ޚަބަރު

ކުރިއަށް އޮތް 5 ގަޑިއިރުވެސް ބޮޑުބަޔަކަށް ގުގުރުމާއެކު ވިއްސާރަކުރާނެ - މެޓު އޮފީސް


ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ކުރިއަށް އޮތް ފަސް ގަޑިއިރުވެސް ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ހާމަކުރައްވައިފިއެވެ.

އެގޮތުން ހއ.އިން ފެށިގެން ކ.އަތޮޅާހަމައަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެކަމަށް ލަފާކޮށް މެޓު އޮފީހުންވަނީ ޔެލޯ އެލާޓް ނެރެފައެވެ. ޔެލޯ އެލާޓް ނެރެފައިވަނީ ހެނދުނު 9 އަކުން މެންދުރުފަހު 1400 ޖެހުމާހަމައަށެވެ. މިގަޑިތަކުގައި އުތުރާއި މެދު ރާއްޖޭގެ ރަށްތަކަށް ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެކަމަށް މެޓު އޮފީހުން ލަފާކުރެއެވެ.

ރާއްޖޭގެ އެކި ހިސާބުތަކަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ރޭވެސް މެޓު އޮފީހުންވަނީ މޫސުން ގޯސްވާނެކަމަށް ލަފާކޮށް ކ.އަތޮޅުން ފެށިގެން މ.އަތޮޅާ ހަމައަށް ޔެލޯ އެލާޓް ނެރެފައެވެ. ރޭ ކުރި ވިއްސާރައިގައި ގާތްގަނޑަކަށް 2 ގަޑިއިރު ތެރޭގައި މާލޭގެ ބޮޑު ބައެއްގައިވަނީ ފެން ބޮޑުވެފައެވެ. ފެން ހިންދުމުގެ މަސައްކަތް ޕަމް ބަހައްޓައިގެން އެމްއެންޑީއެފްއިން ވަނީ ރޭ ކުރައްވާފައެވެ.

ކުރިއަށް އޮތް 24 ގަޑިއިރަށް ރާއްޖޭގެ މޫސުން ލަފާކުރާގޮތަށް ބަލާއިރު ހުޅަނގާއި ހުޅަނގުއުތުރުން، މެދުރާއްޖެތެރެއާއި ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 15 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި އަދި އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށާއި،
މެދުރާއްޖެތެރެއާއި ދެކުނު އަތޮޅުތަކުގެ ކަނޑުތައް ގަދަވާނެ ކަމަށްވެސް މޫސުމާބެހޭ ޤައުމީ އިދާރާއިންވަނީ ލަފާކޮށްފައެވެ. އަދި އުތުރުގެ ކަނޑުތަށް އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށާއި ރާޅުގެ އުސްމިން ހުންނާނީ 4 - 7 ފޫޓުގައި ކަމަށްވެސް މޫސުމާބެހޭ ޤައުމީ އިދާރާއިން ހާމަކުރައްވާފައިވެއެވެ. އަދި ދެކުނު އަތޮޅުތަކަށް ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި އުދައިގެ އަސަރުކުރުން އެކަށީގެންވާތީ ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް މޫސުމާބެހޭ އިދާރާއިންވަނީ އިލްތިމާސްކުރައްވާފައެވެ.