ޚަބަރު

ކޮމަންވެލްތު ޓީޓީ ޗެމްޕިއަންޝިޕަށް ޤައުމީ ޓީމު ތައްޔާރު


  • ގައުމީ ސްކޮޑުގައި ހިމެނެނީ 8 ކުޅުންތެރިން

  • ގައުމީ ޓީމު މުބާރާތަށް ފުރާނީ މިމަހުގެ 25 ވަނަ ދުވަހު

  • މުބާރާތް އޮތީ މިމަހުގެ 27 އިން އޮގަސްޓް 2 އަށް އިންޑިއާގައި

ކޮމަންވެލްތް ޓީޓީ ޗެންޕިއަންޝިޕަށް ގައުމީ ޓީޓީ ޓީމު ތައްޔާރުވެއްޖެއެވެ.

މިމަހުގެ 27 އިން އަންނަމަހުގެ 2 އަށް އިންޑިއާގެ ދިއްލީގެ ތްޔަގްރާޖް ސްޓޭޑިއަމްގައި ބޭއްވުމަށް ހަމަޖެހިފައިވާ މުބާރާތުގައި ރާއްޖެއިން 8 ކުޅުންތެރިން ވާދަކުރުމަށް ތައްޔާރުވަމުން އަންނައިރު، މުބާރާތަށް ވަމުންދާ ތައްޔާރީތަކާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެމުން ޓީމުގެ މެނޭޖަރ ޢާއިޝަތު އަލީފާ ބުނީ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ފަރިތަކުރުންތައް ބާއްވަމުންދާތާ މަހެއްހާ ދުވަސްވެއްޖެކަމަށެވެ.

މުބާރާތުގައި ވާދަކުރާ ގައުމުތަކަކީ ވަރަށް ވަރުގަދަ ގައުމުތަކެއްކަމަށާ މިމުބާރާތްވެގެންދާނީ ރާއްޖޭގެ ކުޅުންތެރިންނަށް ލިބޭ ވަރަށް ރަނގަޅު ތަޖުރިބާއަކަށްކަމަށް އޭނާ ބުނެފަވެއެވެ. ގާތްގަނޑަކަށް 23 ވަރަކަށް ގައުމުން ބައިވެރިވާ މިމުބާރާތުގައި ފެނިގެންދާނީ ވަރުގަދަ މެޗުތަކެއްކަމަށް އޭނާ ފާހަގަކުރަމުން އަލީފާ ބުނީ މުބާރާތާ ކުރިމަތިލާނީ ރަނގަޅު ކާމިޔާބެއް ހޯދުމުގެ އަޒުމުގައިކަމަށެވެ.

"ކޮމަންވެލްތުގަ ވަރަށް ބައިވަރު ގައުމުތައް ބައިވެރިވޭ، ގާތްގަނޑަކަށް 23 ވަރަކަށް ގައުމު ބައިވެރިވޭ. އެހެންވީމަ މިއީ ވަރަށް ޓަފް މެޗުތަކެއް ލިބޭނީ ކުޅެން އަޅުގަނޑުމެންނަށް. އެންމެ ރަނގަޅު ގައުމުތައް މިއުޅެނީ. ސިންގަޕޯރ ކަހަލަ އިންޑިއާ ކަހަލަ މި ރީޖަންގެވެސް އިންޑިއާއަކީ ޗެންޕިއަން. އެހެންވީމަ މެޗުތައް ފުދޭވަރަކަށް ޓަފްވާނެ. އުންމީދަކީ ރަނގަޅު ކާމިޔާބެއް އަޅުގަނޑުމެންނަށް ލިބުން" އަލީފާ ބުންޏެވެ.

ޓީޓީ ހޯލުގައި ކުރިއަށްދިޔަ ފަރިތަކުރުންތަކުގެ ތެރެއިން ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަމުން ޓީމުގެ މުހިންމު ކުޅުންތެރިއެއްކަމަށްވާ މޫސާ މުންސިފް މުހައްމަދު ބުނީ މުބާރާތާ ކުރިމަތިލަނީ ރޭންކިން މައްޗަށް ޖެއްސުމުގެ އަމާޒުގަކަމަށާއި މިއީ ކުރިއަށް ހުރި މުބާރާތްތަކަށް ތައްޔާރުވާން ލިބޭ ޕްލެޓްފޯމެއްކަމަށެވެ.

މުބާރާތަށް ތައްޔާރުވުމުގައި ދިމާވި އެންމެ ބޮޑު ދައްޗަކީ ސްޕާރިން ޕާޓްނަރުން ނެތުމުގެ ދަތިކަންކަމަށްވާއިރު، ސްޕާރިންގ ޕާޓްނަރުން ތިބި ދުވަސްވަރުގެ ޕްރެކްޓިސްތައް ދިޔައީ ވަރަށް ހިތްހަމަޖެހޭގޮތަށްކަމަށް އޭނާ ފާހަގަކުރިއެވެ.

