ކުޅިވަރު

ފިންލޭންޑް ބަލިކޮށް ވޭލްސް ޕްރޮމޯޓްވެއްޖެ


ނޭޝަންސް ލީގުގެ ގުރޫޕްގެ ފަހުމެޗު ކާމިޔާބުކޮށް ދެންއޮންނަ މުބާރާތެއްގެ ލީގް އޭ އަށް ވޭލްސް ޕްރޮމޯޓްވެއްޖެއެވެ.

ވޭލްސްގެ ކާޑިފްގައި ކުޅުނުމެޗު 10 މީހުންނާއެކު ކުޅުނު ފިންލޭންޑް މައްޗަށް ވޭލްސްއިން ކުރި ހޯދީ 3-1 ލަނޑުންނެވެ. މެޗުގައި ވަރަށް ކުރީކޮޅު ފިންލޭންޑްގެ ޖެރޭ އުރޮނެންއަށް ވަނީ ރަތްކާޑު ދައްކާފައެވެ. މެޗުގައި ވޭލްސްއަށް ލަނޑުތައް ޖަހައިދިނީ ހެރީ ވިލްސަން ޑެނިއަލް ޖޭމްސްގެ އިތުރުން ކިއެފާ މޫރޭއެވެ. ފިންލޭންޑްގެ ލަނޑު ކާމިޔާބުކޮށްދީ ޓީމޫ ޕުއްކިއެވެ. އެޓީމުން ވަނީ ރޭގައި ހޯދި މޮޅާއެކު ބަލިނުވެ ފުރަތަމަފަހަރަށް 11 މެޗު ހަމަކޮށްފައެވެ.

ރޭގައި މި ގުރޫޕްގައި އަޔަލެންޑާއި ބަލްގޭރިޔާ ވާދަކުރި މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. ލީގު އޭ އަށް ވޭލްސް ޕްރޮމޯޓްވީ ގުރޫޕްގައި ކުޅުނު ހަމެޗުން 16 ޕޮއިންޓްހޯދައިގެންނެވެ. ފިންލޭންޑް ދެވަނައަށް ދިޔައީ 12 ޕޮއިންޓާއެކުގައެވެ. ތިންވަނައަށް ދިޔަ އަޔަލޭންޑަށް ގުރޫޕުން ލިބުނީ 3 ޕޮއިންޓެވެ. ރެލިގޭޓްވީ ދެ ޕޮއިންޓާއެކު ބަލްގޭރިޔާއެވެ. ލީގު އޭއަށް ޕްރޮމޯޓްވުމާއެކު ވޭލްސްވަނީ 2022 ވަނަ އަހަރު މުބާރާތުގައި ޔޫރަޕުގެ ވަރުގަދަ ގައުމުތަކާ ވާދަކުރަން ޖެހިފައެވެ. އަދި އެހަރު އޮންނަ ވޯލްޑްކަޕް ޕްލޭއޯފް ބުރުންވެސް ވޭލްސްވަނީ ޖާގަކަށަވަރުކޮށްފައެވެ.