ތަޢުލީމު

ރަސްމީ ގަޑިއަށް އައި ބަދަލާއިއެކު ސްކޫލް ގަޑިތަކަށްވެސް ބަދަލެއް


މާދަމާއިން ފެށިގެން ސަރުކާރުގެ ރަސްމީ ގަޑިއަށް ގެނައި ބަދަލާއެކު، ސްކޫލްތަކުން ޢަމަލުކުރާނެ ގޮތްތައް އެޑިޔުކޭޝަން މިނިސްޓްރީން ސްކޫލްތަކަށް އަންގައިފިއެވެ.އެޑިޔުކޭޝަން މިނިސްޓްރީން ސްކޫލްތަކަށް ފޮނުވި ސަރކިއުލަރގައި، ސްކޫލްތަކުން މިހާރުވެސް ކިޔަވައިދެމުންދާ ޓައިމްޓޭބަލަށް ކިޔަވައިދެމުން ގެންދިޔުމަށާއި، ދަންފަޅި 6 ގަޑިއިރަށްވުރެ އިތުރުވާނަމަ، ފުރަތަމަ ހަފްތާގައި، ކިޔަވައިދިނުން މިހާރެކޭ އެއްގޮތަށް ކުރިއަށްގެންދިޔުމަށް ވަނީ އަންގާފައެވެ. އަދި އެމިނިސްޓްރީގެ ޒޯން ކޯޑިނޭޓަރުންނާ މަޝްވަރާކޮށްގެން ޓައިމްޓޭބަލް އެޖެސްޓްކޮށް އެޓައިމްޓޭބަލާއި އެއްގޮތަށް އަންނަ ހަފްތާގެ ބުރާސްފަތި ދުވަހުން ފެށިގެން ކިޔަވައިދޭން ފެށުމަށްވެސް ވަނީ އަންގާފައެވެ.މިބަދަލާއެކު ޓީޗަރުންގެ ކިޔަވައިދިނުމުގެ މަސައްކަތް އިންތިޒާމުކުރުމުގައި 6 ގަޑިއިރަށްވުރެ އިތުރުނުވާގޮތަށް މަސައްކަތް ހަމަޖެއްސުމަށް ވަނީ އަންގާފައެވެ.ދެދަންފަޅިއަށް މަސައްކަތްކުރާ ޓީޗަރެއްނަމަ ކިޔަވައިދިނުމުގައި ހޭދަކުރާ ވަގުތު ޖުމްލަ 6 ގަޑިއިރަށްވުރެ އިތުރުނުވާގޮތަށް ޓައިމްޓޭބަލް އެޖެސްޓްކުރުމަށްވެސް އެޑިޔުކޭޝަން މިނިސްޓްރީން ވަނީ އަންގާފައެވެ.މީގެ އިތުރަށް ސްކޫލްގެ ދަންފަޅި ފެށެންވާއިރަށް ސްކޫލަށް ނިކުންނަޖެހޭ އިދާރީ މުވައްޒަފުންެ މަސައްކަތްވެސް 6 ގަޑިއިރަށްވުރެ އިތުރުނުވާގޮތަށް އިންތިޒާމުކުރުމަށާ މަސައްކަތުގެ ވަގުތުގައި 30 މިނެޓުގެ ހުސްވަގުތުކޮޅެއް ކޮންމެ މުވައްޒަފަކަށްވެސް ދިނުމަށް އެޑިޔުކޭޝަން މިނިސްޓްރީން ވަނީ ސްކޫލްތަކަށް އަންގާފައެވެ.