މަސްތުވާ ތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރެއިން ހިންގި އޮޕަރޭޝަންތަކެއްގައި މަސްތުވާތަކެއްޗާއެކު ހަތަރު މީހަކު ހައްޔަރު ކޮށްފިއެވެ.
އެގޮތުން ހިންގި އެއް އޮޕަރޭޝަނަކީ މާލޭގައި މަސްތުވާތަކެތި ބޭނުންކޮށް އެތަކެތި ގެންގުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން މި މަހުގެ 18 ވަނަ ދުވަހު ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް އާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން، ހިންގި އޮޕަރޭޝަނެއް ކަމަށް ފުލުހުން ވިދާޅުވެއެވެ. މި އޮޕަރޭޝަންގައި މާލޭ މަގުމަތިން 35 އަހަރުގެ ދިވެހި ފިރިހެނަކު ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ބޮޑު ދެ ރަބަރު ޕެކެޓު ފެނިފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.
އަދި ހުޅުމާލޭ ފްލެޓެއްގައި މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެންވެސް މިމަހުގެ 18 ވަނަ ދުވަހު އޮޕަރޭޝަނެއް ހިންގާފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ. ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި 36 އަހަރުގެ ފިރިހެނަކާއި، 28 އަހަރުގެ އަންހެނަކު ހައްޔަރުކޮށްފައިވެއެވެ.
މި ދެމީހުންނަކީވެސް ދިވެހިންނެވެ. ކޯޓު އަމުރެއްގެ ދަށުން އެ މީހުން ހައްޔަރުކޮށް، އެމީހުން ދިރިއުޅޭ ފްލެޓް ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ފިލްމު ހުސްކުރި 30 ދަޅު ފެނިފައިވެއެވެ. މި މައްސަލައާ ގުޅިގެން އެ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޟިރުކުރުމުން މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބޭތިއްބުމަށް ތިން ދުވަހުގެ މުއްދަތު ދީފައިވެއެވެ.
މީގެ އިތުރުން، ކޮލަމާފުށީގައި މަސްތުވާތަކެތި ގެންގުޅޭ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން އެ ރަށުގައިވެސް މަސްތުވާތަކެތީގެ އޮޕަރޭޝަނެއް ފުލުހުން ވަނީ ހިންގާފައެވެ. މި މަހުގެ 17 ވަނަ ދުވަހު ކޮލަމާފުށި ޕޮލިސް ސްޓޭޝަނުން ހިންގި އެ އޮޕަރޭޝަނުގައި 37 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށް ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 39 ރަބަރު ޕެކެޓާއި ރަބަރުކޮޅެއް ފެނިފައިވާކަމަށް ފުލުން މައުލޫމާތު ދެއެވެ. މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޟިރުކުރުމުން މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތެއްވަނީ ދީފައެވެ.
މި މައްސަލަތައް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.