ބޭންކް އޮފް މޯލްޑިވްސް، އުޅަނދުތައް ގަތުމަށް ދޫކުރާ ބީއެމްއެލްގެ ވެހިކަލް ލޯނާއި ފައިނޭންސިންގ އިންޓްރެސްޓް ރޭޓަށް ބަދަލުގެނެސްފިއެވެ.
ބިއެމްއެލްއިން ބުނީ ވެހިކަލް ލޯނާއި ފައިނޭންސިންގެ އިންޓްރެސްޓް ރޭޓަށް ގެނައި މިބަދަލާއެކު މިހާރު ކަސްޓަމަރުންނަށް 500،000 ރުފިޔާއާ ހަމަޔަށް %15 އިންޓްރެސްޓް ރޭޓުގައި ލޯނު ލިބޭނެކަމަށެވެ.
އަދި އުޅަނދު ގަންނައިރު މަހަކަށް ދައްކަންޖެހޭ އަދަދު ކުޑަ ވެގެންދާނެކަމަށާއި ރާއްޖޭގެ ކޮންމެ ވިޔަފާރިއެއް މެދުވެރިކޮށްވެސް އުޅަނދު ގަތުމުގެ ފުރުސަތު ކަސްޓަމަރުންނަށް ލިބިގެންދާނެ ކަމަށްވެސް ބީއެމްއެލްއިން ބުނެއެވެ.
މިލޯން ދޫކުރަނީ އެއްވެސް އިތުރު ރަހުނަކާނުލާކަމަށާއި ލޯނު އަނބުރާ ދެއްކުމަށް 5 އަހަރުގެ މުއްދަތެއް ލިބޭނެކަމަށްވެސް ބީއެމްއެލްއިން ބުނެއެވެ.
ތިމާވެއްޓާ ރައްޓެހި އުޅަނދު ބޭނުންކުރުމަށް ބާރުއެޅުމަށް ބޭންކުން ކުރަމުންދާ މަސައްކަތުގެ ދަށުން، މުޅި އުޅަނދަކީ އިލެކްޓްރިކް އުޅަނދެއް ނަމަ ވެހިކަލް ލޯނާއި ފައިނޭންސިންގެ ރޭޓް %12 އަށް ދަށްކުރެވިފައިވާކަމަށް ބީއެމްއެލްއިން މައުލޫމާތުދެއެވެ.
މިގެނައި ބަދަލާ ގުޅޭގޮތުން ބީއެމްއެލްގެ ޑައިރެކްޓަރ އޮފް ރީޓެއިލް އެންޑް އެސްއެމްއީ ބޭންކިންގ މޫސާ ނިމާލް ވިދާޅުވީ މުޅި މާކެޓްގައި ކަސްޓަމަރުންނަށް އުޅަނދުގަތުމަށް އެންމެ އަގު ހެޔޮ އަދި ފަސޭހަ ގޮތްތަކެއް ލިބިގެންދާނީ ބީއެމްއެލުން ކަމަށެވެ.
"މި ބަދަލާއެކު މުޅި އުޅަނދަކީ އިލެކްޓްރިކް އުޅަނދެއް ނަމަ އިންޓްރެސްޓް ރޭޓް މިވަނީ %12 އަށް އިތުރަށް ދަށްކުރެވިފަ. މީގެ ސަބަބުން ރާއްޖޭގައި ތިމާވެއްޓާ ރައްޓެހި އުޅަނދު ބޭނުންކުރުން އިތުރުވުމަށް ބާރުއެޅިގެންދާނެ" މޫސާ ނިމާލް ވިދާޅުވިއެވެ.
ބީއެމްއެލް ވެހިކަލް ލޯން ކުރިން ދޫކުރަމުން އައީ ބޭންކުގައި ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިތައް މެދުވެރިކޮށް އުޅަނދު ގަތުމަށެވެ. ނަމަވެސް ވެހިކަލް ލޯނާއި ފައިނޭންސިންގ އަށް މިއަދުގެނެވުނު ބަދަލުތަކާއެކު ސައިކަލާއި، ކާރު އަދި ހަތަރު ފުރޮޅުލީ އުޅަނދުގެ އިތުރުން ޖެޓް ސްކީ، އިންޖީނުލީ ޑިންގީ ފަދަ އިންޖީނު އަޅާފައިވާ އުޅަނދުވެސް މިލޯނުން ގަނެވޭނެއެވެ.