ޚަބަރު

އެމްޑީޕީގެ މެމްބަރުން، މިނިސްޓަރ މަލީހު މަޤާމުން ވަކިކުރުމުގެ މަސައްކަތް ފައްޓަވައިފި


މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޯލޮޖީގެ މަޤާމުގައި ހުންނެވި، މުހައްމަދު މަލީހު ޖަމާލު އިތުބާރު ނެތްކަމުގެ ވޯޓުނަގައި މަޤާމުން ވަކިކުރުމަށް އެމައްސަލަ އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕަށް ހުށައަޅައިފިއެވެ.

އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕަށް މިމައްސަލަ ހުށައަޅުއްވާފައި ވަނީ، ރައްޔިތުންގެ މަޖިލިހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމާއި އިތުރު 9 މެމްބަރުންތަކެއް ސޮއިކުރައްވައެވެ.

މަޖިލީހަށް މިނިސްޓަރ މަލީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ވެއްދުމަށް، މެމްބަރުން ސޮއިކޮށް ހުށައެޅި ސަބަބުތައް ކަމުގައި ބުނެފައި ވަނީ، ދިވެހިރާއްޖޭގެ ޤާނޫނު ނަންބަރު (43/2015) ދިވެހިރާއްޖޭގެ ޓެލެކޮމިއުނިކޭޝަންގެ ޤާނޫނުން މިނިސްޓްރީގެ ދަށުން ހިނގަމުން އަންނަ އިދާރާތަކަށް ކުރުމަށް ލާޒިމްކުރާ ކަންތައްތަކަށް ރިޢާޔަތްކޮށް ބަލާއިރު، ބުނެވިދިޔަ ޤާނޫނުގެ ދަށުން ދިވެހިރާއްޖޭގެ ކޮމިއުނިކޭޝަންސް އޮތޯރިޓީއިން ހަދަންޖެހޭ އެއްވެސް ޤަވާއިދެއް މަޤާމުގައި ހުންނަވާތާ 2 އަހަރުވީއިރުވެސް މިނިސްޓަރ މުޙައްމަދު މަލީހް ޖަމާލު ހައްދަވާފައި ނުވުމާއި، އަދި މިކަމުގައި ޖަވާބުދާރީވުމަކީ މުވާސަލާތީ ހިދުމަތްތައް ތަންޒީމުކޮށް ހިންގުމުގެ މަސްޢޫލިއްޔަތު އެ އިރެއްގައި ހަވާލުކޮށްފައިވާ ވުޒާރާއެއްގެ ވަޒީރުގެ ޒިންމާއެއް ކަމަށް ދިވެހިރާއްޖޭގެ ޤާނޫނު ނަންބަރު (42/2015) ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސްގެ ޤާނޫނުގެ 2 ވަނަ މާއްދާގެ (ނ) ގައި ކަނޑައެޅިގެން ބަޔާންކޮށްފައިވާތީ، އެ ޤާނޫނުން ހެދުމަށް ލާޒިމްކުރާ ޤަވާއިދުތަކަކީ، ދިވެހިރާއްޖޭގެ ޓެލެކޮމް ސިނާއަތް ފުރިހަމައަށް ރެގިއުލޭޓްކޮށް ހިންގުމަށް ކޮންމެހެން ބޭނުންވާ ޤަވާއިދުތަކެއްކަކަށް ވެފައި، އެ ޤަވާއިދުތައް ނުހެދި ލަސްވެގެންދާ ކޮންމެ ދުވަހަކީ ދިވެހި ދަޢުލަތަށާއި ރައްޔިތުންނަށް އެތަކެއް ގެއްލުންތަކެއް ކުރިމަތިކުރުވާ ކަމެއްކަން ކަށަވަރުވާކަމުގައިވެސް ބުނެފައިވެއެވެ،

އަދި އެ ޤަވާއިދުތައް ހެދުމަށް މިނިސްޓްރީގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާއި މުވައްޒަފުން ކުރެއްވި މަސައްކަތަށް ވަޒީރުގެ ފަރާތުން އެއްވެސް އެއްބާރުލުމެއް ދެއްވާފައިނުވާކަމާއި އަދި އެކަމަށް ހުރަސް އަޅުއްވާފައިވާކަން ސާފުވާތީ، މިނިސްޓަރ އޮފް ކޮމިއުނިކޭޝަންސް، ސައިންސް އެންޑް ޓެކްނޮލޮޖީގެ މަޤާމުގައި މުޙައްމަދު މަލީހް ޖަމާލް އިތުރަށް ބެހެއްޓުމަކީ އެމްޑީޕީގެ އިތުބާރު އޮތް ކަމެއް ނޫންކަމަށްވެސް ބުނެފައި ވެއެވެ.

މީގެ އިތުރުން ގިނަ ރައްޔިތުންތަކެއް މިނިސްޓަރ މަލީޙު މަޤާމުން ވަކިކުރުމަށް ކެނޑިނޭޅި އެދުމުންދާތީ މިނިސްޓަރ އޮފް ސައިންސް އެންޑް ޓެކްނޮލޮޖީގެ މަގާމުން މިނިސްޓަރ މަލީހު ވަކިކުރެއްވުމަށް ހުށައެޅީކަމުގައި އެލިޔުމުގައި ބުނެފައިވެއެވެ.

މިނިސްޓަރ މަލީހު އިތުބާރުނެތްކަމުގެ ވޯޓު މަޖިލީޙުގައި ނަގައި މަޤާމުން ވަކިކުރުމުގެ މައްސަލަ އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕަށް މިހުށައެޅީ، މިނިސްޓަރ މަލީހު، އިންޓަރވިއުއެއްގައި މަޖިލީހާއި މަޖިލީހުގެ މެމްބަރުންނަށް ފާޑު ވިދާޅުވުމާއި ގުޅިގެން އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ މެމްބަރުންގެ ނުރުހުން އަމާޒުވެފައިވާ ވަގުތެއްގައެވެ.

އެމްޑީޕީގެ އަސާސީ ޤަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުން، ވަޒީރެއްގެ އިތުބާޜު ނެތްކަމުގެ މައްސަލަ މަޖިލީހަށް އެޕާޓީން ވެއްދޭނީ، ޕާޓީގެ ޕާލަމެންޓްރީ ގުރޫޕަށް ހުށައަޅައި ފާސްކޮށްގެންނެވެ.