ޚަބަރު

ޕްރީސްކޫލާއި ޤުރުއާން ކްލާސް ހިމެނޭހެން 48 ތަނަކަށް ޒަކާތު ފަންޑުން އެހީ ދީފި


ޤުރުއާން ކްލާސްތަކާއި އަމިއްލަ ޕްރީސްކޫލްތަކާއި ކޮމިއުނިޓީ ޕްރީސްކޫލްތަކަށް ޒަކާތު ފަންޑުން ދިނުމަށް ކަނޑައެޅި ފައިސާގެ އެހީ އެ ފަރާތްތަކާ ޙަވާލުކޮށްފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ތަޢުލީމުދޭ މިފަދަ ތަންތަނަށް އިސްލާމިކް މިނިސްޓްރީގެ ޒަކާތު ފަންޑުންވަނީ 1.5މިލިއަން ރުފިޔާގެ ފައިސާގެ އެހީ ދީފައެވެ. އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ ޒަކާތު ފަންޑުން ދީފައިވާ އެހީއަކީ ކޯވިޑް19އާ ގުޅިގެން ޤުރުއާން ކްލާސްތަކާއި އަމިއްލަ ޕްރީސްކޫލްތަކާއި ކޮމިއުނިޓީ ސްކޫލްތަކަށް ދިމާވެފައިވާ މާލީ ދަތިކަމަށް އެހީތެރިވެދިނުމުގެ ގޮތުން ދިން އެހީއެއްކަމަށެވެ. މި ފައިސާއިން 1 މިލިއަން ރުފިޔާ ދީފައިވަނީ ޕްރީ ސްކޫލްތަކަށެވެ. އަދި ޤުރުޢާން ކްލާސްތަކަށް 5ލައްކަ ރުފިޔާވަނީ ދީފައެވެ.

އޭޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ މިކަމަށް އެދި ހުށަހެޅި ފަރާތްތަކުގެ ތެރެއިން، ޖުމްލަ 25 ޕްރީސްކޫލަކަށް އެހީދީފައިވާކަމަށެވެ. އަދި 23 ޤުރުއާން ކްލާހަކަށް އެހީގެ ފައިސާ ދީފައިވާކަމަށެވެ.

ޒާކާތު ފަންޑުން އެހީދޭނެ ފަރާތްތައް ކަނޑައަޅާފައިވަނީ، ފައިސާގެ އެހީ ދިނުމުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލުގައިވާ ގޮތުގެ މަތީން އެންމެ ގިނަ މަރކްސް ލިބުނު ފަރާތްތަކަށްކަމަށް އެޑިއުކޭޝަން މިނިސްޓްރީއިން މަވަނީ ވިދާޅުވެފައެވެ.