ޚަބަރު

ކޯވިޑް-19ގައި މަރުވާ މީހުންގެ ޢަދަދުން ފެންނަނީ މުޖުތަމަޢުގެ ތެރޭގައި ބަލީގެ ޙާލަތު އޮތް މިންވަރެއްނޫން: ޑރ. ނަޒްލާ


ކޯވިޑް-19 ގައި މަރުވާ މީހުންގެ ޢަދަދަކީ ސީދާ މުޖުތަމަޢުގައި ބަލީގެ ޙާލަތު އޮތް މިންވަރު ދައްކައިދޭކަމެއް ނޫންކަމަށް ހެލްތު އެމެޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެއްޖެއެވެ.

މިރޭ ބޭއްވި ޕްރެސްކޮންފަރެންސްގައ އެސެންޓަރުގެ ތަރުޖަމާން ޑރ.ފާޠިމަތު ނަޒްލާ ރަފީޤު ވިދާޅުވީ، ކޮވިޑްގައި މަރުވާ ގިނަ މީހުންނަކީ، ވަރަށް ގިނަ ދުވަހު އެޑްމިޓްކޮށް ފަރުވާދެމުންދާ މީހުންކަމަށެވެ. އަދި މަރުވާ ގިނަ މީހުންނަކީ ދިގުމުއްދަތަކަށް ފަރުވާ ހޯދަންޖެހޭ ބަލިތައް ތަހައްމަލުކުރަމުންދާ މީހުންކަމަށްވެސް ޑރ.ނަޒްލާ ވިދާޅުވިއެވެ.

"މިސާލަކަށް މިއަދު ނިޔާވި މީހާކީ، ހޮސްޕިޓަލްގައި ގާތްގަނޑަކަށް 23 އެޑްމިޓްކޮށް ފަރުވާދެމުން ދަނިކޮށް ނިޔާވި މީހެއް. ވަރަށް ގިނަ ދުވަސްފަހުން ގިނަ މަރު އަންނަނީ. އެހެންދެންނެވިއަސް ބައެއް މަރު ހުރޭ ހަފްތާއެއްގެ ތެރޭގައިވެސް ނޫނީ އެއަށްވުރެ ކުޑަދުވަސްކޮޅެއްގެ ތެރޭގައިވެސް" ޑރ ނަޒްލާ ވިދާޅުވިއެވެ.

ޑރ.ނަޒްލާ ވިދާޅުވީ ރާއްޖޭގައި މީހުން މަރުވާ އަދަދަކީ ސީދާ އެވަގުތު ބަލީގެ ހާލަތު މުޖުތަމަޢުގައި އޮތް މިންވަރު ދައްކުވައިދޭ ކަމެއް ނޫންކަމަށެވެ. ޑޮކްޓަރ ނަޒްލާ ވިދާޅުވީ ކޯވިޑް-19 ބައްޔަކީ ހަށިގަނޑުގެ އެކި ގުނަވަންތަކށް ވަރަށް ބޮޑު އަސަރެއްކުރުވާ ބައްޔެއްކަމަށާއި، މާބޮޑު އަލާމާތެއް ނެތި ފަސޭހައިން ބަލިން ރަނގަޅުވި މީހުންވެސް ބައެއް ގުނަވަންތަކަށް ފަހުން އުނދަގޫތައް ހުންނަކަން ފަހުގެ ދިރާސާތަކުން ދައްކާކަމަށެވެ. އެހެންކަމުން މިއީ ނުރައްކާތެރި ބައްޔެއްކަމަށް ޑރ ނަޒްލާ ވިދާޅުވާ ވިދާޅުވުން ތަކުރާރުކުރެއްވިއެވެ.

ރާއްޖެއިން ކޯވިޑް-19 ބަލީގައި މިހާތަަނަށް 43 މީހަކު ވަނީ ނިޔާވެފައެވެ. އޭގެތެރޭގައި ހިމެނެނީ 35 ދިވެހިންނާއި 8 ބިދޭސީންނެވެ.