ޚަބަރު

ބުރިޖުން ފީ ނެގުމުގެ ވިސްނުމެއް އަދި ނެތް - މިނިސްޓަރ ނަހުލާ


ބުރިޖު ބޭނުންކުރާ މީހުންގެ އަތުން ފީނެގުމުގެ ވިސްނުން ނުގެންގުޅުއްވާ ކަމަށް މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ އަޑުގެ "އަހާށޭ ބުނާނަން" ޕްރޮގްރާމްގައި އާއްމުންގެ މީހަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ ވިދާޅުވީ ބުރިޖު ޚިދުމަތަކީ ރައްޔިތުންނަށް ލިބެންޖެހޭ އަސާސީ ޚިދުމަތެއްގެ ގޮތުގައި ދެކެވަޑައިގަންނަވާކަމަށެވެ. ރައްޔިތުންނަށް ފަސޭހައިން ދަތުރުކުރެވޭނެ ނިޒާމެއް އޮންނަންޖެހޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެއިރެއްގައި އޮންނަ ސަރުކާރެއްގެ އެންމެ ބޮޑު ޒިންމާއަކީވެސް އަސާސީ ޚިދުމަތްތައް ރައްޔިތުންނަށް ފަސޭހައިން ލިބޭނެ ގޮތް ހަމަޖައްސައިދިނުންކަމުގައި މިނިސްޓަރ ނަހުލާވަނީ ވިދާޅުވެފައެވެ.

"ބްރިޖުން ފީއެއް ނެގުން ވިސްނުމަކު އަދި ނެތް، ގަބޫލުކުރާގޮތުގައި ފަސޭހައިން ދަތުރުކުރެވޭނެ ނިޒާމެއް އޮންނަންޖެހޭ، އެއިރެއްގައި އޮންނަ ސަރުކާރުގެ ބޮޑު ޒިންމާއެއް އެއީ. އަސާސީ ޚިދުމަތުގައި ހިމެނޭ ކަމެއް މިއީ، ވިސްނުމެއް ނެތް ބްރިޖްގެ އެއްވެސް ފީއެއް ނަގާކަށް." ޓްރާންސްޕޯޓް މިނިސްޓަރ ނަހުލާ ވިދާޅުވިއެވެ.

ސިނަމާލޭ ބްރިޖަކީ ނިމުނު ސަރުކާރުގެ ފަހުކޮޅު ހުޅުވައި، ޚިދުމަތްދޭންފެށި ބްރިޖެކެވެ. ބުރިޖުގެ ޚިދުމަތް ފެށިއިރު އެއްވެސް ފީއެއް ނުނެގިނަމަވެސް، ބުރިޖް ބޭނުންކުރާ މީހުންގެ އަތުން ޓޯލް ނިޒާމުން ފީއެއް ނެގުމަށް ކުރިންވަނީ ރާވާފައިވެއެވެ. އަދި މި މަސައްކަތަށް ބޭނުންވާ ފައިސާވެސް މިދިޔަ އަހަރުގެ ބަޖެޓުގައި ހިމެނިއެވެ. ނަމަވެސް މިހާތަނަށް މިކަމާއި ގުޅޭ އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެއެވެ.

މާލެ-ހުޅުލެ، މާލެ-ހުޅުމާލެއާއި ދެމެދު ކޮންމެ ދުވަހަކުވެސް ބްރިޖް މެދުވެރިކޮށް އެތައް ބަޔަކު ދަތުރުކުރެއެވެ. އަދި މި އަވަށްތަކުގެ މެދުގައި އެމްޕީއެލް މެދުވެރިކޮށް އާއްމު ދަތުރުފަތުރުގެ ޚިދުމަތްވެސް އަންނަނީ ދެމުންނެވެ.