ވިޔަފާރި

ބަޖެޓް 2021 :ތިނަދޫއާއި މުލަކުގައި މަސްގަނެ ރައްކާކުރާނެ ފެސިލިޓީތައް ޤާއިމްކުުރަނީ


އަންނަ އަހަރުތެރޭ މ.މުލަކާއި ގދ.ތިނަދޫގައި މަސްވެރިންގެ އަތުން މަސްގަނެ ރައްކާކުރާނެ ފެސިލިޓީތައް ޤާއިމްކުުރުމަށް ބަޖެޓުގައި ވަނީ ހިމަނާފައެވެ. މިއީ ދިވެހި މަސްވެރިންނަށް މަސް ކިރުމުގައި ހުރި ދަތިތަކަށް ހައްލުލިބިގެންދާނެ ކަމެއްގެ ގޮތުގައި ސަރުކާރުން ދެކެއެވެ.

ޕީއެސްއެމްއިން ގެނެސްދޭ ދައުލަތުގެ ބަޖެޓު 2021 ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ރައީސުލްޖުމްހުރިއްޔާގެ އޮފީހުގެ އަންޑަރ ސެކެރެޓަރީ އަޙުމަދު ހަމްދާން ވިދާޅުވީ މަސްވެރިކަން ތަރައްޤީކޮށް މަސްވެރިކަމުން ލިބޭ ނަފާ އިތުރުކުރުމަށް ބޮޑެތި އިންވެސްޓްމަންޓްތަކެއް ކުރުމަށް ބަޖެޓުގައި ހިމަނާފައިވާ ކަމަށެވެ.

އެގޮތުން ރާއްޖެއިން ބޭރުކުރާ މަހަކީ ވެލިއު އެޑް ކުރެވިގެން ބޭރުކުރާ މަހަށް ހެދުމަށް ޚާއްސަ އިސްކަމެއް ދީފައިވާނެ ކަމަށާއި، އެގޮތުން މިފްކޯގެ ފެލިވަރު، ކޫއްޑޫ އަދި ކަނޑުއޮތްގިރި ފެސިލިޓީ އަޕްގްރޭޑުކޮށް ކެޕޭސިޓީ އިތުރުކުރުމަށް ބޮޑެތި އިންވެސްޓުމަންޓުތަކެއް ކުރުމަށް ރޭވިފައިވާ ކަމަށް ހަމްދާން ވިދާޅުވިއެވެ. އަދި ރާއްޖޭގެ ދެ ސަރަހައްދެއްގައި ސްޓޯރޭޖް ފެސިލިޓީތައް ޤާއިމްކުރުމަށް އިންވެސްޓްމަންޓުތަކެއް ކުރުމަށް ރާވާފައިވާ ކަމަށްވެސް ހަމްދާން ވިދާޅުވިއެވެ.

"މ.މުލައް އަދި ގދ. ތިނަދޫގައި ސްޓޯރޭޖް ފެސިލިޓީތަކާއެކު މަސްގަތުމުގެ އިންތިޒާމް ހަމަޖެއްސުމަށްޓަކައި އިންވެސްޓްމަންޓުތަކެއް ކުރުމަށްވަނީ ރޭވިފައި، މިއާއެކު މަސްވެރިންނަށް މަސް ކިރުމަށް ވަރަށް ބޮޑެތި ލުއިތަކެއް ލިބިގެންދާނެ، މަސްވެރިން ކުރާ ހޭދަތައް ވަރަށް ބޮޑުތަނުން ދިގުރާސްތާގައި ކުޑަވެގެންދާނެ" ހަމްދާން ވިދާޅުވިއެވެ.

ހަމްދާން ވިދާޅުވީ ރާއްޖޭގެ މަސްވެރިކަން ޕްރޮމޯޓުކޮށް އިޝްތިހާރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރުމަށްވެސް ބަޖެޓުގައި ހިމަނާފައިވާނެކަމަށެވެ.

2021ވަނަ އަހަރުގެ ބަޖެޓް ބަޔާން މަޖިލީހަށް ހުށަހަޅުއްވައި، ވާހަކަފުޅުދައްކަވަމުން ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރުވެސް ވަނީ ރާއްޖޭގެ އިޤުތިސާދު ސިންދަފާތު ކުރެވެން ހުރި ދިމާތަކަށް އިޤުތިސާދީ ހަރަކާތްތައް އިތުރުކުރުމަށް މަގު ފަހިކޮށްދިނުމަކީ މިސަރުކާރުގެ އަމާޒެއް ކަމަށް ވިދާޅުވެފައެވެ.

އަދި ރާއްޖޭގައި ބާނާ މަހުގެ އިތުރުން އާލާކުރާ މަސްވެރިކަންވެސް ތަރައްގީކުރުމަކީ މިސަރުކާރުގެ އަމާޒެއް ކަމަށާއި، ރާއްޖޭގެ ކަނޑުފަޅުގައި މަސްއާލާކޮށް މިސިނާއަތް ތަރައްގީ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރުމަށް 2021 ވަނަ އަހަރުވެސް ރާވާފައިވާ ކަމަށްވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.