"މިކޮޅުގެ ޕްލެޔާޒް ތަންކޮޅެއް މަދު. ގިނަކުދިން މިތިބީ ބޭރުގަ. ސްޕާރިން ޕާޓްނާޒް ތިބިއިރު ފުދޭވަރަކަށް ހިތްހަމަޖެހޭގޮތަށް ޕްރެކްޓިސް ގެންދެވުނު. ހަމަ އިރާދަކުރެއްވިއްޔާ ރަނގަޅު ހިސާބަކަށްދާން ޓާގެޓްކުރަނީ" 2022 ގެ ކޮމަންވެމްތް ގޭމްސްގައި ވާދަކޮށްފައިވާ އެތްލީޓް ބުންޏެވެ.

މިމުބާރާތަކީ އެކި ސަރަހައްދުތަކުގެ ގައުމުތަކުން ވާދަކުރާ މުބާރާތަކަށްވުމަކީ ލިބޭ ބޮޑު ކުރިއެރުމެއްކަން ފާހަގަކުރަމުން މުންސިފް ބުނީ މީގެ ކުރިން އާންމުކޮށް ލިބެނީ މި ސަރަހައްދުގެ ކުޅުންތެރިންނާ ވަދަކުރަންކަމަށެވެ. އެހެންކަމުން މިމުބާރާތުން ތަފާތު މެޗުތަކެއް ލިބުމަކީ ކުރާ އުންމީދެއްކަމަށް އޭނާ ފާހަގަކުރިއެވެ.

"ކޮމަންވެލްތަކީ ތަފާތު ޓީމުތައް ވާދަކުރާ މުބާރާތެއް. އެހެންނޫނިއްޔާ ލިބެނީ މި ރީޖަންގެ ކުޅުންތެރިން. ކޮމަންވެލްތަކީ 50 އެއްހާ ގައުމު ހިމެނޭ އޮގަނައިޒޭޝަނެއް. އެހެންވީމަ ތަފާތު މެޗުތަކެއް ލިބޭނެކަމަށް މިބަލަނީ" މުންސިފް ބުންޏެވެ.

ކޮމަންވެލްތް ޓީޓީ ޗެންޕިއަންޝިޕަށް ގައުމީ ޓީމު ތައްޔާރުކުރުމަށްޓަކައި ޓީޓީ އެސޯސިއޭޝަނުންވަނީ އިންޑިއާގެ ކޯޗަކާއި ކުޅުންތެރިޔެއްގެ އެހީގައި ގައުމީ ޓީމަށް އިރުޝާދުދީފައެވެ. މި ސެޝަންތަކުގެ ސަބަބުންވެސް ޓީމަށް ކުރިއެރުންތަކެއް އައިކަމަށާއި މުބާރާތަށް ޓީމު އޮތީ ފުރިހަމައަށް ތައްޔާރަށްކަމަށް ގައުމީ ޓީމުގެ ތަޖުރިބާކާރު ކުޅުންތެރިޔާ މުހައްމަދު ޝައްފާން އިސްމާއިލް ބުންޏެވެ.

"އިންޑިއާއިން ކުޅުންތެރިޔަކާއި ކޯޗަކާ އައިސްގެން 10 ވަރަކަށް ދުވަހު ޕްރެކްޓިސްކުރެވިއްޖެ. އެހެންވީމަ ފުދޭވަރަކަށް ޕްރިޕެއާޑް. އިރާދަކުރެއްވިއްޔާ ރަނގަޅުވާނެކަމަށް މިބަލަނީ. އަބަދުވެސް އަމާޒަކީ ވީހާވެސް ރަނގަޅަކަށް ޕާރފޯމްކޮށްގެން އެންމެ ރަނގަޅު ނަތީޖާ ގެނައުން" ޝައްފާން ބުންޏެވެ.

ކޮމަންވެލްތް ޓީޓީ ޗެންޕިއަންޝިޕުގައި ވާދަކުރާ ގައުމީ ސްކޮޑުގައި ހިމެނޭ ކުޅުންތެރިންނަކީ މުހައްމަދު ޝައްފާން އިސްމާއިލް، މޫސާ މުންސިފް އިސްމާއިލް، އަޚްޔާރް އަހްމަދު ޚާލިދް، މުހައްމަދު އާލް އިމްރާން، ފާތިމަތު ދީމާ ޢަލީ، ޢާއިޝަތު ރަފާ ނާޒިމް، މިޝްކާ މުހައްމަދު ނާޒިމް، ޢާއިޝަތު އަލްސާ ނާފިޒްއެވެ.

ގައުމީ ޓީމު މުބާރާތަށް ފުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 25 ވަނަ ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައެވެ.