ޚަބަރު

ޝަރީޢަތް ނިމެންދެން ޝަހީބު ބަންދުކުރަން ހައި ކޯޓުން އަމުރުކޮށްފި


ހުޅުމާލޭ ފަޅުތެރޭގައޮ އޮތް ކަންނެލި ދޯންޏަކުން 130 ކިލޯގެ މަސްތުވާތަކެތި އަތުލައިގަތް މައްސަލާގައި ހައްޔަރުކުރި ޝަހީބު އިބްރާހީމް ދޫކޮށްލަން ދަށުކޯޓުން ނިންމާފައިވަނިކޮށް އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރަން ހައި ކޯޓުން މިއަދު އަމުރުކޮށްފިއެވެ.

130 ކިލޯގެ މަސްތުވާތަކެތި އެތެރެކުރުމުގައި އިސްކޮށް ހުރިކަމަށް ތުހުމަތުކުރާ ޝަހީބް އިބްރާހީމުގެ ބަންދާމެދު ގޮތެއްނިންމުމަށް ކްރިމިނަލްކޯޓަށް ހާޒިރުކުރުމުން އެނާ ދޫކޮށްލާފައިވަނީ މިދިޔަ މަހުގެ 28ވަނަ ދުވަހުގައެވެ.

އެ މައްސަލަ ދައުލަތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން މިއަދުކުރި ޙުކުމުގައިވަނީ އެމައްސަލައިގެ ޝަރީއަތް ނިމެންދެން އޭނާ ބަންދުކުރަން އަމުރުކުރާ ކަމަށެވެ. އެ މައްސަލަ ބެއްލެވީ ފަނޑިޔާރު ޝުޢައިބު ހުސައިން ޒަކަރިއްޔާއާއި ފަނޑިޔާރު ޢަބްދުﷲ ޙަމީދާއި ފަނޑިޔާރު މުހައްމަދު ފައިސަލެވެ.

ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި އެކު ހިންގި ހާއްސަ އޮޕރޭޝަނެއްގައި ހުޅުމާލޭ ފަޅުތެރޭގައި އޮތް ދޯންޏަކުން 130 ކިލޯ މަސްތުވާތަކެތި އަތުލައިގަތީ މި މަހުގެ 12ވަނަ ދުވަހުގެ ހެނދުނުއެވެ.

މި މައްސަލާގައި ޝަހީބުގެ އިތުރުން 6 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އޭގެތެރޭގައި ހިމެނެނީ މި ތަކެތި އެތެރެކުރުމުގައި ޝަހީބާއި އެކު އިސްކޮށް ހުރިކަމަށް ތުހުމަތުކުރާ ހއ.ހޯރަފުށި ވައިލެޓްވިލާ، ޢުމުރުން 48 އަހަރުގެ އަޙުމަދު މޫސާއާއި 18 އަހަރުން ދަށުގެ ކުޑަކުދިންނެވެ.

ޝަހީބް އިބްރާހިމަކީ 2019 ނޮވެމްބަރު މަހުގެ ތެރޭގައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައަކާއި ގުޅިގެން ރާއްޖޭގެ ކަނޑުގެ ސަރަހައްދު ތެރެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި އިރާން ބޯޓުގެ މައްސަލައާ ގުޅުން އޮތް ފަރާތެއްކަމަށް ފުލުހުން ވިދާޅުވެއެވެ. އަދި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ކަމުގެ ތުހުމަތުގައި ހިފެހެއްޓި އިރާން ބޯޓުން ހައްޔަރުކުރި 7 މީހުންނާއި ޖާމިނު ވެފައިވަނީ ޝަހީބް އިބްރާހިމްކަމަށްވެސް ފުލުހުން ވިދާޅުވެއެވެ. އަދި އެމައްސަލާގައި ޝަހީބް އިބްރާހީމާ ޖާމިނުކޮށް އީރާން 7 މީހުން ކްރިމިނަލް ކޯޓުން ބަންދުން ދޫކޮށްލާފައިވާކަން ފުލުހުން ފާހަގަކުރައްވައެވެ.