އަތޮޅުތެރޭގެ ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ދަތިކަމަކީ، ރަނގަޅު ފެންވަރުގެ ސިއްޙީ ޚިދުމަތް ލިބެން ނެތުމެވެ. ސިއްޙީ ޚިދުމަތް ހޯދުމަށް ވެރިރަށް މާލެއަށް އައުމަށް މީގެ ކުރިން އޮތީ މަޖުބޫރުވެފައެވެ. އެ މަންޒަރު ކޮންމެވެސް ވަރަކަށް މިހާރު ބަދަލުވަމުން އަންނައިރު އަދިވެސް މިކަން މިގޮތަށް ހިންގަމުން އަންނަށް އެއް ރަށަކީ ހއ. ހޯރަފުއްޓެވެ. އަމިއްލަ ރަށުން ބޭސްފަރުވާ ނުކުރެވިގެން ރަށްދޫކޮށް މާލެ ހިޖުރަށްކޮށްފައިވާ ހޯރަފުށީގެ ޢާއިލާތައް އެބަތިބިކަމަށް އެރަށު ކައުންސިލުން ފާހަގަކުރައްވައެވެ.
ޕީއެސްއެމްނިއުސްއަށް މަޢުލޫމާތު ދެއްވަމުން ހޯރަފުށީ ކައުންސިލްގެ ރައީސް އަޙްމަދު ވަޙީދު ވިދާޅުވީ ކިޑްނީ ބައްޔަށް ފަރުވާ ހޯދަމުން އަންނަ 8 މީހެއްގެ ޢާއިލާ ރަށުން މާލެ ބަދަލުވާން ޖެހުނީ ޑައިލިސިސްގެ ޚިދުމަތް އެރަށުގައި ލިބެން ނެތުމުންކަމަށެވެ. އަދި މިރަށުގައި ހޮސްޕިޓަލެއް އެޅި ޑައިލިސިސް ފަދަ ޚިދުމަތްތައް ލިބިގެންދިޔުމަކީ މިފަދަ އެތައް ޢާއިލާތަކެއްގެ ވަރަށް ބޮޑު އުއްމީދެއްކަމަށް ހޯރަފުށީ ކައުންސިލްގެ ރައިސް ވިދާޅުވެއެވެ.
" މީގެ ކުރީގަ އަޅުގަނޑުމެންގެ ރަށުގަ ދިރިއުޅުނު 8 ޢާއިލާއެއް ކިޑްނީއަށް ފަރުވާ ހޯދުމަށްޓަކާ ރަށް ދޫކޮށް މާލޭގަ ބޮޑު އަގުދީފައި ކޮޓަރި ކުއްޔަށް ހިފައިގެން އެބަތިބި. މިފަރާތްތަކުން އެބަބުނޭ ޚަރަދުން ވަރަށް ބޮޑުވާވާހަކަ. އެބޭފުޅުން އެބައެދޭ ކައުންސިލްގައި ތިމަންނަމެނަށްޓަކާ ސަރުކާރަށް ދަންނަވައިދިނުމަށް." ހޯރަފުށީ ކައުންސިލްގެ ރައީސް އަޙްމަދު ވަޙީދު ވިދާޅުވިއެވެ.
ހޯރަފުށީގައި ސިއްޙީ މަރުކަޒެއް ހުރި ނަމަވެސް އެރަށު ރައްޔިތުން ޢާއްމުގޮތެއްގައި ސިއްޙީ ފަރުވާ ހޯދަމުން އަންނަނީ ހއ.ދިއްދޫއާއި ހދ.ކުޅުދުއްފުށިންނެވެ. އެކަމުގައި ގިނަ ދަތިތަކަކާއި ރައްޔިތުން ކުރިމަތިލާކަން ކައުންސިލުން ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން އެންމެ ކައިރި ހޮސްޕިޓަލަށް ދިޔުމަށް އެއްގަޑިއިރު ހޭދަވާއިރު އެރަށްރަށަށް ފަރުވާއަށް ގޮސް މަޑުކުރުމަށް ކުރަމްޖެހޭ ޚަރަދު ކައިރި ޤައުމަކަށް ބޭސްފަރުވާއަށް ދިޔުމެކޭ އެއްވަރުކަމަށް ކައުންސިލްގެ ރައިސް ވިދާޅުވެއެވެ.
" ގައްލަންދޫ ކަނޑުގެ ބިޔަބޮޑު ރާޅުތައް ކަޑައްތުކޮށް ހޮސްޕިޓަލަށް ދަތުރުނުކުރެވިގެން އަންބުރާ އައިސް ލޯންޗު ވަތްވަނުމުގެ ތެރޭގައި ފަޅުތެރޭގައި ފުރާނަ ދިޔަ އެތައް ބައެއްގެ ހަނދާންތައް މިއަދު ހޮސްޕިޓަލުގެ ވާހަކަދައްކާއިރު." ހޯރަފުށީ ކައުންސިލްގެ ރައީސް އަޙްމަދު ވަޙީދު ވިދާޅުވިއެވެ.
ދެހާހަށްވުރެ ބޮޑު އާބާދީއެއް އޮތް ހއ.ހޯރަފުށީގެ ރައްޔިތުން އެރަށުގައި ހޮސްޕިޓަލެއް ނެތުމުގެ ދަތިކަން ކުރިމަތިވެފައިވާއިރު، ހޯރަފުށީ ސިއްޙީ މަރުކަޒު އަޕްގްރޭޑުކޮށް ހޮސްޕިޓަލަކަށް ބަދަލުކުރުމަށް ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހު ވަނީ ހޮސްޕިޓަލްގެ ޢިމާރާތް އެޅުމަށް އެމްޓީސީސީ އާއި ޙަވާލުކޮށްފައެވެ.