ޚަބަރު

ސަރުކާރަށް 2 އަހަރު: ދަތިތަކާއެކުވެސް ގިނަ ކާމިޔާބީތަކެއް


ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހް ވެރިކަމުގެ ހުވައި ކުރެއްވީ 2018ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17ވަނަ ދުވަހުއެވެ. ފާއިތުވެދިޔަ 2 އަހަރުދުވަހަކީ ގިނަގުނަ ދަތިތަކާއި ގޮންޖެހުންތަކުގެ ތެރެއިން ގިނަ ކާމިޔާބީތަކެއް ޙާސިލްކުރެވުނު 2 އަހަރުކަން ފާހަގަކުރަން ޖެހެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ރާއްޖޭގެ ވެރިކަމަށް ކުރިމަތިލައްވައި ކެމްޕެއިން ފެށްޓެވުމާއެކުވެސް އެމަނިކުފާނު ވެވަޑައިގެންފައިވަނީ އެތައް ބައެއްގެ އުންމީދުތަކާ ގުޅިފައިވާ ބޭފުޅަކަށެވެ.

މަޑުމައިތި މިޒާޖެއްގެ ހިތްހެޔޮ ބޭފުޅެއްގެ ގޮތުގައި މަޝްހޫރުވެވަޑައިގެންފައި އިބްރާހީމް މުޙައްމަދު ޞާލިޙަކީ 2018ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވި ހަމައެކަނި އިދިކޮޅު ކެނޑިޑޭޓެވެ. އެހެންކަމުން އެމަނިކުފާނު ވެވަޑައިގަތީ އޭރުގެ ސަރުކާރަށް ތުހުމަތުކުރެވުނު ކޮރަޕްޝަނާއި ފަސާދައާއި، އަނިޔާވެރިކަމާއި، ޢާއްމު ރައްޔިތުންގެ އަސާސީ އެތައް ޙައްޤެއް ހަނިކުރުމުގެ ޢަމަލުތައް ނައްތާލައި ރައްޔިތުންނަށް އުފާ ފާގަތިކަން ގެނެސްދެއްވާނެ އުންމީދަށެވެ.

ފަސޭހަފުޅުކަމާއެކު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް އެއްބުރުން ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވުނު އެންމެބޮޑު ސަބަބަކީވެސް މިދެންނެވި އުންމީދުގައި ތިބި އެތައް ބައެއްގެ މަސައްކަތެވެ. ރައްޔިތުންގެ ތާޢީދާއި އިތުބާރު އެމަނިކުފާނަށް އޮތް މިންވަރު އިތުތަށް ހާމަވެގެންދިޔަ އެއްކަމަކީ ރިޔާސީ އިންތިޚާބަށްފަހު ޖެހިގެން އައި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބައި އެމަނިކުފާނުގެ ޕާޓީއަށް މަޖިލީހުގެ ސުޕަރ މެޖޯރިޓީ ލިބުމެވެ.

އެހެންނަމަވެސް ވެރިކަމުގެ ފުރަތަމަ ދެއަހަރުދުވަސް ފާއިތުވެދިޔައީ އެމަނިކުފާނަށް މާ ލުއިފަސޭހަކޮށޭ ދެންނެވޭކަމަށް ނެތެވެ. ފުތަރަމަ އަހަރުގެ ބޮޑުބައެއް ހޭދަކުރައްވަން ޖެހިވަޑައިގަތީ ކުރިން ހީނަރުވެފައި އޮތް ޚާރިޖީ ގުޅުން ރަނގަޅުކުރެއްވުމާއި ޤައުމުގެ އެތެރޭގެ ކަންކަން ހެޔޮމަގަށް ބައްޓަކަށް ކުރެއްވުމަށްޓަކައި ތަރުތީބުކުރައްވަން ޖެހޭ ކަންކަން ތަރުތީބު ކުރެއްވުމަށެވެ. އިންސާފުގެ ނިޒާމާމެދު ޢާއްމުރައްޔިތުންގެ ހިތްތަކުގައި އޮތް ޝައްކާއި އިތުބާރުކުޑަކަން ނައްތާކެއްވުމަށެވެ. އަވަހަށްބަލައި އިންސާފު ހޯދަންޖެހޭ ކަންކަމަށް އިންސާފު ހޯއްދެވުމަށް އުފެއްދެވި ކޮމިޝަންތަކާއި ސަރުކާރުގެ އިދާރާތައް ކުރިއަށްދާނެ މަގު ކޮށްޓެވުމަށެވެ.

