ކުޅިވަރު

ބެލްޖިއަމްއަށް ފައިނަލު ބުރުގެ ޖާގައެއް ކަށަވަރު


ނޭޝަންސް ލީގު ފުޓްބޯޅަމުބާރާތާގުއި ދުނިޔޭގެ ރޭންކިން އެއްވަނައިގައިވާ ބެލްޖިއަމުން ފައިނަލު ބުރުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.

ބެލްޖިއަމް ފައިނަލުބުރުން ޖާގަކަށަވަރު ކުރީ އެޓީމު ހިމެނޭ ގުރޫޕްގެ ފަހު މެޗު ޑެންމާކުގެ މައްޗަށް ކުރިހޯދައިގެންނެވެ. ބެލްޖިއަމްގައި ކުޅުނު މެޗު ޑެންމާކުގެ މައްޗަށް ކުރި ހޯދީ 4-2 ލަނޑުންނެވެ. މެޗުގައި ބެލްޖިއަމްގެ ރޯމަލޫ ލުކާކޫ ދެލަނޑު ޖެހިއިރު އަނެއް ދެލަނޑު ކާމިޔާބުކޮށްދިނީ ޔޫރީ ޓައިލެމަންސް އާއި ކެވިން ޑި ބްރޭނާއެވެ. މެޗުގައި ޑެންމާކުން ލަނޑުޖެހީ ޖޮނަސް ވިންޑްއެވެ. ޑެންމާކުންޖެހި ފަހު ލަނޑަކީ ބެލްޖިއަމްގެ ކީޕަރު ތިބޮޓް ކޯޓުއަރ އަތުން ބައިކޮޅަށް ވަތްލަނޑެކެވެ.

ރޭގައި މެޗުގައި ލުކާކު ޖެހި ދެލަނޑާއެކު އޭނާ ވަނީ އެންމެފަހުން ބެލްޖިއަމް ކުޅުނު 14 މެޗުގައި 17 ލަނޑު ކާމިޔާބުކޮށްފައެވެ. މުބާރާތުގެ ފައިނަލު ބުރުން ބެލްޖިއަމް ޖާގަކަށަވަރުކުރީ ގުރޫޕްގެ އެއްވަނައިގައި 15 ޕޮއިންޓް ހޯދައިގެންނެވެ. ދެންގުރޫޕްގައި ހިމެނޭ ޑެންމާކާއި އިންގްލަންޑަށް ލިބުނީ 10 ޕޮއިންޓެވެ. ގުރޫޕުން ޕޮއިންޓެއް ނުލިބި ލީގް ބީ އަށް ރެލިގޭޓްވީ އައިސްލޭންޑްއެވެ.