ޚަބަރު

ބަޖެޓް ކޮމިޓީ މަރުހަލާ ނިންމައި، ރިޕޯޓް މާދަމާ ތަޅުމަށް ފޮނުވަނީ


އަންނަ އަހަރަށް ދައުލަތުން ލަފާ ކުރާ ބަޖެޓްގެ ކޮމިޓީ މަރުހަލާ ނިންމައި މާދަމާ ރިޕޯޓް ތަޅުމަށް ފޮނުވާނެ ކަމުގައި ބަޖެޓް ދިރާސާކުރައްވާ ކޮމިޓީގެ މުޤައްރިރު ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒު ވިދާޅުވެއްޖެއެވެ.

ބަޖެޓް ދިރާސާކުރެއްވުމަށް ކުރައްވަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން ނާޝިޒު ވިދާޅުވީ މިހާރު ކޮމިޓީގައި ކުރިއަށްދަނީ މަޖިލީހުގެ ތަޅުމުގައި މެމްބަރުން ފާޅުކުރެއްވި ޚިޔާލްތަކާއި، ހުށަހެޅުއްވި ކަންކަން ބަޖެޓުގައި ހިމެނުމާއިމެދު ކުރެވޭ މަޝްވަރާތައްކަމަށެވެ. މިމަސައްކަތް މިއަދާއި، މިރޭ ކޮމިޓީންކޮށް، ކޮމިޓީ މަރުހަލާއިން ބަޖެޓަށް ގެންނަންޖެހޭ ބަދަލުތަކާއިކު މާދަމަ ތަޅުމަށް ފޮނުވާނެކަމަށް ނާޝިޒު ވިދާޅުވިއެވެ.

އަންނަ އަހަރަށް ދައުލަތުން ލަފާކޮށް ހުށަހަޅާފައިވަނީ 34,787,720,151 (ތިރީސް ހަތަރު ބިލިއަން ހަތް ސަތޭކަ އައްޑިހަ ހަތް މިލިއަން ހަތް ސަތޭކަ ވިހި ހާސް އެއް ސަތޭކަ ފަންސާސް އެއް ރުފިޔާ)ގެ ބަޖެޓެކެވެ. ބަޖެޓްގެ ބަހުސް މަރުހަލާގައި 69 މެމްބަރަކު ބަހުސް ކުރައްވާފައިވާއިރު، ގިނަ މެމްބަރުންގެ ކަންބޮޑުވުންހުރީ ބަޖެޓްގައި ދަރަނި ބޮޑުވުމުގެ މައްޗަށެވެ.

ބަޖެޓާ ގުޅޭގޮތުން މެމްބަރުން ދެއްކެވި ވާހަކަތަކާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވަނީ އަންނަ އަހަރަށް ލަފާކޮށް ހުށައަޅާފައިވާ 34.6 ބިލިިޔަން ރުފިޔާގެ ބަޖެޓަކީ މިއަދުގެ ހާލަތަށްބަލައި ހުށައެޅޭނެ އެންމެ ރަނގަޅު ބަޖެޓްކަމަށެވެ. އެގޮތުން މިވަގުތަށް މުހިންމު ގިނަ ކަންތައްތަކަށް ބަޖެޓްގައި ފައިސާ ކަނޑައަޅާފައިވާނެކަމަށާއި އެގޮތުން ސިއްޙީ ދާއިރާއަށް 4ބިލިޔަން ރުފިޔާއާއި، ތަޢުލީމީ ދާއިރާއަށް 3.9ބިލިޔަން ރުފިޔާ، އިޖްތިމާޢީ ދާއިރާއަށް 3.7ބިލިޔަން ރުފިޔާ ހިމަނާފައިވާއިރު ގެދޮރު އިމާރާތްކުރުމަށް 2.3 ބިލިޔަން ރުފިޔާއާއި ތިމާވެށި ރައްކާތެރިކުމަށް 1.8 ބިލިޔަން ރުރިޔާ ބަޖެޓްގައި ހިމަނާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ބަޖެޓް ބަހުސްގައި ބައެއް މެންބަރުން ދަޢުލަތުގެ ދަރަނި އިތުރުވަމުންދާކަމަށް ވިދާޅުވަމުންދާއިރު ދައުލަތަށް ދަރަނި ނެގުމަކީ ހަމައެކަނި މިއަދުގެ ސަރުކާރުން ކުރިކަމެއް ނޫންކަމަށެވެ. ރައީސް ޔާމީނު ވެރިކަމާއި ހަވާލުވިއިރު ރާއްޖޭގެ ދަރަނި އޮތީ 26 ބިލިޔަން ރުފިޔާގައިކަމަށާއި އެމަނިކުފާނު ވެރިކަމުން ފައިބައިވަޑައިގެންނެވިއިރު ދައުލަތުގެ ދަރަނި 60 ބިލިޔަން ރުފިޔާއަށް އަރާކަމަށް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނުގެ ސަރުކާރަށް މިހާތަނަށް އަދި ނެގުނީ 15ވަރަކަށް ބިލިޔަން ރުފިޔާގެ ދަރަނިކަން ފާހަގަކުރައްވަމުން ރައީސް ޞާލިޙް ވިދާޅުވީ 2008 ވަނަ އަހަރު އެމްޑީޕީގެ ސަރުކާރު ވެރިކަމަށް އައިއިރު ރާއްޖޭގެ ދަރަނިއޮތީ 6.5 ބިލިޔަން ރުފިޔާގައިކަމަށާއި 3އަހަރަށްފަހު ވެރިކަމުން ވަކިވިއިރު އެއަދަދު 26 ބިލިޔަންރުފިޔާއަށް އަރާފައިވާކަމަށެވެ.