ޚަބަރު

ޔަޢުޤޫބުގެ ގޮނޑި ނުގެއްލޭކަމަށް ސްޕްރީމްކޯޓުން ކަނޑައަޅައިފި


ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެންބަރު ޔަޢުޤޫބު ޢަބުދުﷲގެ މެންބަރުކަމުގެ ގޮނޑި ނުގެއްލޭކަމަށް ސްޕްރީމް ކޯޓުން ކަނޑައަޅައިފިއެވެ.

ޔައުޤޫބުގެ ގޮނޑީގެ މައްސަލަ ސްޕްރީމް ކޯޓަށް ހުށަހަޅާފައި ވަނީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށް ރައީސުލްޖުމްހޫރިއްޔާ ތަސްދީޤްކުރެއްވި ޗާޓަޑް އެކައުންޓެންޓުންގެ ޤާނޫނުގެ ދަށުން އުފެދިގެންދިޔަ މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓް ކައުންސިލްގެ މެމްބަރަކަށް ޔަޢުޤޫބު ޢައްޔަނުކޮށް މަޤާމުގެ ހުވާކުރެއްވުމާއި ގުޅިގެންނެވެ.

މިމައްސަލާގައި ޔަޢުޤޫބުގެ މެންބަރުކަން ގެއްލިއްޖެކަމަށާ، އެދާއިރާގެ ގޮނޑި ހުސްވެފައިވާކަމަށް ކަނޑައަޅައިދިނުމަށް ހުށަހެޅީ ސިވިލް ކޯޓުގެ ކުރީގެ ޤާޟީ މުޙައްމަދު ޙަލީމެވެ. އޭނާ ހުށަހެޅުއްވި މައްސަލާގައިވަނީ ޗާޓަޑް އިސްޓިޓިއުޓްގެ މެމްބަރުކަމާއި ޔައުޤޫބު ޙަވާލުވެވަޑައިގަތް ވަގުތުން ފެށިގެން ދާންދޫ ދާއިރާގެ މެމްބަރުކަމުގެ ގޮނޑި ހުސްވެފައިވާކަމަށް ކަނޑައަޅައި ދިނުމަށެވެ.

މިމައްސަލާގައި މިއަދު ހުކުމް ކުރަމުން މިމައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގެ އިސް ފަނޑިޔާރު އަލް އުސްތާޒު ހުސްނުއްސުއޫދު ވިދާޅުވީ، އިންސްޓިޓިއުޓް އޮފް ޗާޓާޑް އެކައުންޓެންޓްސްގެ ކައުންސިލް މެމްބަރުކަމަކީ ދައުލަތުގެ ވަޒީފާއެއް، ނުވަތަ މުސްތަގިއްލު ކޮމިޝަނެއްގެ މެމްބަރުކަން ނުވަތަ ކޮމިޝަނެއްގެ މަގާމެއް ކަމަށް ބެލެވޭނެ ސަބަބެއް ނެތް ކަމަށެވެ.

އަދި ގާނޫނު އަސާސީގެ 73 ވަނަ މާއްދާގެ (ނ)ގައި މަޖިލީހުގެ މެމްބަރުކަމުން ވަކިވާނެ ހާލަތުތައް ބަޔާންކޮށްފައި ވަނިކޮށް، މެމްބަރު ކޮށްގެން ނުވާނެ ކަންކަން ގަނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ރ)ގައި ބަޔާންކޮށްފައި އޮތުމުން، (ރ)ގައިވާ ވާހަކައިގެ މައްޗަށް ބިނާކޮށް، މެމްބަރު ކަމުން ވަކި ކުރުމަކީ ސުޕްރީމް ކޯޓަށް ކުރެވޭނެ ކަމެއް ނޫން ކަމަށްވެސް ހުކުމުގައިވެ އެވެ. ފަނޑިޔާރު ސުއޫދު ވަނީ ޤާނޫނޫ އަސާސީ އެކުލަވާލެއްވި އިރު އެމާއްދާ ހިމެނުނު ސަބަބާއި، މިކަމުގައި އޭރު ދެކެވުނު ވާހަތައްވެސް މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ވިދާޅުވެފައެވެ.

ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވާގޮތުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު މަގާމުގައި ހުންނަވައިގެން މުސްތަޤިއްލު ކޮމިޝަނެއްގެ މެންބަރުކަން ނުވަތަ މުސްތަގިއްލު މަޤާމެއް އަދާ ނުކުރެވޭނެއެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ހައިސިއްޔަތުން އަދާކުރަން ޖެހޭ ވަޒީފާއެއް ފިޔަވައި ދައުލަތުގެ އެހެން އެއްވެސް ވަޒީފާއެއްވެސް އަދައެއް ނުކުރެވޭނެ ކަމަށްވެސް ބަޔާންކޮށްފައިވެއެވެ.

ދިވެހިރާއްޖޭގެ ޗާޓަޑް އެކައުންޓެންޓުންގެ ޤާނޫނުގެ ދަށުން އުފައްދާފައިވާ އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްއަކީ މިނިވަން މުސްތަގިއްލު ޝަހުޝެއް ކަމަށް އެޤާނޫނުގައި ބަޔާންކޮށްފައިވެއެވެ.