ކުޅިވަރު

ގައުމީ ޓީމުތަކުން ފަރިތަކުރުންތައް ފެށުމުގެ ކުރިން ގައުމީ ސަލާމް ކިޔަން އަންގަވައިފި


ގައުމީ ރޫހު އާލާކޮށް ދިރުވުމުގެ ގޮތުން ގައުމީ ޓީމުތަކުން ފަރިތަކުރުންތައް ފެށުމުގެ ކުރިން ގައުމީ ސަލާމް ކިޔަން އަންގާފައިވާނެ ކަމަށް ޔޫތް މިނިސްޓަރ އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

ހުޅުމާލޭ ބިލިއާޑް ހައުސް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަމުން ޔޫތް މިނިސްޓަރ އަހުމަދު މަހުލޫފް ވިދާޅުވީ ރާއްޖޭގެ ގައުމީ ޓީމްތައް ފަރިތަކުރުންތައް ފެށުމުގެ ކުރިން ގައުމީ ސަލާމް ކިއުމަށް ހުރިހާ އެސޯސިއޭޝަންތަކަށްވެސް އަންގާފައިވާކަމަށެވެ. އަދި މިއީ ގައުމީ ޓީމްގެ ކުޅުންތެރިންގެ ހިތުގައި ގައުމީ ރޫޙް އާލާކުރުމުގެ ގޮތުން ކުރެވޭކަމެއްކަމަށް ޔޫތް މިނިސްޓަރ އަހުމަދު މަހުލޫފް ވިދާޅުވިއެވެ.

ގައުމީ ސަލާމް ކިއުމަކީ ކޮންމެ ކުޅިވަރެއްގައިވެސް ވަރަށް އިސްކަމެއް ދީގެން ކުރަމުން އަންނަކަމެކެވެ. ދުނިޔޭގެ އެންމެ ބޮޑެތި މުބާރާތްތަކުގައިވެސް ގައުމީ ސަލާމް ކިޔާކަން ފާހަގަކޮށްލެވެއެވެ. ނޫންނަމަ އެމުބާރާތަކަށް ހާއްސަ ކުރެވިފައިވާ މިއުޒިކެއް ނުވަތަ ލަވައެއް ޖަހާކަން ވަނީ ފާހަގަކުރެވިފައެވެ. ކުޅިވަރަކީ ގައުމުތައް އެއްބައިވަންތަ ކުރުވާ އެންމެ އެއްއަޑަކުން ވާހަކަދައްކާ ވަސީލަތަކަށް މިހާރުވަނީ ވެފައެވެ. ދުނިޔޭގެ އެންމެ ބޮޑެތި މުބާރާތްތަކުގައި ގައުމީ ސަލާމް ޖަހާއިރު، ސަޕޯޓަރުން އެއް އަޑަކުން ގައުމީ ސަލާމް ކިޔާކަން ފާހަގަކޮށްލެވެއެވެ.