ކުޅިވަރު

މާޒިޔާއިން ކުރިން ހޯދާފައިނުވާ ވަރުގެ ކާމިޔާބީއެއް ހޯދުމަކީ އެންމެ ބޮޑު އަމާޒު: ނިޒާމް


މިހާތަނަށް މާޒިޔާއިން ހޯދާފައިނުވާ ވަރުގެ ކާމިޔާބީއެއް މިސީޒަންގައި ހޯދުމަކީ އެންމެ ބޮޑު އެއް އަމާޒްކަމަށް މާޒިޔާގެ ކޯޗް މުހައްމަދު ނިޒާމް ބުނެފިއެވެ.

އޭއެފްސީ ކަޕްގެ މެޗްތަކަށް މާޒިޔާއިން ފަރިތަކުރަމުންދަނިކޮށް އޭއެފްސީއިންވަނީ މުބާރާތުގެ މެޗްތައް ފަސްކޮށްފައެވެ. އަދި ރާއްޖެއިން ކޮވިޑް19 ފެނުމާއެކު މާލެވަނީ އޭޕްރީލް މަހުގައި ލޮކްޑައުންކޮށްފައެވެ. އޭއެފްސީންވަނީ އޭއެފްސީ ކަޕްގެ މުބާރާތުގެ މެޗްތަށް ކުޅުމަށް ގިނަ ގޮތްގޮތުން މަސައްކަތްކޮށްފައެވެ. ނަމަވެސް އެންމެފަހުން އޭއެފްސީއިންވަނީ މުބާރާތުގެ މެޗްތައް ނުކުޅޭގޮތަށް ނިންމާފައެވެ.

މާޒިޔާގެ ކޯޗް މުހައްމަދު ނިޒާމް ބުނީ ކޮވިޑްގެ ލޮކްޑައުންގެ ސަބަބުން މާޒިޔާއިން ކުޅުންތެރިންނަށް ފަރިތަ ނުކުރެވުމުން ކޮންމެ ކުޅުންތެރިއަކަށްވެސް ޕްލޭނެއް ދީފަކަމަށާއި އެއީ ކުޅުންތެރިން ފިޓްކޮށް ބައިތިއްބުމަށް ކުރި މަސައްކަތްކަމަށް ކޯޗް މުހައްމަދު ނިޒާމް ބުންޏެވެ. އަދި އެޗްޕީއޭއިން ހުއްދަ ދިނުމާއެކު ފަރިތަކުރުންތަކަށް ކުޅުންތެރިން ނިކުތްއިރު، ކުޅުންތެރިންގެ ފިޓްނަސް ދަށް ނޫންކަމަށްވެސް ކޯޗް ނިޒާމް ބުންޏެވެ. އަދި ފުޓްބޯޅަ ސީޒަން ހުޅުވާ އެފްއޭ ޗެރިޓީ ޝީލްޑް މެޗް ކުޅެންވާއިރަށް ކުޅުންތެރިން އެއްކޮށް ފިޓްވާނެކަމަށް ގަބޫލް ކުރާކަމަށްވެސް މާޒިޔާގެ ކޯޗް މުހައްމަދު ނިޒާމްބުންޏެވެ.

ފުޓްބޯޅަ ސީޒަން ހުޅުވާ އެފްއޭ ޗެރިޓީ ޝީލްޑް މެޗްގައި ބައްދަލުކުރާނީ މާޒިޔާ އާއި ކުލަބް އީގަލްސްއެވެ. މާޒިޔާއިންވަނީ އޭއެފްސީ ކަޕަށް ޓީމް ވަރަށް ބޮޑަށް ވަރުގަދަކޮށްފައެވެ. އޭއެފްސީ ކަޕް ކެންސަލް ކުރުމުން އެޓީމަށް ވަނީ މާލީ ގޮތުން ވަރަށް ބޮޑެތި ގެއްލުންވެފައެވެ. މާޒިޔާގެ ކޯޗް މުހައްމަދު ނިޒާމް ބުނީ މިއަހަރު މާޒިޔާގެ ޓާގެޓަކީ ލީގާއި އޭއެފްސީ ކަޕްގެ ނޮކްއުޓް ބުރުން ޖާގަ ހޯދުންކަމަށެވެ.

ފުޓްބޯޅަ ސީޒަން ހުޅުވާ އެފްއޭ ޗެރިޓީ ޝީލްޑް މެޗް މިއަންނަ މަހުގެ 8 ވަނަ ދުވަހު ކުޅޭއިރު، ލީގް ފެށުމަށް ހަމަޖެހިފައިވަނީ މިއަންނަ މަހުގެ 13ވަނަ ދުވަހުއެވެ.