ދުނިޔެ

ފައިޒާގެ ވެކްސިން އަޖުމަ ބެލުން ނިންމާލީ 95 އިންސައްތަ ކާމިޔާބާއިއެކު، އުފާވެރި ޚަބަރެއް!


އެމެރިކާގެ ފައިޒާއިން ކޯވިޑް-19 ޖައްސާ ކޮރޯނާވައިރަހާއި ދެކޮޅަށް ތައްޔާރުކޮށްފައިވާ ވެކްސިންގެ ކާމިޔާބީގެ ނިސްބަތަކީ 95 އިންސައްތަކަމަށް ތަހުލީލުތަކުގެ ތިންވަނަ މަރުހަލާގެ އެންމެ ފަހު ނަތީޖާއިން ދައްކައިފިއެވެ. ފައިޒާގެ ވެކްސިން ތަހުލީލުތަކުގައި 43،661 މީހުންވަނީ ބައިވެރިވެފައެވެ. އޭގެ ތެރެއިން 41،135 މީހުންނަށްވަނީ ވެކްސިން ނުވަތަ އެ ދެވެނީ ވެކްސިންކަމަށް ހީވާފަދަ ޕްލެސީބޯއެއްގެ ދެ ޑޯޒު ދީފައެވެ.

ފައިޒާއިން ބުނީ ތަހުލީލުގައި ބައިވެރިވި މީހުންގެ ތެރެއިން 170 މީހަކަށް ކޯވިޑް-19 ޖެހިފައިވާކަމަށާއި އޭގެ ތެރެއިން 162 މީހުންނަކީ ވެކްސިންގެ ބަދަލުގައި ޕްލެސީބޯ ދީފައިވާ މީހުންކަމަށެވެ. ބާކީ ތިބި އަށް މީހުންނަކީ ތަހުލީލުކުރަމުންދާ ވެކްސިން ދީފައިވާ މީހުންނެވެ. މި ޢަދަދުތަކުން ހިސާބުކުރާނަމަ ވެކްސިންގެ ކާމިޔާބީގެ ނިސްބަތަކީ 95 އިންސައްތައެވެ. މީގެ ކުރިން ފައިޒާއިން ވެކްސިން މަސައްކަތްކުރާ މިންވަރާއި އޭގެ ރައްކާތެރިކަމާއި ގުޅޭގޮތުން އިތުރު ދެ އަހަރުވަންދެން މަޢުލޫމާތު އެއްކުރަމުންދާނެކަމަށް ފައިޒާއިން ބުންޏެވެ.

ފައިޒާއާއި އެ ކުންފުންޏާއިއެކު ވެކްސިން އުފެއްދުމުގެ މަސައްކަތުގައި ބައިވެރިވާ ޖަރުމަނުވިލާތުގެ ބަޔޯއެންޓަކުން ބުނީ ހުރިހާ އުމުރަކާއި ނަސްލެއްގެ މީހުންގެ މެދުގައިވެސް ވެކްސިންގެ ކާމިޔާބުކަމަށެވެ. އުމުރުން 65 އަހަރުން މަތީގެ މީހުންގެ މެދުގައިވެސް 94 އިންސައްތަ ކާމިޔާބީއެއް ފާހަގަވެފައިވާކަމަށް ދެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުންޏެވެ.

ފައިޒާއިން ބުނީ ބަލި ޖެހުނު 170 މީހުންގެ ތެރެއިން 10 މީހުންގެ ޙާލު ދެރަވެފައިވާކަމަށެވެ. އޭގެ ތެރެއިން ނުވަ މީހުންނަކީ ޕްލެސީބޯ ދީފައިވާ މީހުންނެވެ. ވެކްސިން ދީފައިވާ މީހުންގެ ތެރެއިން ޙާލު ދެރަވީ އެންމެ މީހެއްގެއެވެ.

ތަހުލީލުގެ ނަތީޖާތައް ގާތުން ބަލަމުންދާ މިނިވަން ޑާޓާ މޮނިޓަރިން ކޮމިޓީން މިހާތަނަށް ވެކްސިންގެ ރައްކާތެރިކަމުގައި ބޮޑެތި މައްސަލަތަކެއް ހުރިކަމަށް ފާހަގަކޮށްފައި ނުވާކަމަށް ދެ ކުންފުނިން ބުންޏެވެ. ފާހަގަވެފައިވާ ހަމައެކަނި ސައިޑް އިފެކްޓަކީ ބައެއް މީހުން ވަރުބަލިވުންކަމަށް އެ ފަރާތުން ބުންޏެވެ.

ފައިޒާއިން ބުނީ ކުރިއަށް އޮތް ދުވަސްކޮޅުގެ ތެރޭގައި ކުއްލި ޙާލަތުގައި ވެކްސިން ބޭނުންކުރުމުގެ ޙުއްދަ ނުވަތަ އީޔޫއޭއަކަށް އެމެރިކާގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީގައި އެދޭނެކަމަށެވެ. އަދި ބޭހައި ވެކްސިނަށް ޙުއްދަދޭ ދުނިޔޭގެ އެހެން އޭޖެންސީތަކަށް ވެކްސިންގެ ތަހުލީލުތަކުގެ ނަތީޖާ ޙިއްޞާކުރުމުގެ ޙުއްދައަށްވެސް އެދޭނެކަމަށް އެ ކުންފުނިން ބުންޏެވެ. ކުއްލި ޙާލަތުގައި ބޭސް ބޭނުންކުރުމުގެ ޙުއްދަ އެފްޑީއޭއިން ދިން ނަމަވެސް އާންމުކޮށް ލިބޭގޮތަށް ވެކްސިން ބާޒާރަށް ނެރުމަށް އިތުރު ވަގުތު ނަގާނެއެވެ.

މި އަހަރުގެ ތެރޭގައި ފައިޒާގެ ވެކްސިންގެ 50 މިލިއަން ޑޯޒް އުފެއްދުމަށް ފައިޒާއާއި ބަޔޯއެންޓެކުން އުންމީދުކުރެއެވެ. 2021ވަނަ އަހަރު ނިމުމުގެ ކުރިން ވެކްސިންގެ 1.3 ބިލިއަން ޑޯޒު އުފެއްފުމަށް ދެ ކުންފުނިންވަނީ އަމާޒު ހިފާފައެވެ.

ފައިޒާ-ބަޔޯއެންޓެކުގެ ވެކްސިން ރައްކާކުރަންޖެހެނީ މައިނަސް 70 ޑިގްރީ ސެލްސިއަސްގައެވެ. އެއީ އެންމެ ފިނި އާކްޓިކުގައި ފިނިހޫނުމިން ހުންނަ މިންވަރެވެ. އޭގެ ސަބަބުން އެ ވެކްސިން ރައްކާކޮށްފައި ބެހެއްޓުމުގައި ގިނަ ގޮންޖެހުންތަކެއް އެބަހުއްޓެވެ. ނަމަވެސް ފައިޒާއިން ބުނީ އެ މައްސަލައަށް އެދެވޭ ޙައްލެއް ހޯދިފައިވާކަމަށެވެ.