ވެރިކަމުގެ ދެވަނަ އަހަރާ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން ކުރިމަތިލެއްވީ ވަރަށްބޮޑު އުންމީދަކާއެކުއެވެ. 37.5 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓަކާއެކު ތަރައްޤީއާއި އުފާ ފާގަތިކަން ގެނެސްދިނުމުގެ ވަރުގަދަ ޢަޒުމާއެކުއެވެ.

އެހެންނަމަވެސް މިއަހަރުގެ ޙާލަތު އަދި މާގޯހެވެ. ކޯވިޑް-19ގެ ނުރައްކަލާއެކު މުޅި ދުނިޔެ ހުއްޓި ޤައުމުގެ އިޤްތިޞާދު އިނދަޖެހުނެވެ. އިޤްތިޞާދީ މިކާރިޘާގެ ނުރައްކަލުން ސަލާމަތްވުމަކީ ހަމަ އެއްވެސް ޤައުމަށް ކުޅަދާނަކަމަކަށް ނުވިއެވެ. ރާއްޖޭގެ އިޤްތިޞާދުގެ ބޮޑު އިންސައްތައެއް އެ ސިނާޢަތަކަށް ބަރޯސާވާ ފަތުރުވެރިކަމުގެ ސިނާޢަތް ހުއްޓުނެވެ. ޤައުމުގެ ބޯޑަތުރުތައް ބަންދުވެ ރިސޯޓުތައް ބަންދުކުރަން ޖެހުނެވެ. ވެރިރަށް މާލެ ފުރުބަންދުކުރިއެވެ. ކޮންމެވެސް ވަރެއްގެ އުންމީދެއް މިވަގުތު އޮތަސް މިއަހަރުގެ އެންމެ ފަހު މަހާ ކުރިމަތިލާއިރު އަދިވެސް މިޙާލަތު ޢާއްމު ޙާލަތަކަށް ދާނެ ދުވަހެއްވެސް ނޭނގެއެވެ.

ބައިނަލް އަޤްވާމީ ބައެއް ފަރާތްތަކުން ރާއްޖޭގެ އިޤްދިޞާދީ، މާލީ ޙާލަތު މިވަގުތު ގޯސްކަމުގެ ވާހަކަ ދެއްކުމުން ބައެއް މީހުން ސަރުކާރަށް ފާޑުކިޔާތީ ފެނެއެވެ. އެހެންނަމަވެސް މިއީ މިއަދު ދުނިޔޭގެ ބޮޑެތި ބާރުތަކުވެސް ޙާލަތެވެ. އެމީހުންގެ ޙާލަތު އަދި މާ ގޯހެވެ. އެމެރިކާއަށް އެކަނި ބަލާލިޔަސް މިހަޤީޤަތް ސާފުވާނެއެވެ. އެމެރިކާގެ އިޤްތިޞާދު މިއަހަރު 6.6 އިންސައްތަ ދަށަށްދާނެކަމަށް އައިއެމްއެފްއިން ލަފާކުރެއެވެ. އެޤައުމުގައި 20 މިލިއަނެއްހައި މީހުންގެ ވަޒީފާވަނީ ގެއްލިފައެވެ. އެތައްބަޔަކު ދިރިއުޅެން ޖެހިފައިވަނީ ޢާމްދަނީއެއް ލިބޭނެގޮތެއް ނެތިއެވެ.

ކުޑަކުޑަ މިދިވެހިރާއްޖޭގެ ޙާލަތު ރަނގަޅުކުރުމަށްޓަކައި ސަރުކާރުން ކުރައްވާ މަސައްކަތަށް އިންސާފުގެ ލޮލަލުން ބަލައިފިނަމަ ތަޢުރީފު ހައްޤެވެ. ސަރުކާރުގެ އެއްވެސް މުވައްޒަފެއްގެ ވަޒީފާ ނުގެއްލެއެވެ. އެއްވެސް މުވައްޒަފެއްގެ މުސާރައިން އެއްވެސް މިންވަރެއް އުންޏެއް ނުކުރެއެވެ. ޕްރައިވެޓް ސެކްޓަރގައި މަސައްކަތްކުރާ މީހުންގެ ތެރެއިން ވަޒީފާ ގެއްލުނު މީހުންނާއި ހީނަރުވި ފިޔަފާރިތަކަށް ސަރުކާރުން މާލީ އެހީތެރިކަން ފޯރުކޮށްދެއެވެ.

