ޚަބަރު

ދައުލަތަށް އެންމެ ބޮޑު ބުރައް އުފުލަންޖެހުނީ ކުރީ ސަރުކާރުގެ ދަރަނިތަކުގެ ސަބަބުން: ރައީސް ނަޝީދު


ދައުލަތުގެ ބަޖެޓަށް ބޮޑު ބުރައެއް އުފުލަންޖެހިފައިވަނީ މިސަރުކާރުގެ ދަރަނިތަކުގެ ސަބަބުން ނޫންކަމަށާއި، އެއީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ސަރުކާރުން ނެގި ދަރަނިތަކުގެ ސަބަބުންކަމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީ އިސްވެ އުފެދިފައިވާ މިސަރުކާރަށް ދެއަހަރު ފުރުމާއި ގުޅިގެން އެމްޑީޕީގެ ހަރުގޭގައި ވާހަކަފުޅު ދައްކަވަމުން އެމްޑީޕީގެ ރައީސް ނަޝީދު ވިދާޅުވީ، ކުރީ ސަރުކާރުން ނެގި ދަރަނިތައް އަނބުރާ އަދާކުރުމަށް ފަސް ބިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުގައި ހިމަނާފައިވާކަމަށެވެ. އަދި ބާކީ އޮތް ދުވަސްތަކުގައިވެސް އެދަރަނި އަދާކުރުމަށް 83 މިލިއަން ޑޮލަރު ލޯނު އަދާކުރުމަށް ހަމައެކަނި ޗައިނާއަށް ދައްކަންޖެހޭކަމަށެވެ.

ކޯވިޑް-19އާއި ގުޅިގެން ރާއްޖޭގެ އިޤްތިޞާދު ހީނަރުވެފައިވާ މިދަނޑިވަޅުގައި ރާއްޖޭގެ ދަރަނިތައް އަދާކުރުމަށް މިހާތަނަށް ލުއިތަކެއް ލިބިފައިނުވާކަމުގެ ކަންބޮޑުވުން ފާޅުކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ، އެކަމުގެ ސަބަބުން ދައުލަތަށް ބޮޑު ބުރައެއް އުފުލަންޖެހިފައިވާކަމަސެވެ. އެދަރަނިތަކަކީ މިސަރުކާރުން ނަގާފައިވާ ދަރަނިތަކެއް ނޫންކަމަށާއި، އެއީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ސަރުކާރުން ނަގާފައިވާ ދަރަނިތަކުގެ ސަބަބުން އުފުލަންޖެހިފައިވާ ބުރަތަކެއްކަމށް ރައީސް ނަޝީދު ވިދާޅުވާ ވިދާޅުވުން ތަކުރާރުކުރެއްވިއެވެ. އިޤްތިޞާދީ ގޮތުން ހީނަރުވި ދަނޑިވަޅުގައި ރައީސް ޔާމީން ނަނަގްވާފައިވާ ދަރަނިތައް އަދާކުރުމަށް އިތުރަށް ދަރަނި ނަގަނަގަން ޖެހިފައިވާކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ. ރައީސް ނަޝިދު ވިދާޅުވީ، ރައީސް ޔާމީންގެ ސަރުކާރުން ދަރަނިތައް ނަގާފައިވަނީ ދެކޮޅު ނުޖެހޭގޮތަށް އެއްވެސް ބަލައިލުމެއް ނެތިކަމަށެވެ.

"ރައީސްގެ މަސައްކަތަކަށްވާނީ މިބަޖެޓް ދެކޮޅު ޖައްސާފައި ތަންފީޒުކުރުން. ބަޖެޓް ފެންނަން އޮތް ގޮތް ކިތަންމެހާވެސް ހުތުރު، މިހުތުރަކީ ބަޔަކު ގެނައި ހުތުރެއް. އެބޭފުޅުން ނެންގެވި ދަރަނި ދައްކަން އަމިއްލަ ފައްޓަރުބައި ވިއްކާލަން އުޅެނީ. ރާއްޖޭގެ މާލިއްޔަތު އެމްޑިޕީގެ އުގުގައި އޮވެ ގެއްލުމެއް ނުލިބޭނެ. ރާއްޖޭގެ އިޤްތިޞާދަށް ގެއްލުމެއް ނުލިބޭނެ."

ރައީސް ނަޝީދު ވިދާޅުވީ މިސަރުކާރު އަދި ރައީސް ޞާލިހުގެ ސަރުކާރެއް ފެއިލް ނުވާނެކަމަށެވެ. އަދި މިއީ ރައްޔިތުން އުންމީދު ނަގާލައި ނާއުންމީދު ވާންވީ ވަގުތު ނޫންކަމަށާއި، ރައްޔިތުންނަށް އުފާފާގަތިކަމާއި އުންމީދީ ދުވަސްތަކެއް މިސަރުކާރުން ހޯދައި ދެއްވާނެކަމަށެވެ.

"ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ ސަރުކާރުން އެ ދަރަންޏަށް ހަދާނެ ގޮތް ތިބޭފުޅުން ބައްލަވަން ތިއްބަވާ. އިރާދަކުރެއްވިއްޔާ އެދަރަނި ފަސްވެސް ކުރެވޭނެ. އިރާދަކުރެއްވިއްޔާ އެދަރަނި ލަސްވެސް ކުރެވޭނެ. އިރާދަކުރެއްވިއްޔާ އެދަރަނި ކުޑަވެސް ކުރެވޭނެ"

ކޯވިޑް-19އާއި ގުޅިގެން ރާއްޖޭގެ އިޤްތިޞާދު ހީނަރުވެ ކުރީގެ ދަރަނިތައް އަންނަ އަހަރުން ފެށިގެން ދެއްކުމުގައި ދައުލަތަށ ްބުރަވާނެކަމަށް ވިދާޅުވެ ރައީސް ނަޝީދު ފަހަކަށް އައިސް ތަކުރާރުކޮށް ގެންދަވަނީ ދަރަންޏާއި ގުޅޭގޮތުން ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ. ރާއްޖޭގެ ދަރަންޏާއި ގުޅޭގޮތުން ފިނޭންސް މިނިސްޓްރީން ވިދާޅުވެފައިވަނީ، ކޯވިޑް19 ގެ ބަލިމަޑުކަން ފެތުރިގެން އައިއިރު އިޤްތިސާދަށް އަސަރުކުރިކަމަށާއި، އަދި ރާއްޖޭގެ ދަރަނި ކުޑަކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަމަށެވެ. މިކަމުގައި ބައިނަލްއަޤްވާމީ ގިނަ ފަރާތްތަކާއި ގުޅިގެން މަސައްކަތްކުރަމުން އަންނަކަން ވަނީ ފާހަގަކޮށްފައެވެ. އޭގެތެރޭގައި އިންޑިއާ ސަރުކަރާއި، ޖަޕާން ސަރުކާރާއި، އޭޑީބީ، ވޯލްޑް ބޭންކް، އައިޑީބީ، ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކް ފަދަ ބޭންކްތައް ހިމެނެއެވެ.

އެހެން ޤައުމުތަކުންނާއި ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކުން ނަގާފައިވާ ދަރަނިތައް ފިޔަވައި އެހެން ދަރަނިތައް ރީސްޓްރަކްޗަރ ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވެއެވެ.