ޚަބަރު

ޖޭއެސްސީ އެކުލެވިގެންވާގޮތް ބަދަލުކުރަން އަދި ލަހެއްނުވޭ: ރައީސް ނަޝީދު


ޖުޑިޝަލް ސާރވިސް ކޮމިޝަން، ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރަން ލަސްނުވާކަމަށާއި، އެކަން މިސަރުކާރުން ކުރައްވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަޖިލީހުގެ ރައީސް ނަޝީދު ވިދާޅުވީ، މިސަރުކާރުގެ ވަޢުދާއެއްގޮތަށް މިފަސް އަހަރު ނިމުމުގެ ކުރިން އެކަން ކުރައްވާނެކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ މިހާރު ރާއްޖޭގެ ޝަރުޢީ ނިޒާމާމެދު ރައްޔިތުންގެ އިތުބާރު ބޮޑުވެފައިވާކަމަށާއި، ފަނޑިޔާރުން ޝަރީޢަތްތައް ކުރިއަށް ގެންދިއުންވެސް ރަނގަޅުވެފައިވާކަމަށެވެ.

"ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަލު ކުރުން އަޅުގަނޑަށް ފެންނަ ގޮތުގައި ލަހެއްނުވޭ. އެއީ އެމްޑީޕީގެ ވަޢުދެއް. އެއީ ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގައިވެސް ހިމެނޭކަމެއް. އަޅުގަނޑުދެކޭ ގޮތުގައި އަޅުގަނޑުމެންގެ ފަސްއަހަރު ތެރޭ އެކަން ކުރާނެ."މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވިއެވެ.

ޖޭއެސްސީގެ ކޮމްޕޮޒިޝަން ނުވަތަ އެކުލެވިގެންވާގޮތް ބަދަލުކުރުމަކީ މިސަރުކާރުގެ ވަޢުދެކެވެ. ޤާނޫނު އަސާސީގައި ބުނާގޮތުން ޖުޑީޝަލް ސާރވިސް ކޮމިޝަން އެކުލެވިގެން ވާނީ، މަޖިލީހުގެ ރައީސް އާއި މަޖިލީހުގެ މެންބަރުންގެ ތެރެއިން އެމަޖިލީހުން ކަނޑައަޅާ މެންބަރުންގެ މައްޗަށް އެކުލެވޭ 10 މެންބަރުންގެ މައްޗަށެވެ.