ޒުވާނުންގެ ކުރިއެރުމަށް ކުރަންޖެހޭ މަސައްކަތްތަކުގައި އެއްބާރުލުން ދިނުމާގުޅޭ އެއްބަސްވުމެއްގައި އިކޮނޮމިކް މިނިސްޓްރީ އާއި ޔޫތު މިނިސްޓްރީން ސޮއިކުރައްވައިފިއެވެ.
އިކޮނޮމިކް މިނިސްޓްރީގައި ބޭއްވި ބައްދަލުވުމެއްގައި މިއެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ ޔޫތު މިނިސްޓަރ އަޙްމަދު މަޙްލޫފާއި އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާޢީލެވެ.
ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ޔޫތު މިނިސްޓަރ އަޙްމަދު މަހުލޫފު ވިދާޅުވީ ޒުވާނުންނާ ގުޅޭ ކަންކަމަށް ޚާއްސަ މިނިސްޓްރީއަކީ ޔޫތު މިނިސްޓްރީކަމުގައި ވިޔަސް ޒުވާނުންނާގުޅޭ ވަރަށް ގިނަކަންކަން އެކިއެކި މިނިސްޓްރީތަކުން ކުރިޔަށް ގެންދާކަމަށެވެ.
އެގޮތުން އިކޮނޮމިކް މިނިސްޓްރީއާއެކު ސޮއިކުރި މިއެއްބަސްވުމަކީ އެމިނިސްޓްރީގެ ފަރާތުން ޒުވާނުންނަށް ޚާއްސަކޮށްގެން ކުރިޔަށްގެންދާ ކަންކަމުގައި ބައިވެރިވެ އެހީތެރިކަން ފޯރުކޮށްދިނުމަށް އެކުލަވާލި އެއްބަސްވުމެއްކަމަށް މިނިސްޓަރ މަޙްލޫފް ވިދާޅުވިއެވެ.
މިބައްދަލުވުމުގައި އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާޢީލް ވިދާޅުވީ އިކޮނޮމިކް މިނިސްޓްރީގެ އެންމެ ބޮޑު މެންޑޭޓް އަކީ ވަޒީފާއާއި ވިޔަފާރިތައް ކުރިއެރުވުންކަމަށާއި އެނިސްޓްރީގެ އެންމެ މުހިންމު އަމާޒަކީ ރާއްޖޭގެ މުޅި އިޤްތިސާދުކަމަށެވެ. އެހެންކަމުން ޔޫތު މިނިސްޓްރީއާއެކު ސޮއިކުރި އެއްބަސްވުމުގެ ސަބަބުން ދެ މިނިސްޓްރީ ގުޅިގެން ވަރަށްއަވަހަށް ޒުވާނުންނަށް ހާއްސަކޮށްގެން ބިޒްނަސް ޕިޗް ކުރުމުގެ ޕްރޮގްރާމެއް ހިންގުމަށް ހަމަޖެހިފަވާކަމަށާ، މިކަމުގެ ސަބަބުން ޒުވާނުންނަށް އިތުރު ކުރިއެރުމައި ފުރުސަތުތައް ލިބިގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.