ދުނިޔޭގެ ވިޔަފާރި

އޭޝިއާ ޕެސިފިކްގެ 15 ޤައުމަކުން ދުނިޔޭގެ އެންމެ ބޮޑު އެފްޓީއޭ އެކުލަވާލައިފި


ދުނިޔޭގެ އެންމެ ބޮޑު ފްރީ ޓްރޭޑް އެގްރިމެންޓްގައި އޭޝިއާ ޕެސިފިކްގެ 15 ޤައުމަކުން ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ދުނިޔޭގެ އެންމެ ބޮޑު އާބާދީ އަދި ދެވަނައަށް އެންމެ ބޮޑު އިޤްތިޞާދު ޗައިނާ ހިމެނޭއިރު، މި އެއްބަސްވުމުގައި ބައިވެރިވުމަށް އެމެރިކާއިން ވަނީ ދެކޮޅު ހަދާފައެވެ.

37 ވަނަ ވަރޗުއަލް އާސިއާން ސަމިޓްގައި ސޮއިކުރި މި އެއްބަސްވުމުގައި އޭޝިއާ ޕެސިފިކްގެ 15 ޤައުމަކުން ސޮއިކޮށްފައިވުމުން މި އެއްބަސްވުމުގެ ސީދާ އަސަރު 2 ބިލިއަން މީހުންނަށް ކުރާނެއެވެ. މިއީ ދުނިޔޭގެ އާބާދީގެ 30 އިންސައްތައާއި ގާތް ކުރާ އަދަދަކަށްވާއިރު، މި ސަބަބަށްޓަކައި މި އެއްބަސްވުމަކީ ދުނިޔޭގެ ތާރީޚުގައިވެސް މިހާތަނަށް ސޮއިކުރި އެންމެ ބޮޑު ފްރީ ޓްރޭޑް އެގްރިމެންޓެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ދެކުނު އިރުމަތީ އޭޝިޔާގެ އިއްތިހާދު، އާސިއާންގައި ހިމެނޭ 10 ޤައުމުކަމުގައިވާ ސިންގަޕޫރު، ވިއެޓްނާމް، ލާއޯސް، ކެމްބޯޑިއާ، ތައިލޭންޑް، މެލޭޝިޔާ، އިންޑޯނޭޝިޔާ، މިޔަންމާ، ފިލިޕީންސް ބްރޫނާއީގެ އިތުރުން އޭޝިއާ ޕެސިފިކްގެ ޤައުމުތައްކަމަށްވާ ޗައިނާ، ޖަޕާން، ދެކުނު ކޮރެއާ، އޮސްޓްރޭލިއާ، އަދި ނިއުޒިލެންޑެވެ.

މި އެއްބަސްވުމާއި ގުޅޭގޮތުން އާސިއާންގެ ވާޗުއަލް ސަމިޓްގެ ތެރެއިން ވާހަކަދައްކަވަމުން، މެލޭޝިއާގެ ޓްރޭޑް މިނިސްޓަރ މުޙައްމަދު އަޒްމީމް އަލީ ވަނީ މި އެއްބަސްވުމަކީ އޭޝިއާ ޕެސިފިކް ޤައުމުގެ އިޤްތިޞާދަށް ކޯވިޑްގެ ގެއްލުމުން އަރައިގަނެ ބޮޑެތި ކުރިއެރުންތަކެއް ހޯދާދޭނެ އެއްބަސްވުމަކަށް ވާނެކަމަށް ވިދާޅުވެފައެވެ.

2012 ވަނަ އަހަރުން ފެށިގެން މި އެއްބަސްވުން އެކުލަވާލުމަށް 46 މަޝްވަރާ ބައްދަލުވުމާއި 19 މިނިސްޓީރިއަލް ބައްދަލުވުން ބާއްވާފައިވާއިރު، މި އެއްބަސްވުމުގެ ސަބަބުން ސަރަހައްދީ ތަރައްޤީއަށް އިންޤިލާބީ ބަދަލުތަކެއް އައިސް އޭޝިއާ ޕެސިފިކްގެ ވިޔަފާރިތައް ދުނިޔޭގެ އެންމެ ކުރިއަށް ޖެހިލާނެކަމަށް އޭނާ ވިދާޅުވިއެވެ.

މި އެއްބަސްވުމުގައި އިންޑިއާއިންވެސް ބައިވެރިވުމަށް ވަނީ އެއްބަސްވެފައެވެ. އެހެންނަމަވެސް، މިފަދަ އެއްބަސްވުމެއްގެ ސަބަބުން އިންޑިއާފަދަ އާބާދީ ބޮޑު އަދި ފަޤީރުންގެ އަދަދު ގިނަ ޤައުމަކަށް ގެއްލުންވާނެކަމަށް ބަލާ އެ ޤައުމުން މިދިޔަ އަހަރު ވަނީ މި އެއްބަސްވުމުގައި ބައިވެރިނުވާން ނިންމާފައެވެ. އެހެންނަމަވެސް، މި ބައްދަލުވުމުގައި އާސިއާންގެ ޤައުމުތަކުން ވަނީ މިފަދަ ބޮޑު އެއްބަސްވުމެއްގައި އިންޑިއާއިން ބައިވެރިނުވުމަކީ ލިބޭ ފަޅުކަމެއްކަމަށް ސިފަކޮށްފައެވެ. އަދި އިންޑިއާގެ ނިންމުން ބަދަލުކުރުމަށް މަޝްވަރާކޮށް އަވަސް މުސަތަޤުބަލެއްގައި މި އެއްބަސްވުމާއި ގުޅޭނެކަމަށް އުންމީދުކުރައްވާކަމަށް އާސިއާންގެ އިސްވެރިން ވަނީ ވިދާޅުވެފައެވެ.

މި އެއްބަސްވުމުގެ ސަބަބުން ޗައިނާއާއި އެ ޤައުމުގެ ކުންފުނިތަކަށް ބޮޑެތި ފައިދާތަކެއް ވާނެކަމަށް ތަޖުރިބާކާރުން ވަނީ ލަފާކޮށްފައެވެ. އެގޮތުން އެޤައުމުގެ ބެލްޓް އެންޑް ރޯން މަޝްރޫޢު އިތުރަށް ފުޅާކުރުމަށް އައު މަގުތައް މި އެއްބަސްވުމުގެ ދަށުން ފަހިވެގެންދާނެކަމަށް އެފަރާތްކުން ދަނީ ބުނަމުންނެވެ. މި އެއްބަސްވުމުގައި ބައިވެރިވުމަށް އެމެރިކާއިން އެކިފަހަރު މަތިން ވަނީ ދެކޮޅުހަދާފައިވާއިރު، އެ ޤައުމުގެ އައު ރައީސްއަކަށް ޖޯ ބައިޑަން ވަޑައިގެންނެވުމުން އެ ޤައުމު މި އެއްބަސްވުމުގައި ބައިވެރިކުރުމަށް އަނެއްކާވެސް މަޝްވަރާކުރާނެކަމަށް މި އެއްބަސްވުމުގެ ބައިވެރިން ވަނީ މި ބައްދަލުވުމުގައި މަޝްވަރާކޮށްފައެވެ.