ޚަބަރު

ކޯވިޑް-19 : ދެ މަސް ފަހުން، އެއްދުވަހެއްގައި ޕޮޒިޓިވް ޢަދަދު 100އިން މައްޗަށް


ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު ގިނަދުވަސްތަކަށްފަހު އަނެއްކާވެސް 100އިން މައްޗަށް އަރައިފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއިން އާއްމުކޮށްފައިވާ އެންމެ ފަހުގެ ތަފާސް ހިސާބަށް ބަލާއިރު، އަދިއްތަ ދުވަހުގެ އިރުއޮއްސި 18:00އިން ފެށިގެން، ހޯމަ ދުވަހުގެ އިރުއޮއްސި 18:00އާއި ހަމައަށް 110 މީހުން ވަނީ ޕޮޒިޓިވްވެފައެވެ. މީގެތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުން ބައްޔަށް ޕޮޒިޓިވްވި 86 މީހުންނާއި، އަތޮޅުތަކުން ބައްޔަށް ޕޮޒިޓިވްވި 24މީހުންނެވެ.

ޕޮޒިޓިވްވި 110މީހުންގެ ތެރެއިން 31މީހުންނަކީ ދިވެހިންނެވެ. އަދި 79މީހުންނަކީ ބިދޭސީންނެވެ. މިއާއިއެކު ރާއްޖެއިން ކޯވިޑް19 ޖެހުނު މީހުންގެ ޖުމްލަ އަދަދު މިވަނީ 12،314އަށް އިތުރުވެފައެވެ.

ކޯވިޑް19ގެ ކޭސްތައް 100އިން މައްޗަށް އަރާފައި މިވަނީ 2 މަސްދުވަހަށްވުރެ ގިނަ ދުވަސް ފަހުންނެވެ. އެންމެ ފަހުން 100އިން މަތީގައި ކޭސްތައް ފެނިފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 13ވަނަ ދުވަހުއެވެ. އެ ދުވަހު 129މީހުން ބައްޔަށް ޕޮޒިޓިވްވެފައިވެއެވެ.

އާދިއްތަ ދުވަހުގެ އިރުއޮއްސި 18:00އިން ފެށިގެން، ހޯމަ ދުވަހުގެ 18:00އާއި ހަމައަށް ބަލިން ރަނގަޅުވެފައިވަނީ 27މީހުންނެވެ. މިހާތަނަށް ޖުމްލަ 11316މީހުންވަނީ ބަލިން މުޅިން ފަސޭހަވެފައެވެ.

މިވަގުތު ބައްޔަށް ފަރުވާ ހޯދަމުންދާ މީހުންގެ އަދަދކީ 947އެވެ. މީގެތެރެއިން އައިސޮލޭޝަން ފެސިލިޓީތަކުގައި 277މީހުންނަށްދަނީ ފަރުވާދެމުންނެވެ. އަދި ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން 59މީހުންނަށްދަނީ ފަރުވާދެމުންނެވެ. މިހާތަނަށް ކޯވިޑް19ޖެހިގެން 44މީހުން ރާއްޖޭގައިވަނީ ނިޔާވެފައެވެ.

އަތޮޅުތަކުގައި ކޯވިޑް19ގެ ޙާލަތު އޮތްގޮތަށް ބަލާއިރު، 10 ރަށެއްގައި ބައްޔަށް ޕޮޒިޓިވް މީހުން އެބަތިއްބެވެ. އެއީ ޖުމްލަ 14މީހުންނެވެ. މީގެތެރޭގައި ހިމެނެނީ ރަށަށް ދަތުރުކޮށް ފުރަބަންދުގައި ތިބި 8މީހުންނާއި، ޑިޕަރޗަރ ސާމްޕަލްއިން ބައްޔަށް ޕޮޒިޓިވްވިކަން އިންގުނު 6 މީހުންނެވެ. އަތޮޅުތަކުން ޕޮޒިޓިވްވި މީހުންގެ ތެރެއިން 7މީހަކަށް، ލ.ގަން ކޯވިޑް ފެސިލިޓީގައި އެޑްމިޓްކޮށްގަނީ ފަރުވާދެމުންނެވެ.

ރިސޯޓްތަކުގެ ތެރެއިން 26 ރިސޯޓެއްގައި ބައްޔަށް ޕޮޒިޓިވް މީހުން އެބަތިއްބެވެ. އެއީ 52 ޓުއަރިސްޓުންނާއި، 128 ސްޓާފުންނެވެ.
ވޭތުވެދިޔަ 24 ގަޑިއިރު ކޯވިޑް19އަށް ޓެސްޓުހެދުމަށް 1828 ސާމްޕަލްވަނީ ނަގާފައެވެ.