ޚަބަރު

ސަލާމަތީ ކަންކަމުގައި ރައީސަށް ލަފާއެރުވުމަށް ޙާއްސަ ކޮމިޓީއެއް


ރިޔާސީ ލޯންޗުކޮޅުގައި ހިނގި ފަދަ ހާދިޘާއެއް ތަކުރާރުނުވާނޭ ގޮތަކަށް ކަންކަން ރޭއްވެވުމަށް ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އެރުވުމަށް ޙާއްސަ ކޮމިޓީއެއް އެކުލަވާލައްވައިފިއެވެ.ރައީސުލްޖުމްހޫރިއްޔާ މިއަދު އެކުލަވާލެއްވި މިކޮމިޓީގައި ހިމެނިވަޑައިގެންނަވަނީ ފުލުހުންގެ 3 އޮފިސަރުންނާއި، އެމްއެންޑީއެފްގެ 3 އޮފިސަރުންނާއިއެކު ޖުމްލަ 6 ބޭފުޅެކެވެ.އެބޭފުޅުންނަކީ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާރ ޖެނަރަލް އަހުމަދު ޝާހިދާއި، އެމްއެންޑީއެފްގެ ކާނަލް އަބްދުލްރައޫފާއި، އެމްއެންޑީއެފްގެ ކެޕްޓަން އަލީ އިހުސާން އަދި އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ޖަމްޝީދާއި، އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ނަވާޒާއި، ޗީފް ސްޓޭޝަން އިންސްޕެކްޓަރ މުހައްމަދު ސާމިހުއެވެ.ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ ވިދާޅުވީ، މިކޮމިޓީއަކީ އިއްޔެ ހިނގިފަދަ ހާދިޘާއެއް ކުރިއަށް އޮތްތަނުގައި ތަކުރާރު ނުވާނޭ ގޮތަކަށް ކަންކަން ރާވާ، އެކަމާއި ގުޅޭ ލަފަޔާއި އިރުޝާދު ރައީސުލްޖުމްހޫރިއްޔާއަށް އެރުވުމަށް އެކުލަވާލި ކޮމިޓީއެއްކަމަށެވެ.ތަރުޖަމާނު ވިދާޅުވީ މިއީ އެއްވެސް ބާވަތެއްގެ ތަހްޤީޤެއްކުރުމަށް އެކުލަވާލި ކޮމިޓީއެއް ނޫންކަމާއި، މިކޮމިޓީގެ މަސައްކަތަކީ ރައީސުލްޖުމްހޫރިއްޔާއަށް ފަންނީ ލަފާއެރުވުންކަމަށެވެ.