރާއި ހިއްސާކުރުމުން އެމެރިކާގެ ޤައުމީ ސަލާމަތައް ނުރައްކާވާކަމަށް ބުނެއެވެ. އެމެރިކާއިން ޗައިނާގެ އިތުރު 4 ކުންފުންޏަކާއި ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމުން މިހާރު އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އެޅި ޗައިނާ ކުންފުނިތަކުގެ އަދަދު 35އަށް އަރާނެއެވެ. މީގެ ތެރޭގައި މިއަހަރުގެ ކުރީ ކޮޅު ބްލެކްލިސްޓްކުރި ޗައިނާ މޯބައިލް ކުންފުންޏާއި، ހިކްވިޝަން ޗައިނާ ޓެލެކޮމް ކޯރޕް ކުންފުނިތައްފަދަ ބޮޑެތި ކުންފުނިތައް ހިމެނެއެވެ.

މިކަމާއި ގުޅޭގޮތުން ޗައިނާއިންވެސް އަދި ވައިޓްހައުސްއިންވެސް ރަސްމީކޮށް ވާހަކަދައްކާފައެއް ނުވެއެވެ. އެހެންނަމަވެސް، ވައިޓްހައުސްއިން ދާދިފަހުން ވަނީ ބްލެކްލިސްޓްކޮށްފައިވާ އެއްވެސް ކުންފުންޏަކާއެކު ވިޔަފާރީގެ އެއްވެސް މުޢާމަލާތެއް ނޮވެމްބަރުމަހުގެ ފަހު ހިންގާނަމަ ހަރުކަށި ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ދީފައެވެ. މިފަދައިން ވައިޓްހައުސްއިން ބުނެފައިމިވަނީ، އެމެރިކާގައި މަސައްކަތްކުރާ ގިނަ ކުންފުނިތަކަކުން އިޤްތިޞާދީގޮތުން ދަތި މިޙާލަތުގައި ޗައިނާގެ ކުންފުނިތަކާއެކު މުޢާމަލާތުނުކޮށް ފަރުޖެއްސެން ނެތްކަމަށް ބުނެ ގުޅިފައިވާ ބަޔާނެއްވެސް ނެރެފައިވާ ދަނޑިވަޅެއްގައެވެ.

ޗައިނާއާއި އެމެރިކާގެ އިޤްތިޞާދީ ހަނގުރާމައިގައި ދެ ޤައުގެ ގިނަ ކުންފުނިތަކަކަށް ދަނީ އަސަރުކުރަމުންނެވެ. އެގޮތުން އެމެރިކާއިން މިހާރު ދަނީ އެ ޤައުމުގައި ޓިކްޓޮކް އަދި ވީޗެޓް މަނާކުރުމަށް މަސައްކަތް ކުރަމުންނެވެ. އެހެންނަމަވެސް، މި ދެ އެޕްގެ މަޝްހޫރުކަމުގެ ސަބަބުން މި ދެ އެޕް މަނާކުރުމަށް އެމެރިކާއަށް ވަނީ ގޮން ޖެހުންތަކާއި ކުރިމަތިވެފައެވެ. އެގޮތުން އެމެރިކާގައި ޓިކްޓޮކް ބޭނުންކުރުން މަނާކުރުން މިމަހުގެ 27ގެ ނިޔަލަށް ފަސްކުރުމަށް އެ ޤައުމުގެ ސަރުކާރުން މިހާރު ވަނީ ނިންމާފައެވެ. މީގެ އިތުރުން ޗައިނާގެ ވާވޭ ކުންފުންޏާއި ދެކޮޅަށްވެސް އެމެރިކާއިން ވަނީ ދަތިކުރުމުގެ ފިޔަވަޅު އަޅާފައެވެ. ވާވޭއިން ވަނީ އެމެރިކާގެ ފިއްތުންތަކުގެ ސަބަބުން އެ ކުންފުންޏަށް ބޮޑެތި ގެއްލުންތަކާއި ކުރިމަތިލާންޖެހިފައިވާކަމަށް ބުނެފައެވެ.