ހދ ވައިކަރަދޫގައި މޫދަށް ދިޔަ ދޮށީ އުމުރުގެ މީހަކު ގޮނޑުދޮށުގައި މަރުވެފައި އޮއްވައި ފެނިއްޖެއެވެ.
ވައިކަރަދޫ ކައުންސިލްގެ ރައީސް، އަހުމަދު ނަސީމް ވިދާޅުވީ، މިއަދު ހެނދުނު 9:00 ހާއިރު، ގޮނޑު ދޮށުގައި މަރުވެފައި އޮއްވައި ފެނުނީ، އެރަށު ދުންފިނިގޭ، މުހައްމަދު ނަޒީރު (69އ) ކަމަށެވެ،
ނަސީމް ވިދާޅުވީ، އުމުރުން ދުވަސްވީ އެމީހާ ފެނިފައިވަނީ، އެރަށުގެ އިރުމަތީ ފަރާތު ގޮނޑުދޮށުން ރާޅު ޖަހާފަށުގައި އޮއްވައި އެސަރަހައްދަށް ދިޔަ އަންހެނަކަށް ކަމަށެވެ. އަދި ވަގުތުން އޭނާ ނަގައިގަނެގެން، ވައިކަރަދޫ ސިއްޙީ މަރުކަޒަށް ގެންދިޔައިރުވެސް ނިޔާވެފައިވާ ކަމަށް، ވައިކަަރަދޫ ސިއްޙީ މަރުކަޒުން އޭނާގެ ހަށިގަނޑު ބެއްލެވި ޑޮކްޓަރުން ވިދާޅުވެފައިވާ ކަމަށެވެ.
ނަސީމް ވިދާޅުވީ، މަރުވި އެމީހާއަކީ ވަކި އުމުރުން ދުވަސްވުން ފިޔަވައި ވަކިއެހެން ބައްޔެއް ހުންނަ މީހެއްކަން އެނގިފައި ނުވާ ކަމަށެވެ.
ވައިކަރަދޫ ކައުންސިލްގެ ރައީސް އަހުމަދު ނަސީމް ވިދާޅުވީ، ނިޔާވި، ނަޒީރުގެ އާއިލާގެ ބައެއް މީހުން ޖަނާޒާގައި ބައިވެރިވުމަށް ރަށަށް އަންނާތީ، މަރުވި މީހާގެ ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިރޭގައި ކަމަށެވެ.