ޚަބަރު

ކިންގް ސަލްމާން މިސްކިތުގެ އުތުރުގައި އޮތް ޒޯނުން ޕާކިންގ ސްލޮޓް ކުއްޔަށް ދޫކުރަނީ


ހެންވޭރު، ކިންގް ސަލްމާން މިސްކިތުގެ އުތުރުން އޮތް ޕާކިންގ ޒޯނުން ޕާކިންގ ސްލޮޓް ކުއްޔަށް ދޫކުރުމަށް ނިންމާފައިވާކަމަށް މާލޭ ސިޓީ ކައުންސިލުން ވިދާޅުވެއްޖެއެވެ. އެކައުންސިލުން ވިދާޅުވީ ސްލޮޓް ދޫކުރުމަށް ނިންމާފައިވަނީ 4 ފުރޮޅުލީ އުޅަނދު ޕާކުކުރުމަށްކަމަށެވެ.

އެ ސަރަޙައްދުން ޖާގަ ބޭނުންވާ މީހުންނަށް، މިމަހުގެ 22ވަނަ ދުވަހުގެ 13:00އިން ފެށިގެން އެކަމަށް އެދި މާލޭ ސިޓީ ކައުންސިލަށް ހުށަހެޅޭނެކަމަށް އެކައުންސިލުން ވިދާޅުވެއެވެ. ކިންގް ސަލްމާން މިސްކިތުގެ އުތުރު ފަރާތު ޕާކިންގ ޒޯނުން 57ޕާކިން ސްލޮޓް ދޫކުރުމަށްވަނީ ހަމަޖެހިފައެވެ. މި ޒޯނުން ޖާގަ ދެނީ ކާރަށާއި 350 ކިލޯއަށްވުރެ މަތިނޫން ޕިކަޕުތަކަށެވެ.

ސިޓީ ކައުންސިލުން ވިދާޅުވީ މިސްލޮޓްތަކަށް ފީގެ ގޮތުގައި މަހަކު 3000 ރުފިޔާ ދައްކަންޖެހޭނެކަމަށެވެ. މިކަމަށް އެދި ހުށައަޅަންޖެހެނީ މާލެ ސިޓީ ކައުންސިލްގެ ވެބްސައިޓްގައިވާ "ޕާކިނގް" ޕޯޓަލް މެދުވެރިކޮށެވެ. ޕްލޮޓަށް އެދޭ ފަރާތްތަކުން ފުރިހަމަކުރަންޖޭ ލިޔެކިޔުންތަކުގެ މަޢުލޫމާތާއި، ޢަމަލު ކުރަންޖެހޭ ޕާކިންގ އުސޫލުތަށް މިޕޯޓަލުން އެނގެން ހުންނާނެއެވެ.

ސިޓީ ކައުންސިލުން ވިދާޅުވީ މިމަހުގެ 22ވަނަ ދުވަހުން ފެށިގެން، މާލެ ސިޓީ ކައުންސިލުން ދޫކުރަން ހަމަޖެހިފައިވާ ޕާކިންގ ޒޯންތަކުގެ ޖާގަތަކާއި ހުސްވަމުންދާ ޖާގަތަކުގެ މަޢުލޫމާތު ކައުންސިލްގެ ވެބްސައިޓްގައިވާ ޕޯޓަލުން ލިބެން ހުންނާނެކަމަށެވެ. ޕޯޓަލަށް އަޕްލޯޑްކުރާވަރަކަށް، ޖާގަތަށް ހޯދަން ބޭނުންވާ ފާތްތަކަށް އެކަމަށް އެދި ހުށައެޅޭނެއެވެ.