ޚަބަރު

ކައުންސިލް އިންތިޚާބު ބާއްވަން މަސައްކަތްކުރަނީ މާރޗް ފުރަތަމަ ހަފްތާގައި - ޝަރީފް


ކޯވިޑް-19އާ ގުޅިގެން ފަސްކޮށްފައިވާ ލޯކަލް ކައުންސިލް އިންތިޚާބު އަންނަ އަހަރުގެ މާރޗް މަހުގެ ތެރޭގައި ބޭއްވުމަށް މަސައްކަތް ކުރަމުންދާކަމަށް އިލެކްޝަން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

އިންތިޚާބު ބޭއްވުމަށް އިލެކްޝަނުން މަސައްކަތްކުރަނީ ތާރީޚެއް ކަނޑައަޅައި، ވަކި ދުވަހަކަށް އިންތިޚާބު ބޭއްވުމަށް ކަމަށާ، ނަމަވެސް ޙާލަތާއެކު އިންތިޚާބް ބާއްވާ ތާރީޚަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެއްކަމަށް ޝަރީފް ވިދާޅުވިއެވެ.

ކައުންސިން އިންތިޚާބު ބޭއްވުމަށް އެންމެ ފުރަތަަމަ ޝެޑިއުލް ކޮށްފައިވަނީ މިއަހަރުގެ އޭޕްރިލްމަހުގެ ތެރޭގައެވެ. ނަމަވެސް ކޯވިޑް-19ގެ ބަލިމަޑުކަމާއެކު ރާއްޖެ އެއްކޮށް ލޮކްޑައުން ކުރުމާގުޅިގެން އިންތިޚާބު ވަނީ މުއްދަތެއް ނެތްގޮތަށް ފަސްކޮށްފައެވެ. އަދި އިންތިޚާބާބެހޭ ޚާއްސަ ޤާނޫނެއް އެކުލަވާލައި އައު އިންތިޚާބެއް ބާއްވައި ހުވާކުރުމާ ހަމައަށް މިހާރު ތިބި ކައުންސިލަރުން ތިބޭގޮތަށް ޤާނޫނަށްވަނީ ބަދަލު ގެނެސްފައެވެ.

އިންތިޚާބު ބޭއްވުމަށް އިލެކްޝަން ކޮމިޝަނުން ވަމުންދާ ތައްޔާރީތަކާ ގުޅޭގޮތުން އިލެކްޝަން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ ކޯވިޑް-19 ގެ މިހާލަތުގައިވެސް އިލެކްޝަނުން މަސައްކަތް ކުރަމުންދަނީ އިންތިޚާބް ބާއްވާނެ ވަކި ތާރީހެއް ކަނޑައަޅައި އެދުވަހަށް ތައްޔާރުވުމަށްކަމަށެވެ. އެގޮތުން އިންތިޚާބް ބޭއްވުމަށް މަސައްކަތް ކުރަމުންދަނީ އަންނަ އަހަރުގެ މާރޗް މަހުގެ ފުރަތަމަ ހަފްތާގައިކަމަށް ޝަރީފް ވިދާޅުވިއެވެ.

"ޤަނޫނުން އެބަބުނޭ ސިއްޙީ ކުއްލި ނުރައްކަލެއް ނެތްކަމަށް ކަނޑައަޅާތާ 7 ދުވަހުގެ ތެރޭގައި އިންތިޚާބް ބާއްވާނެ ތާރީޚެއް ކަނޑައަޅަންޖެހޭކަމަށް. އެހެން ނަމަވެސް އަޅުގަނޑުމެން މަސައްކަތް ކުރަނީ އިންތިޚާބް ބާއްވާނެ ތާރީހެއް ވަކި ޝެޑިއުލްއެއް ކަނޑައަޅައިގެން މަސައްކަތް މިކުރަނީ. މިހާރު ކަމިޝަންގެ ތެރޭގައި މަޝްވަރާކޮށް މަސައްކަތް ކުރަމުންދަނީ މާޗް މަހުގެ ފުރަތަމަ ހަފްތާގެ ހޮނިހިރު ދުވަހެއްގައި އިންތިޚާބް ބޭއްވުމަށް. އެއީ މާރޗް 6ވަނަ ދުވަސް" އިލެކްޝަން ކޮމިޝަންގެ ރައީސް އަޙްމަދ ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ އިންތިޚާބު ބާއްވާނެ ތާރީޚެއް ކަނޑައެޅައި މަސައްކަތް ކުރައްވަމުންދާއިރު، އެންމެބޮޑު އިސްކަމެއް ދެއްވަނީ ޤާނޫނުގައި ކަނޑައަޅާފައިވާ މުއްދަތަކަށް ޕާޓީތަކަށް ކެންޕެއިން ކުރުމުގެ ފުރުސަތު ދިނުމަށްކަމަށެވެ. އެގޮތުން ޤާނޫނުގައި ބުނާ 28 ދުވަހުގެ މުއްދަތެއް ކެންޕެއިން ކުރުމަށް ދެވިގެންދާނެކަމަށް ޝަރީފް ވިދާޅުވިއެވެ.

"އިންތިޚާބް ފަސްކޮށްފައިވަނީވެސް ކެންޕެއިންގެ މުއްދަތަޔުގެ ތެރޭގައި. ޤާނޫނގައި ބުނެފައިވަނީ 28 ދުވަސް ދޭންޖެހޭކަމަށް. އަޅުގަނޑުމެން އިންތިޚާބު ބާއްވާނީ އެތާރީހަށް ކެމްޕެއިން ކުރުމުގެ ފުރުސަތު ދީފަ" އިލެކްޝަން ކޮމިޝަންގެ ރައީސް ވިދާޅުވިއެވެ.

އަންނަ އަހަރުގެ މާރޗް 6ވަނަ ދުވަހު އިންތިޚާބް ބޭއްވުމަށް އިލެކްޝަން ކޮމިޝަނުން މަސައްކަތް ކުރަމުންދާއިރު މިހާތަނަށް ކުރިމަތިލެއްވި ކެންޑިޑޭޓުންގެ ތެރެއިން 49 ކެނޑިޑޭޓަކު ވަނީ ނަން ނަގާފައެވެ. މިހާތަނަށް ޕާޓީތަކުން އެންމެ ގިނައިން ނަން އަނބުރާ ގެންގޮސްފައި ވަނީ އެމްޑީޕީގެ ކެންޑިޑޭޓުންނެވެ. އެ ޕާޓީގެ 16 ކެންޑިޑޭޓަކު، ޕީޕީއެމުން ކުރިމަތިލި7 ކެންޑިޑޭޓަކު އަދި ޖޭޕީގެ 6 ކެންޑިޑޭޓަކާއި އަމިއްލަ ގޮތުން ވާދަކުރުމަށް ފޯމު ހުށަހެޅި 20 ކެންޑިޑޭޓަކު ވެސް، ވަނީ ނަން ނަގާފައެވެ.