ޚަބަރު

ފުލުހުންކަމަށް ހެދިގެންގޮސް ފޭރުނު މައްސަލާގައި އިތުރު 2 މީހަކު ހައްޔަރުކޮށްފި


ފުލުހުންކަމަށް ހެދިގެން ގޮސް ފަރިވާ ސްޓޭއަށް ވަދެ އެތަނުގެ މުވައްޒަފުންތަކެއް ބަނުމަށްފަހު، ފޭރުނު މައްސަލާގައި އިތުރު 2 މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ، މިމައްސަލާގައި މިމަހުގެ 16ވަނަ ދުވަހު ޢުމުރުން 43 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާއިރު، މިމަހުގެ 15 ވަނަ ދުވަހު 38 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާކަމަށެވެ. މިމައްސަލާގައި މިހާތަނަށް 3 މީހަކު ފުލުހުން ހައްޔަރުކޮށްފައިވާއިރު، މިމައްސަލާގައި މީގެ ކުރިންވެސް ފުލުހުން ވަނީ ޢުމުރުން 42 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައެވެ.

ފުލުހުން ވިދާޅުވީ، ތަހުގީގުގައި މިހާތަނަށް ކުރެވުނު މަސައްކަތުން ފޭރުނު ބައެއް ތަކެތި ހޯދާފައިވާކަަމަށެވެ. މިމައްސަލާގައި ފުލުހުން ހައްޔަރުކުރި 2 މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ޙާޒިރުކުރުމުން 15 ދުވަސް އެމީހުންގެ ބަންދަށް ވަނީ އިތުރުކޮށްފައެވެ.

ފުލުހުން ވިދާޅުވީ، މިމަހުގެ 11ވަނަ ދުވަހުގެ ވަގުތެއްގައި މަޖީދީމަގު، ފަރިވާ ސްޓޭއަށް ތިން މީހަކު ވަދެ، އެމީހުންނަކީ ޕޮލިސް އިންޓެލިޖެންސްގެ ފުލުހުން ކަމަށްބުނެ، އެތާނގެ 3 މުވައްޒަފުން ކްލިޕް އަޅުވާ ބަނުމަށްފަހު، އެތަނުގެ ބައެއް ތަކެތި ފޭރިގަނެގެން ގެންގޮސްފައިވާ މައްސަލައެއް ހުށަހަޅާފައިވާކަމަށެވެ. މިކަން ހިނގާފައި ވަނީ އެދުވަހުގެ ހެނދުނުގެ ވަގުތެއްގައިކަމަށްވެސް ފުލުހުން ވިދާޅުވެފައިވެއެވެ.

މިމައްސަލަ އިތުރަށް ތަހުގީގްކުރަމުން ދާކަމުގައި ފުލުހުން ވަނީ ވިދާޅުވެފައެވެ.