ޚަބަރު

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ކާމިޔާބުކަމާއެކު ލޮލުގެ އޮޕަރޭޝަނެއްކޮށްފި


ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ލޮލުގެ ބޮޑު އޮޕަރޭޝަނެއް ކާމިޔާބުކަމާއިއެކު ކޮށްފިއެވެ.

މިއީ ލޮލުގައި އުފެދިފައިވާ މަސްކޮޅެއް ކެހުމަށް އެ ހޮސްޕިޓަލުގައި ކުރި ފުރަތަމަ އޮޕަރޭޝަނެވެ.

ހދ ކުމުންދޫއަށް ނިސްބަތްވާ 46 އަހަރުގެ އަންހެނެއްގެ ލޮލުގައި އުފެދިފައިވާ މަސްކޮޅެއް ކެހުމަށްފަހު، ލޮލުގެ އެހެން ސަރަހައްދަކުން ގުރާފްޓް ނަގައި ލެއްވުމުގެ ކާމިޔާބު މި އޮޕަރޭޝަންކޮށްފައި ވަނީ، އެ ހޮސްޕިޓަލްގެ ލޮލުގެ ބަލިތަކުގެ ޑޮކްޓަރު ރާޝިމް ތާކުރެވެ.

މިކަމާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ހޮސްޕިޓަލުގެ މެނޭޖަރު އަހުމަދު ދާއޫދު ވިދާޅުވީ، މިފަދަ އޮޕަރޭޝަންތައްވެސް ކުރަން މީގެ ކުރިން ބަލި މީހުން ފޮނުވަނީ މާލެކަމަށާއި ނަމަވެސް ކުރިއަށް އޮތްތަނުގައި ލޮލުގެ މިފަދަ އޮޕަރޭޝަންތައް ކުރެވޭވަރުގެ ގާބިލުކަން ހޮސްޕިޓަލަށް ލިބިގެންދިޔުމަކީ ވަރަށް ބޮޑު ކުރިއެރުމެއްކަމަށެވެ.

އަތޮޅުތެރޭގެ ހޮސްޕިޓަލްތައް ތަރައްގީކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއުގެ ތެރެއިން ކޭއާރްއެޗަށް ދާދިފަހުން ވަނީ ގިނަ އަދަދެއްގެ މެޝިނަރީޒް ފޮނުވާފަ އެވެ. އެގޮތުން ލޮލުގެ މި އޮޕަރޭޝަންވެސް ކުރެވިގެން މިދިޔައީ ލޮލުގެ ޑިޕާޓްމަންޓަށް އަލަށް ލިބުނު މެޝިނަރީޒް އެހީގައިކަމަށް އެހޮސްޕިޓަލުން ވިދާޅުވެއެވެ.

މިދިޔަ ދޮޅު އަހަރުގެ ތެރޭގައި ކޭއާރުއެޗުން އަންނަނީ ކާމިޔާބު ގިނަ އޮޕަރޭޝަންތަކެއް ކުރަމުންނެވެ. އެގޮތުން ފާހަގަކޮށްލެވޭ ބައެއް އޮޕަރޭޝަންތަކަށް ބަލާއިރު ޒުވާނެއްގެ ރަހިމުން ބޮޑު ސިސްޓެއް ނަގާފައިވާއިރު ހަކުރު ބަލީގެ މީހެއްގެ ހާނިޔާ ނެގުމުގެ ބޮޑު އޮޕަރޭޝަނެއްވެސް ކޮށްފައެވެ.

މީގެ އިތުރުން ފުރަތަމަ ފަހަރަށް އެ ހޮސްޕިޓަލްގައި ވަނީ ޕްލޭޓް ލައްވައިގެން މީހެއްގެ ފައިގެ ކުޑަހުޅު ކަށިގަނޑެއް ގުޅުވަން އޮޕަރޭޝަނެއްވެސް ކޮށްފައި ވެއެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަކީ އަތޮޅުތެރޭގެ އެންމެ ގިނަ މީހުން ހިދުމަތް ހޯދަމުންދާ ހޮސްޕިޓަލެވެ. ތަފާސް ހިސާބުތަކުން ދައްކާގޮތުގައި އެ ހޮސްޕިޓަލުން އެވްރެޖްކޮށް ދުވާލަކު 400 އަށްވުރެގިނަ މީހުން ހިދުމަތް ހޯދައެވެ.