ޚަބަރު

ދ.ޖުޑީޝަލް ދާއިރާ އިސްމެޖިސްޓްރޭޓް މަޤާމުން ވަކިކުރަން މަޖިލީހަށް ފޮނުވައިފި


ދ.ޖުޑީޝަލް ދާއިރާ އިސްމެޖިސްޓްރޭޓް ޢަބްދުއްރައްޒާޤު މުޙައްމަދު ފަނޑިޔާރުކަމުގެ މަޤާމުން ވަކިކުރުމަށް ރައްޔިތުންގެ
މަޖިލީހަށް ހުށަހެޅުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމަވައިފިއެވެ.

މިކަން ހާމަކުރެއްވީ ޖޭއެސްސީން މިއަދު ނެރުއްވި ބަޔާނެއްގައެވެ. މިމައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް އެކޮމިޝަނުން ނިންމަވާފައިވަނީ މިމަހުގެ 19ވަނަ ދުވަހު ބޭއްވި އެކޮމިޝަނުގެ ބައްދަލުވުމުގައިކަމަށް ޖޭއެސްސިން މަޢުލޫމާތުދެއްވައެވެ. މެޖިސްޓްރޭޓް ޢަބްދުއްރައްޒާޤު މުޙައްމަދު ފަނޑިޔާރުކަމުގެ މަޤާމުން ވަކިކުރުމުގެ މައްސަލައާމެދު ގޮތެއްނިންމުމަށް ޖޭއެސްސީން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވަނީ މިއަދުކަމަށް އެކޮމިޝަނުން ވިދާޅުވެއެވެ.

ޖޭއެސްސީން ބެއްލެވި މެޖިސްޓްރޭޓް ޢަބްދުއްރައްޒާޤުގެ މައްސަލަތަކުގެ ތެރޭގައި ދިވެހި ރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ޝަރީޢަތްކުރުމާ ބެހޭ ގޮތުން ހެދިފައިވާ ގަވާއިދާ ޚިލާފަށް ޢަމަލުކޮށްފައިވާމައްސަލައަކާއި ޝަރީޢަތުގެ މަރުޙަލާގައި ފޯޖުކުރުމުގެ މައްސަލައަކާއި ތަހްޤީޤަށް އޮޅުވާލި މައްސަލައެއް ހިމެނެއެވެ.

މެޖިސްޓްރޭޓް ޢަބްދުއްރައްޒާޤު މުޙައްމަދުގެ މައްޗަށް ތުހުމަތުކުރެވޭ ފޯޖުކުރުމުގެ މައްސަލަ ފުލުހުން ބަލަން ފަށުމާއެކު މިއަހަރުގެ ޖެނުއަރީމަހުގެ 7ވަނަ ދުވަހުންފެށިގެން އޭނާ ހުންނެވީ ސަސްޕެންޑްކޮށްފައިކަމަށްވެސް ޖޭއެސްސީން މިއަދު ނެރުއްވި ބަޔާނުގައި ވެއެވެ.