އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ވިސްކޮންސިން ސްޓޭޓްގެ ވޯޓް އަލުން ގުނަން ޖެހިއްޖެނަމަ އެކަމަށް 7.9 މިލިއަން ޚަރަދުވާނެކަމަށް ވިސްކޮންސިން ސްޓޭޓުގެ އިންތިޚާބީ ކޮމިޝަނުން ބުނެފިއެވެ.
ނޮވެމްބަރު މަހުގެ 3ވަނަ ދުވަހު ބޭއްވި އެމެރިކާގެ ރިޔާސީ އިންތިޚާބު ނާކާމިޔާބުވެވަޑައިގެންފައިވާ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަންޕުވަނީ އިންތިޚާބުގެ ނަތީޖާ ޤަބޫލުކުރައްވަން ދެކޮޅު ހައްދަވާފައެވެ. އެމަނިކުފާނުގެ ކެންޕެއިނުން ދަނީ އެކި ސްޓޭޓުތަކުގެ ނަތީޖާއަށް ގޮންޖަހައި ޤާނޫނީ މައްސަލަތައް ހުށަހަޅަމުންނެވެ.
ވިސްކޮންސިން ސްޓޭޓުގެ ޤަވާއިދުގައި ވާގޮތުން ދެވަނަ ފަހަރަށް ވޯޓުގުނުމުގެ ޚަރަދާއި ޙާވާލުވާންޖެހޭނީ ވޯޓު ގުނުމަށް ހުށަހަޅާ ފަރާތުންނެވެ. ހަލުވިކަމާއެކު ފެތުރެމުންދާ ކޯވިޑް ބަލިމަޑުކަމުގެ ސަބަބުން އަޅަންޖެހޭ ރައްކާތެރިކަމުގެ އިތުރު ފިޔަވަޅުތަކުގެ ސަބަބުން އެކަމަށް ޚަރަދުވާ ޢަދަދު އެހެން އަހަރުތަކަށްވުރެ ބޮޑުވާނެއެވެ.
ވިސްކޮންސިނުން މި އަހަރުގެ އިންތިޚާބުގެ ވޯޓު ގުނަން ޚަރަދުވާނެކަމަށް އަންދާޒާކުރާ 7.9 މިލިއަން އެމެރިކާ ޑޮލަރަކީ 2016ވަނަ އަހަރުގެ އިންތިޚާބުގައި ވިސްކޮންސިންގެ ވޯޓު އަލުން ގުނުމަށް ގްރީން ޕާޓީގެ ކެންޑިޑޭޓު ޖިލް ސްޓެއިން ޚަރަދުކުރެއްވި ދެ މިލިއަނަށްވުރެ ވަރަށް ބޮޑަށް އިތުރު ޢަދަދެކެވެ.
މި އަހަރުގެ އިންތިޚާބުގައި މުހިންމު ސްޓޭޓެއްކަމަށްވާ ވިސްކޮންސިންގެ އަޣުލަބިއްޔަތު އިދިކޮޅު ކެންޑިޑޭޓު އަދި އިންތިޚާބީ ރައީސް ޖޯ ބައިޑަން ކާމިޔާބުކުރައްވާފައިވަނީ 0.7 އިންސައްތައިގެ ފަރަގަކުންނެވެ. އެއީ ގާތްގަނޑަކަށް 20،000 ވޯޓުގެ ތަފާތެކެވެ. ވިސްކޮންސިންގެ ވޯޓު އަލުން ގުނުމަށް ހުށަހަޅާނެތޯ ސުވާލުކުރުމުން ރައީސް ޓްރަންފުގެ ކެންޕެއިނުގެ ޤާނޫނީ މުޝީރު، ޖެނާ އެލިސް ވިދާޅުވީ ވިސްކޮންސިންގެ ވޯޓުގައި ހުރި މައްސަލަތައް އަދިވެސް ދިރާސާކުރަމުންދާކަމަށާއި ވޯޓު އަލުން ގުނުމާއި އޯޑިޓެއް ހެދުމަކީ އެކަށީގެންވާ ކަމެއްކަމަށެވެ.
މިއަހަރުގެ އިންތިޚާބު ޖޯ ބައިޑަން ކާމިޔާބުކުރައްވާފައިވަނީ ރައީސްކަމަށް ހޮވުމަށް ބޭނުންވާ 270 އިލެކްޓޯރަލް ވޯޓު ޔަޤީންކޮށް، ޖުމްލަ 306 އިލެކްޓޯރަން ވޯޓު ހޯއްދަވައިގެންނެވެ. ރައީސް ޓްރަންޕަށް ލިބިވަޑައިގެންފައިވަނީ 232 އިލެކްޓޯރަލް ވޯޓެވެ. މުހިން ގިނަ ސްޓޭޓުތައް ބައިޑަން ކާމިޔާބުކުރެއްވިއިރު މަޤުބޫލު ވޯޓުވެސް ކުރި ހޯއްދަވާފައިވަނީ ބައިޑަނެވެ.