ޚަބަރު

އިސްލާމިކް އާރޓް ކޮމްޕެޓިޝަންގެ އެއްވަނަ މުޙައްމަދު އަކްމަލް އާދަމަށް


ރާއްޖެ އިސްލާމްވި ދުވަހާއި ގުޅިގެން އިސްލާމީ ހަމަތަކަށް ފެތޭގޮތަށް ކުރިއަށްގެންދިޔަ ކުރެހުމުގެ މުބާރާތުން އެއްވަނަ މުޙައްމަދު އަކުމަލް އާދަމް ހޯދައިފިއެވެ.

އުމުރުން 10 އަހަރުގެ އަކުމަލް މުބާރާތުގެ އެއްވަނަ ހޯދާފައިވަނީ، ގެފުޅަކީ ކޮންތަނެއްކަމާއި، ގެފުޅަށް ޒިޔާރަތް ކުރުމުގެ ބޭނުން އެނގޭގޮތަށް ކުރެހުން ހުށައަޅައިގެންނެވެ. އަކްމަލްއަށް ވަނީ 1500 ރުފިޔާގެ ފައިސާގެ އިނާމެއް ދީފައެވެ.

މުބާރާތުގެ ދެވަނަ ލިބިފައިވަނީ އުމުރުން 13 އަހަރުގެ މަރިޔަމް މަލަކާ މަމްދޫހަށެވެ. ގެފުޅުގެ ބައިން ދެވަނަ ހާސިލްކޮށްގެން މަލަކާއަށް ވަނީ 1000 ރުފިޔާގެ ފައިސާގެ އިނާމެއް ދީފައެވެ.

މުބާރާތުގެ ތިންވަނަ ހާސިލްކޮށްގެން އުމުރުން 12 އަހަރުގެ އިބްރާޙިމް ޝާދިން އަލީ ވަނީ 700 ރުފިޔާ އިނާމު ހާސިލްކޮށްފައެވެ. ޝާދިންވެސް ވަނަ ހާސިލްކޮށްފައިވަނީ ގެފުޅު ގެ ބަޔަށް ކުރެހުން ހުށައަޅައިގެނެވެ.

ކުރެހުމުގެ މި މުބާރާތުގައި ހަތަރުވަނަ ހާސިލްކުރީ އުމުރުން 6 އަހަރުގެ ފާޠިމަތު ނީރާ އަޙްމަދުއެވެ. ނީރާއަށް އިނާމެއްގެ ގޮތުގައި ލިބިފައިވަނީ 500 ރުފިޔާގެ ފައިސާގެ އިނާމެކެވެ. ނިރާ ކުރަހާފައި ވަނީ ނަމާދާ ގުޅޭ ކުރެހުމެކެވެ.

މީގެ އިތުރުން ގެފުޅުގެން ކުރެހުމެއް ކުރަހަިއގެން މުބާރާތުގެ 5 ވަނަ ހާސިލް ކުރީ އުމުރުން 12 އަހަރުގެ ރާއިއާ ރަޝީދެވެ. ރާއިއާއށް އިނާމެއްގެ ގޮތުގައި 300 ރުފިޔާގެ ފައިސާގެ އިނާމެއް އިސްލާމިކް މިނިސްޓްރީން ވަނީ ދެއްވާފައެވެ.

ރާއްޖެ އިސްލާމްވި ދުވަހާ ގުޅިގެން ކުރިއަށް ގެންދިޔަ ކުރެހުމުގެ މިމުބާރާތަކީ ކުޑަކުދިންގެ މެދުގައި އިސްލާމީ އަޚްލާޤު އަށަގަންނުވައި އިސްލާމީ އަޤީދާގެ މަތީގައި އުފެއްދުންތެރި ޖީލެއް ބިނާކުރުމަށްޓަކައި ކުރިއަށްގެންދިޔަ މުބާރާތެކެވެ.
މި މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ އުމުރުން 5 އަހަރާއި 13 އަހަރުގެ ކުދިންނަށް އަމާޒުކޮށްގެންނެވެ.