ޚަބަރު

ކޮންޖެޝަން ޗާޖުން 37މިލިއަން ރުފިޔާ ހޯދޭނެ - ބަޖެޓު


ޢާމްދަނީ އިތުރުކުރުމުގެ ގޮތުން މާލެ ސަރަޙައްދުން ކޮންޖެޝަން ފީއެއް ނެގުމަށް ބަޖެޓުގައި ހުށައަޅައިފިއެވެ. ކޮންޖެޝަން ޗާޖް ނުވަތަ ޕާކިންގ ފީއެއް ނެގުމަށް ހިމަނާފައިވަނީ 2021ވަނަ އަހަރު އާމްދަނީ އިތުރުކުރުމަށް ހުށައަޅާފައިވާ އާ ކަންތަކުގެ ތެރޭގައެވެ.

މިފަދަ ފީއެއް ނަގައިގެން 37މިލިއަން ރުފިޔާ ހޯދިދާނެކަމަށް ފާސްކުރުމަށް ހުށައެޅި ބަޖެޓުގައި ވެއެވެ. ރައްޔިތުންގެ މަޖިލީހަށް ބަހުސްކުރުމަށް ފޮނުވި ބަޖެޓުގައި، ޢާމްދަނީ އިތުރުކުރުމަށް 6 ކަމެއް ހިމަނާފައިވެއެވެ. އެއީ ޓެލެކޮމް ލައިސަންސް ފީއެއް ނެގުމާއި ޓުއަރިޒަމަށް ބިން ދޫކުރުމާއި، ދިވެހިންނަށް ބިން ވިއްކުމާއި ރިއަލް އެސްޓޭޓް ޓޫރިޒަމާއި ކޮންޖެޝަން ފީއާއި އެއަރޕޯޓް ޑިވެލޮޕްމަންޓް ފީއާއި އެއަރޕޯޓް ސަރވިސް ޗާޖުގެ ރޭޓުތައް ބަދަލުކުރުންފަދަ ގޮތްތަކުން ޢާމްދަނީ ހޯދުން ހިމެނެއެވެ.

އާމްދަނީ އިތުރުކުރުމަށް ހުށައަޅާފައިވާ ކަންކަންމުން 1218މިލިއަން ރުފިޔާ ހޯދޭނެކަމަށް ހުށައެޅި ބަޖެޓުގައި ފާހަގަކޮށްފަވެއެވެ. 2021ވަނަ އަހަރަށް ލަފާކުރާ ބަޖެޓަކީ 34،788މިލިއަން ރުފިޔާއެވެ.

މާލޭގެ މަގުތަކުގެ ތޮއްޖެހުމަށް ޙައްލެއް ގެނައުމަށް އެކި ގޮތްގޮތުން ޓްރާންސްޕޯޓް މިނިސްޓްރީން ދަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން މަގުތަކުގައި ހުރި ދުވަސްވީ އުޅަނދުތައް ނެގުމާއި ވެހިކަލް ލިމިޓްކޮށް ވެހިކަލްތަކުގެ ޢުމުރު ކަނޑައެޅުމަށްދަނީ މަޝްވަރާތައް ކުރަމުންނެވެ.