ޚަބަރު

ތޫފާން ވެމްކޯގައި މަރުވި މީހުންގެ ޢަދަދު 70އާއި ގާތަށް


ފާއިތުވި 45 އަހަރުގެ ތެރޭގައި ފިލިޕީންސަށް އެރި އެންމެ ބާރުގަދަ ތޫފާން، ތޫފާން ވެމްކޯގައި މަރުވި މީހުންގެ ޢަދަދު 67އަށް އިތުރުވެއްޖެއެވެ.

ތޫފާން ވެމްކޯ ފިލިޕީންސަށް އެރީ ނޮވެމްބަރު މަހުގެ 11ވަނަ ދުވަހުގައެވެ. ކެޓަގަރީ 2ގެ ބާރުމިން ހުރި އެ ތޫފާނުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވަނީ މީގެ ދެ ހަފުތާކުރިން ފިލިޕީންސަށް އެރި ސުޕާ ޓައިފޫން، ގޯނީގެ ސަބަބުން އެންމެ ބޮޑަށް ގެއްލުން ލިބުނު ސަރަޙައްދުތަކަށެވެ. ތޫފާން ވެމްކޯއަކީ މި އަހަރުގެ މިހާތަނަށް ފިލިޕީންސަށް އަރާފައިވާ 21ވަނަ ސައިކުލޯނެވެ. މި ތޫފާނުގެ ސަބަބުން ފެންބޮޑުވެ ގިނަ ޢަދަދެއްގެ ސަރަޙައްދުތައް އޮތީ ފެނުއަޑީގައެވެ.

ފިލިޕީންސްގެ ރައީސް ރޮޑްރިގޯ ޑުޓާޓޭވަނީ ތޫފާނުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ އެއް ސަރަޙައްދުކަމުގައިވާ ކަގަޔަން ވާދީ ސަރަޙައްދަށް ލިބިފައިވާ ގެއްލުންތައް ބައްލަވައިލެއްވުމަށް ތުގުއީގަރާއޯ ޕްރޮވިންސަށް ޒިޔާރަތްކުރައްވާފައެވެ. ލުޒޯންއާއި މެނީލާގައި ހެދޭ ފެންގަނޑު ފައިބަނީ އެ ސަރަޙައްދަށެވެ. އޭގެ ސަބަބުން 1.2 މިލިއަން މީހުންގެ އާބާދީއެއް އޮންނަ އެ ދަނޑުވެރި ސަރަޙައްދުގެ ބޮޑު ބައެއް އޮތީ ފެނު އަޑީގައެވެ. ދެ ބުރި އިމާރާތެއްގެ އުސް މިނަށް ފެންބޮޑުވުމުގެ ސަބަބުން ގިނަ ޢަދަދެއްގެ ޢާއިލާތައްވަނީ ރައްކާތެރިކަން ހޯދުމަށްޓަކައި އިމާރާތްތަކުގެ ފުރާޅަށް އަރައި އެ ތަނުގައި ތާށިވެފައެވެ. އިންޓަނޭޝަލަން ފެޑަރެޝަން އޮފް ރެޑް ކްރޮސުން ބުނީ މިހާތަނަށް 47،000 މީހުން ސަލާމަތްކޮށްފައިވާ ނަމަވެސް އަދިވެސް އެތައް ހާސް ބަޔަކު ތާށިވެފައި އެބަތިބިކަމަށެވެ.

ކަގަޔަންގައި 22 މީހުން މަރުވެފައިވާއިރު ލުޒޯން ސަރަޙައްދުގައި މަރުވި މީހުންގެ ޢަދަދުވަނީ 17އަށް އިތުރުވެފައެވެ. މެޓްރޯ މަނީލާގައި އަށް މީހުން މަރުވެފައިވާއިރު އިތުރު ދެ ސަރަޙައްދެއްގައި ވިހި މީހުންވަނީ މަރުވެފައެވެ. 12 މީހުނަށް ވީނުވީއެއް ނޭނގި ގެއްލި، މިހާތަނަށް 26،000 ގެ ވަނީ ތޫފާނުގައި ހަލާކުވެފައެވެ. ތޫފާނުގެ ސަބަބުން ދަނޑުތަކަށް ލިބުނު ގެއްލުން 25 މިލިއަން އެމެރިކާ ޑޮލަރަށްވުރެ އިތުރެވެ. އަދި އުމްރާނީ ގެއްލުމުގެ އަގު 9.7 މިލިއަނަށްވުރެ އިތުރުވާނެއެވެ.

ކަގަޔަންގެ ގަވަރުނަރު މަނުއެލް މަމްބާ ވިދާޅުވީ ތޫފާން ވެމްކޯގައި ފެންބޮޑުވެފައިވާ މިންވަރަށް ފާއިތުވި 45 އަހަރުގެ ތެރޭގައި ފެންބޮޑުވެފައި ނުވާކަމަށެވެ. ތޫފާންތަކުން ލިބޭ ގެއްލުން އަހަރަކަށްވުރެ އަހަރެއް އިތުރުވަމުންދާކަމަށް އޭނާ ފާހަގަކުރެއްވިއެވެ. މޫސުމީ ބަދަލުގެ ސަބަބުން ތޫފާންތަކުގެ ބާރުގަދަވެ އެ ތޫފާންތަކުގެ ސަބަބުން ލިބޭ ގެއްލުންތައް ބޮޑުވާކަމަށް ސައިންސުވެރިންވެސްދަނީ ފާހަގަކުރަމުންނެވެ.