ޚަބަރު

މޫސުން ގޯސްވާނެތީ މުޅި ރާއްޖެއަށް ވައިޓް އެލަރޓް ނެރެފި


މޫސުން ގޯސްވާނެތީ މުޅި ރާއްޖެއަށް ވައިޓް އެލަރޓް ނެރެފިއެވެ. މޫސުމާބެހޭ ޤައުމީ އިދާއިން ބުނެފައިވަނީ މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައަކީ ދެ މޫސުން ބެދޭ ހިސާބުގެ ވިއްސާރަ ކަމަށެވެ.

މިރޭގެ 9:30 އާއި ހަމައަށް ރާއްޖޭގެ ހުރިހާ ހިސާބުތަކަށް ވަނީ ވައިޓް އެލަރޓް ނެރެފައެވެ. ފުރަތަމަ އެލަރޓް ނެރުނީ ރާއްޖޭގެ ދެކުނަށް ކަމުގައިވިޔަސް މިހާރުވަނީ ތ.އަތޮޅުން ފެށިގެން އުތުރުގެ ހުރިހާ ހިސާބަކަށް އެލަރޓް ނެރެފައެވެ. މިވަގުތުގައި ބޯކޮށް ވާރޭވެހުމާއި، ގުގުރުން އަދި ވިލާގަނޑުގައި 40 މޭޅަށް ވައިގަދަވާނެ ކަމަށް މުސުމާބެހޭ ޤައުމީ އިދާރާއިންވަނީ ލަފާކުރައްވާފައެވެ.

މިއަދުގެ އެކި ވަގުތުތަކުގައި ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ކުރިންވަނީ ޔެލޯ އެލަރޓްވެސް ނެރެފައެވެ.

މެދުނުކެނޑި ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ރޭވަނީ މާލެއާއި ބައެއް ރަށްރަށުގައި ފެން ބޮޑުވެފައެވެ. މާލޭގެ މަގުތަކުން ފެން ހިންދުމުގެ މަސައްކަތް ޕަމްޕް ބޭނުންކޮށްގެން އެމްއެންޑީއެފުން ވަނީ ކުރިއަށް ގެންގޮސްފައެވެ. އަދި ފެންގަނޑު ކޮންޓްރޯލް ކުރުމަށް ސިޓީ ކައުންސިލުންވަނީ މާލޭގެ ބައެއް ސަރަހައްދުތަކުގައި ވެލި ބަސްތާ ޖަހާފައެވެ.

ރާއްޖޭގެ ހުރިހާ ސަރަޙައްދުތަކުގެ ކަނޑުތައްވެސް ގަދަވާނެކަމަށް މެޓް އޮފީހުން މަޢުލޫމާތުދެއެވެ. އަދި 3ފޫޓާއި 6 ފޫޓުގެ އުސްމިނުގައި ރާޅު ހުރެދާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ ލަފާ ކުރައްވާފައެވެ.

ދިޔަވަރުބޮޑުވާ ވަގުތުތަކުގައި މެދުރާއްޖެތެރެއާއި ދެކުނުނުގެ އަތޮޅުތަކަށް އުދައިގެ އަސަރުން ކުރުން އެކަށީގެންވާތީ އެކަމަށް ސަމާލުވުމަށްވެސް މެޓް އޮފީހުންވަނީ އެދިފައެވެ. އަދި ކަނޑު ދަތުރުކުރާ ފަރާތްތަކުންވެސް ސަމާލު ވުމަށް މެޓް އޮފީހުން އިލްތިމާސްކުރައްވައެވެ.