މިވަގުތުވެސް މިސަރަޙައްދުގެ ގިނަ ޤައުމުތަކުގެ ބޯޑަރުތައް ބަންދުކޮށް ބައެއް ސަރަޙައްދުތައް ވަނީ ފުރަބަންދުކޮށްފައެވެ. މަޑުމަޑުން ޙާލަތު ރަނގަޅުވެ ބޯޑަރުތައް ހުޅުވާލައި، އިޤްތިޞާދު ހިނގައިގަތީ ރާއްޖޭގައެވެ. ކޯވިޑް-19ގެ މިފަދަ ނުރައްކާތެރި ޙާލަތުގައި މުޅި ދުނިޔޭގައިވެސް ފަތުރުވެރިން ދަތުރުކުރުމަށް އެންމެ ރައްކާތެރި މަންޒިލަކީ މި ދިވެހިރާއްޖެއެވެ. މިއީ ބަޔަކު ކުރި މިންނެތް އިޚްލާސްތެރި މަސައްކަތުގެ ނަތީޖާއެވެ. ވިސްނުންތެރިކަމާއި ޙިކްމަތްތެރިކަމުގެ ނަތީޖާއެވެ.

ކިތަންމެ ބޮޑެތި ދަތިތަކެއް ކުރިމަތިވެފައި ވިޔަސް، އިޤްތިޞާދީ ގޮންޖެހުންތައް ކިތަންމެ ބޮޑަސް ރައްޔިތުންގެ ބޭނުންތައް ފުރިހަމަކޮށްދެއްވުމާއި ތަރައްޤީގެ މަޝްރޫޢުތައް ހިންގުމުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން ވަނީ ސައްތައިންސައްތަ ރެކޯޑެއް ޙާސިލްކުރައްވާފައެވެ. ވޭތުވެދިޔަ ދެއަހަރުދުވަހުގެ ތެރޭގައި މިސަރުކާރުންވަނީ 382 މަޝްރޫއެއް ފަށާފައެވެ. މިއީ ރާއްޖޭގައި މިހާތަނަށް އައި އެއްވެސް ސަރުކާރެއްގެ ވެރިކަމުގެ ފުރަތަމަ ދެ އަހަރުގެ ތެރޭގައި ނުހިންގޭހާ ގިނަ މަޝްރޫއުތަކެކެވެ.


މަޝްރޫޢުތަކުގެ ތަފްސީލަށް ބަލާއިރު، މިހާތަނަށް ފެށާފައިވާ 382 މަޝްރޫއުގެ ތެރެއިން 154 މަޝްރޫޢުގެ މަސައްކަތް މިވަގުތު ދަނީ ހިނގަމުންނެވެ. އަދި 62 މަޝްރޫއެއްގެ މަސައްކަތް މުޅިންނިމި އެކަމުގެ ފުނިމީރުކަން ރައްޔިތުންނަށް ދަނީ ލިބެމުންނެވެ. އިތުރު 66 މަޝްރޫއެއް ވަނީ ޓެންޑާ ކޮށްފައެވެ. 90 މަޝްރޫއެއް އެވޯޑް ކޮށްފައިވެއެވެ. 10 މަޝްރޫއެއް ޑިޒައިންކުރުމުގެ މަރުހަލާގައި އެބައޮތެވެ.

މިއީ ރައްޔިތުންގެ އަސާސީ ޚިދުމަތްތަކާއި ރަށްރަށް ކޮންމެހެން ބޭނުންވާ ތަރައްޤީގެ މަޝްރޫޢުތަކެވެ. އޭގެތެރޭގައި ފެނާއި ނަރުދަމާގެ 36 މަޝްރޫއަކާއި ރަށްރަށުގެ ބަނދަރު ހެދުމާއި ބަނދަރު މަރާމާތުކުރުމާއި ފާލަންތައް ހެދުމުގެ 68 މަޝްރޫޢަކާއި ރަށްރަށުގެ ބިން ހިއްކުމުގެ 3 މަޝްރޫޢަކާއި މަގު ހެދުމުގެ 12 މަޝްރޫއެއް މިހާރުވެސް ދަނީ ހިނަގަމުންނެވެ.

