ކުޅިވަރު

ނޭޝަންސްލީގުގެ ފައިނަލުބުރުގެ ފަހުޖާގަ އިޓަލީން ކަށަވަރުކޮށްފި


ނޭޝަންސްލީގުގައި ފައިނަލުބުރުގެ ފަހުޖާގަ އިޓަލީން ކަށަވަރުކޮށްފިއެވެ.

ރޭ ރަށުން ބޭރުގައި ބޮސްނިޔާގެ މައްޗަށް 2-0 ލަނޑުން ކުރި ހޯދައިގެން އިޓަލީން ވަނީ މުބާރާތުގެ ފައިނަލުބުރުން ޖާގައި ހޯދައިފައެވެ. މެޗުގައި އިޓަލީން ފުރަތަމަ ލަނޑު ފުރަތަމަހާފްގައި 22 ވަނަމިނެޓުގައި ކާމިޔާބުކޮށްދިނީ އަންދްރޭ ބެލޮޓީއެވެ. ފަހު ލަނޑު މެޗުގެ 68 ވަނަ މިނިޓުގައި ކާމިޔާބުކޮށްދިނީ ޑޮމެނިކޯ ބެރާރްޑީއެވެ.

އިޓަލީ ފައިނަލުބުރުގެ ފަހުޖާގަ ކަށަވަރުކުރީ އެޓީމުގެ ކޯޗާ ނުލައެވެ. އެއީ އެޓީމުގެ ކޯޗު ރޮބާޓޯ މަންޗީނީ ކޮވިޑަށް ޕޮޒިޓްވެ ޓީމާއެކަހެރިވެ ހުންނަ ޖެހުމުންނެވެ. ފަހު ދެމެޗުގައި މަންޗީނީގެ ބަދަލުގައި ޓީމަށް އިރުޝާދު ދީފަވަނީ އެސިސްޓެންޓް ކޯޗު އަލްބެރިކޯ އިވާނީއެވެ.

ރޭ މިގުރޫޕްގައި ނެދަލޭންޑްސްއާ ޕޯލެންޑް ވާދަކުރި މެޗު 2-1 ލަނޑުން ކާމިޔާބުކޮށް ނެދަލޭންޑްވަނީ މޮޅަކުން މުބާރާތް ނިންމާލާއިފައެވެ. މެޗުގައި ފުރަތަމަ ލަނޑުޖަހާ ކުރިހޯދީ ޕޮލެންޑުންނެވެ. މެޗުގެ ފަސްވަނަމިނިޓުގައި މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ކާމިލް އޮޒްވިއަކްއެވެ. ނެދަލޭންޑްސްއިން ނަތީޖާ ހަމަހަމަ ކުރީ މެޗުގެ ދެވަނަހާފްގައި ލިބުނު ޕެނަލްޓީއަކުން މެޕިސް ޑިޕޭއެވެ. މެޗުން ނެދަލޭންޑް މޮޅުވިލަނޑު ކާމިޔާބުކުރީ ކެޕްޓަން ޖިއޯގީނޯ ވިންލްޑަމްއެވެ.

އިޓަލީ ފައިނަލު ބުރަށް ދައިއީ ކުޅުނު ހަމެޗުން 12 ޕޮއިންޓް ހޯދައިގެންނެވެ. ރޭގައި މޮޅާއެކު ނެދަލޭންޑްސްއަށް ހަމަކުރެވުނީ ހަމެޗުން 11 ޕޮއިންޓެވެ. ޕޯލެންޑަށް ތިންވަނަ ލިބުނީ 7 ޕޮއިންޓާއެކުއެވެ. ގުރޫޕުން ލީގް ބީ އަށް ރެލިގޭޓްވީ ދެ ޕޮއިންޓާއެކު ފުލަށްދިޔަ ބޮސްނިޔާއެވެ.