ޚަބަރު

މީޑިއާގެ މިނިވަންކަމަކީ އިންސާފު އަށަގެންފައިވާ މުޖްތަމައުގެ އެންމެ މުހިއްމު އަސާސް - ފޮރިން މިނިސްޓަރ


މީޑިއާ ފްރީޑަމް ކޯލިޝަންގެ ވަޒީރުންގެ ފެންވަރުގެ ފުރަތަމަ ބައްދަލުވުގައި މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދު ބައިވެރިވެވަޑައިގެންފިއެވެ.

މީޑިއާގެ މިނިވަންކަމާ ބެހޭ ބައިނަލްއަޤްވާމީ ކޮންފަރެންސްގެ ހަވާސާގައި ވާހަކަފުޅު ދައްކަވަމުން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވީ މީޑިއާގެ މިނިވަންކަމަކީ ޑިމޮކްރެޓިކް އަދި އިންސާފު އަށަގެންފައިވާ މުޖްތަމައެއްގެ އެންމެ މުހިއްމު އެއް އަސާސްކަމަށެވެ. މީޑިއާގެ މިނިވަންކަމަށް މީޑިއާ ފްރީޑަމް ކޯލިޝަނުން އެކަށައަޅާފައިވާ ހަމަތަކަކީ ރާއްޖެއިން ޤަބޫލުކުރާ ހަމަތަކެއްކަން ބަޔާންކުރައްވައި، މީޑިއާގެ މިނިވަންކަމަށް ރާއްޖޭގައި އޮތް ހުރަސްތައް ނައްތާލަން ސަރުކާރުން ކުރަމުންދާ މަސައްކަތްތައް މިނިސްޓަރ ޝާހިދު ފާހަގަކުރެއްވިއެވެ.

ވަކިން ޚާއްސަކޮށް، މީޑިއާގެ މިނިވަންކަމަށް ހުރަސް އެޅޭ ގޮތަށް އޮތް ޚިޔާލުފާޅުކުރުމާ އަބުރު ރައްކާތެރިކުރުމާ ބެހޭ ޤާނޫނު އުވާލުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވުމަކީ އެމަނިކުފާނުގެ ބަރުލަމާނީ ހަޔާތުގައި ކުރެއްވި އެންމެ ފަހު މަސައްކަތްކުޕުޅުކަން ފާހަގަކުރައްވައި، 2018ވަނަ އަހަރު އެ ޤާނޫނު އުވާލުމުގެ ބިލް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ތަސްދީޤު ކުރެއްވުމުން ރާއްޖޭގެ މީޑިއާގެ މިނިވަންކަމުގެ ތާރީޚުގެ ކަޅު ސަފްޙާއެއް ނިމުމަކަށް އައިކަން މިނިސްޓަރ ޝާހިދު ފާހަގަކުރެއްވިއެވެ.

ކޯވިޑް-19އާ ގުޅިގެން މުޅި ދުނިޔޭގައި މީޑިއާގެ މިނިވަންކަމަށް ކުރިމަތިވި ގޮންޖެހުންތަކަށްވެސް މިނިސްޓަރ ޝާހިދު އަލިއަޅުއްވާލެއްވިއެވެ. އަދި ނޫސްވެރިކަމުގެ މިނިވަންކަން ހިމާޔަތްކޮށް، ބިރެއް ނެތި ނޫސްވެރިންނަށް މަސައްކަތް ކުރެވޭނެ މާހައުލެއް ހޯދައިދިނުމަށް ބައިނަލްއަޤްވާމީ މުޖްތަމައަށް އެމަނިކުފާނު ގޮވާލެއްވިއެވެ. މިނިސްޓަރ ޝާހިދުގެ ވާހަކަފުޅު ނިންމަވާލެއްވީ، ނޫސްވެރިކަމާ ނުލައި ސަރުކާރެއް އޮތުމަށް ވުރެ، ސަރުކާރަކާ ނުލައި ނޫސްވެރިކަން އޮތުން ވެސް ރައްޔިތުންގެ ޙައްޤުތައް ކަށަވަރުކޮށްދިނުމަށްޓަކައި މާ މުހިއްމުކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ވިދާޅުވުން ތަކުރާރު ކުރައްވަމުންނެވެ.

މީޑިއާ ފްރީޑަމް ކޯލިޝަން އުފެއްދީ 2019 ވަނަ އަހަރު ޖުލައި މަހު، ނޫސްވެރިކަމުގެ މިނިވަންކަމާ ބެހޭ ބައިނަލްއަޤްވާމީ ކޮންފަރެންސްގައެވެ. މި ކޯލިޝަންގައި ބައިވެރިވާ މެމްބަރު ޤައުމުތަކުން މަސައްކަތްކުރަނީ މީޑިއާގެ މިނިވަންކަމާ، ނޫސްވެރިންގެ ރައްކާތެރިކަން ކަށަވަރުކޮށް، ނޫސްވެރިކަމުގެ ޒިންމާ އަދާކުރީތީ އެނޫސްވެރިންނަށް އަނިޔާކުރާ ފަރާތްތައް ޖަވާބުދާރީކުރުވުމަށެވެ. މި ކޯލިޝަންގައި މެމްބަރު 38 ޤައުމު ހިމެނެއެވެ.