އަދި ރަށްރަށުގެ ގޮނޑުދޮށް ޙިމާޔަތް ކުރުމުގެ 13 މަޝްރޫޢަކާއި ޞިއްހީ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމުގެ 28 މަޝްރޫއެއް މިހާރުވަނީ ފެށިފައެވެ. ތައުލީމީ ދާއިރާގެ 41 މަޝްރޫއަކާއި ކުޅިވަރުގެ ދާއިރާގެ 111 މަޝްރޫއެއް މިހާރުވެސް އެކި މަރުހަލާތަކުގައި ހިނަގަމުން އެބަދެއެވެ.

އަތޮޅުތަކުގެ ރަށްތައް ތަރައްޤީކުރުމުގައިވެސް މިސަރުކާރުންވަނީ ރެކޯޑްހައްދަވާފައެވެ. ޚާއްސަކޮށް ތަޢުލީމީ ޞިއްޙީ ދާއިރާއިން މާލެއާ އެއްފެންވަރުގެ ޚިދުމަތް ބައެއް ރަށްރަށުން ލިބެއެވެ. އަތޮޅުތަކުގެ ސްކޫލްތަކުގެ ނަތީޖާތަކާއި އަތޮޅުތަކުގެ ބައެއް ހޮސްޕިޓަލްތަކުން ދެވޭ ޚިދުމަތްތަކުން މިކަމުގެ ހެކި އެދަނީ ފެންނަމުންނެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވަޢުދު ވެވަޑައިގެންފައިވާފަދައިން ކަންކަންދަނީ ފުރިހަމަ ވަމުންނެވެ. ޝަރުޢީ ދާއިރާ އިސްލާޙުކުރުމުގެ މަސައްކަތުގެ ވަރަށްބޮޑުބައި ފުރިހަމަކުރައްވައިފިއެވެ. ފުރިހަމަ ލާމަރުކަޒީ ނިޒާމެއް ޤާއިމުކުރެއްވުމަށް ކައުންސިލްތަކަށް ބޮޑެތި ބާރުތަކެއް ދެއްވައިފިއެވެ. ހިލޭ ފުރަމަތަމަ ޑިގްރީއާހަމައަށް ކިޔެވުމުގެ ފުރުސަތު ފަހިކޮށްދެއްވައިފިއެވެ. ޚިޔާލުފާޅުކުރުމާއި ނޫސްވެރިކަމަށް ހުރި ހުރަސްތައް ނައްތާލައްވައިފިއެވެ.

އެހެންނަމަވެސް ކުރިއަށް މިއޮތީ ރައްޔިތުންގެ އެއްބާރުލުން ރައީސުލްޖުމްހޫރިއްޔާއަށް އިންތިހާއަށް ބޭނުންވާނެ ދުވަސްތަކެކެވެ. މިވަގުތު ސަރުކާރަށް ކުރިއަށް ގެންދެވެން އޮތީ ކޮންމެހެން މިވަގުތަށް މުހިންމު މަޝްރޫޢުތައްކަމީ ޤަބޫލުކުރަންޖެހޭ ހަޤީޤަތެކެވެ. ރާއްޖޭގެ އިޤްތިޞާދު ނަގައި ކޮޅަށްޖެހުމަށް ކުރައްވަންޖެހޭ މަސައްކަތްތައް އިންތިހާއަށް ގިނައެވެ. ކުރީގެ ސަރުކާރުން ނަގާފައިވާ އެތައް ބިލިއަނެއްގެ ދަރަންޏަކީ މިއުނދަގޫ ދަޑިވަޅުގައި ކުރިމަތިވެފައިވާ އިތުރު އުނދަގުލެކެވެ.

އެހެންނަމަވެސް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ރައްޔިތުންނަށް ދެއްވަނީ އުންމީދެވެ. ޤައުމު އަމާން އައްސޭރިއަކަށް ގެންދެވޭނެކަމުގެ ފުރިހަމަ ޔަޤީންކަމެވެ.