ވިޔަފާރި

ރާއްޖެއާއި ލަންޑަނާއި ދެމެދު ސީދާ ދަތުރުތައް ފަށަނީ


ސްރީލަންކަން އެއަރލައިންސްއިން ރާއްޖެއާއި ލަންޑަންއާ ދެމެދު ސީދާ ދަތުރުތައް ފެށުމަށް ނިންމައިފިއެވެ.

މިއަހަރުގެ ފިނި މޫސުމާއި ދިމާކޮށް ބޭއްވުމަށް ހަމަޖެހިފައިވާ މި ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރުމަހުގެ 12 ވަނަ ދުވަހުއެވެ. އަދި މި ދަތުރުތައް އަންނަ އަހަރުގެ އޭޕްރީލްމަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ.

ލަންޑަނާއި ރާއްޖެއާއި ދެމެދު ފެށުމަށް ހަމަޖެހިފައިވާ ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ ކޮންމެ ހަފްތާއެއްގެވެސް އަންގާރަ އަދި ހޮނިހިރު ދުވަހުއެވެ.

ސްރީލަންކަން އެއަރލައިންސްއިން ދަނީ ރާއްޖެއަށް ހަފްތާއަކު 7 ދަތުރުކުރަމުންނެވެ. އަދި މިދަތުރުތަކުގައި ރާއްޖެއާއި ޔޫރަޕްގެ ގިނަ ޤައުމުތަކަކާއި ގުޅާލަދެެއެވެ.

ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަވަމުން ސްރީލަންކަން އެއަރލައިންސްގެ ރާއްޖޭގެ ޖެނެރަލް ސޭލްސް އޭޖެންޓް އޭސް އޭވިއޭޝަންގެ މެނޭޖިންގެ ޑިރެކްޓަރ މުޙައްމަދު ފިރާޤް ވިދާޅުވީ އިނގިރޭސިވިލާތުން ރާއްޖެއަށް ފަތުރުވެރިން އައުމުގައި ގިނަ ދަތިތަކެއް ހުރިކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި ރާއްޖެއަށް އިނގިރޭސިވިލާތުގެ ގިނަ ފަތުރުވެރިންތަކެއް އަންނަމުންދާކަން ރިސޯޓުތަކާއި ވާހަކަދައްކާލުމުން ފާހަގަވިކަމަށާއި، ސްރީލަންކަން އެއަރލައިންސްއިން ފަށާ ދަތުރުތަކާއި އެކު އިނގިރޭސިވިލާތުން ފަތުރުވެރިން ރާއްޖެއަށް އައުމަށް ފަސޭހަވެގެންދާނެ ކަމަށް ފިރާޤް ވިދާޅުވިއެވެ.

ސްރީލަންކަން އެއަރލައިންސްއިން ރާއްޖެއާއި ލަންޑަނާއި ދެމެދު ދަތުރުތައް ފެށުމަށް ތައްޔާރުވަމުންދާއިރު، ބްރިޓިޝް އެއަރވޭސްއިނވެސް ވަނީ މިދިޔަ މިމަހުގެ 17 ވަނަ ދުވަހު އަލުން ރާއްޖެއަށް ފަށާފައެވެ. ބްރިޓިޝް އެއަރވޭސްގެ ދަތުރުތައް ރާއްޖެއަށް ކުރަނީ ލަންޑަންގެ ހީތްރޯ އެއަރޕޯޓުން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށެވެ. އެއަރލައިނުން ދަނީ ހަފްތާގެ 3 ދަތުރު ރާއްޖެއަށް ބާއްވަމުންނެވެ.

އިނގިރޭސިވިލާތަކީ ރާއްޖޭގެ ފަތުރުވެރިކަމަށް މުޙިއްމު ޤައުމެކެވެ. އެގޮތުން ކޯވިޑް19ގެ ފަހުން އަލުން ބޯޑަރު ހުޅުވާލުމާއިއެކު އެޤައުމުން ރާއްޖެއަށް މިހާތަނަށް 4468 ފަތުރުވެރިން އައިސްފައިވާއިރު، އެޤައުމަކީ މި މުއްދަތަކުގައި ރާއްޖެއަށް 2 ވަނައަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ޤައުމެވެ.