ޚަބަރު

މިޞްރާއެކު ތަފާތު ދާއިރާތަކުން މަސައްކަތްކުރުންމަތީ ދެމިތިބޭނަން: ރައީސް


  • މިޞްރުގެ ސަފީރު ޢާދިލް އިބްރާހީމް ވަނީ ރައީސް އަރިހަށް ވަދާއީ ޒިޔާރަތްކުރައްވާފައި

  • ސަފީރުކަމުގެ ދައުރުގައި، ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވި

މިޞްރާ ގުޅިގެން މަސައްކަތްކުރެއްވުމުގެ ޢަޒުމުގައި ހުންނެވިކަމަށާއި، ކުރިއަށްއޮތް ތަނުގައިވެސް އެކި ދާއިރާތަކުން ދެ ޤައުމުން އެކުގައި މަސައްކަތްކުރުންމަތީ ދެމި ތިބޭނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.


ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ މިޞްރުގެ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ނޮން-ރެޒިޑެންޓް ސަފީރު ޢާދިލް އިބްރާހީމް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އަރިހަށް ކުރެއްވި ވަދާއީ ޒިޔާރަތުގައި ކުރެއްވި މަޝްވަރާތަކުގައެވެ.

މިއަދު ހެނދުނު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި މި ބައްދަލުވުމުގައި ރައީސް ވަނީ ޘަޤާފީ ދާއިރާއާއި، ފަތުރުވެރިކަމުގެ ދާއިރާ އާއި، ތަޢުލީމީ ދާއިރާ އާއި، ސަލާމަތީ އަދި ދިފާޢީ ދާއިރާއިން ދެ ޤައުމުން އެކުގައި މަސައްކަތްކުރާނެކަމުގެ ޔަޤީންކަންދެއްވާފައެވެ. އަދި ރައީސް ވަނީ މިޞްރުގެ ސަރުކާރުން ދިވެހި ދަރިވަރުންނަށް ދެއްވާ މަތީ ތަޢުލީމުގެ ސްކޮލަރޝިޕްގެ ފުރުޞަތުތަކާއި، މިޞްރުގެ ޞިއްޙީ ދާއިރާގެ ބޭފުޅުން ރާއްޖޭގައި ކުރައްވާ ޚިދުމަތްތައް ފާހަގަކުރައްވާ އެކަމަށްޓަކާ އެ ޤައުމަށް ޝުކުރުއަދާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޢާދިލް އިބްރާހީމްގެ ސަފީރުކަމުގެ ދައުރުގައި، ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ކުރެއްވި މަސައްކަތްޕުޅު ފާހަގަކުރައްވާފައިވެއެވެ. އަދި ދެ ޤައުމުގެ ދެމެދުގައިވާ ޒަމާންވީ ރަޙުމަތްތެރިކަމުގެ އަގުވަޒަންކުރައްވައި، ޚާއްޞަކޮށް، ކަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ވަނީ، އެ ޤައުމުގެ ސަރުކާރަށް ޝުކުރުއަދާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލެއްވީ ރާއްޖެ އާއި މިޞްރާ ދެމެދު އޮތް ޒަމާންވީ ރަޙުމަތްތެރި ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ދެ ފަރާތުންވެސް މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން ދެއްވަމުންނެވެ.