ޚަބަރު

އަޑިއަށް ދިޔަ " ސަން " ފެރީ އަދިވެސް ނުނެގޭ


މީގެ 2
ހަފްތާކުރިން މާލެއިން ފުރައިގެން މާމިގިއްޔަށް ދަތުރު ކުރި " ސަން "
ނަމަކަށް ކިޔާ ފެރީ އަދިވެސް ނުނެގޭ ކަމަށާއި ، ކަނޑު ގަދަވުމުގެ ސަބަބުން އެ މަސައްކަތް ކުރުމަށް
ދަތިވެފައިވާ ކަމަށް ފެރީގެ ވެރިފަރާތުން ބުނެފިއެވެ.

ފެރީގެ ވެރިފާރާތުން
މަޢުލޫމާތު ދިންގޮތުގައި، ފެރީ އަޑިއަށް ދިޔަ ދުވަސް ނޫން އަނެއްދުވަހުވަނީ ފެރީ ނެގުމުގެ މަސައްކަތް ފަށާފައެވެ. އެހެން ނަމަވެސް ކަނޑު
ގަދަވެ މުސުން ގޯސްވުމާއި ގުޅިގެން ފެރީ ނެގުމަށް ކުރަމުންދާ މަސައްކަތަށް މާ ބޮޑު ކުރިއެރުމެއް ލިބިފައެއް ނުވެއެވެ. ފެރީ ނެގުމުގެ މަސައްކަތް ކުރިއަށް ގެންދަނީ
ޑައިވަރުންގެ ޓީމަކުން ފެރީ ވަށައިގެން ފީފާ ބަނދެ ވާ ޖަހައިގެން ކަމަށްވެސް
ވެރިފަރާތުން މައުލޫމާތުދެއެވެ.





ޢީދު ބަންދަށްފަހު
ފެރީ ނެގުމުގެ މަސައްކަތް ކުރަމުންދަނިކޮށް، މިހާރު އަނެއްކާވެސް ކަނޑުގަދަވެގެން
މިއަދުވެސް މަސައްކަތް ހުއްޓާލާފައިވާކަމަށް ވެރިފަރާތުން ބުނެއެވެ. އެހެން
ނަމަވެސް ފެރީ ނެގޭނެކަމުގެ ޔަޤީންކަން އެބައޮތް ކަމަށް ވެރިފަރާތުން
މައުލޫމާތުދެއެވެ.

މިމަހުގެ 14 ވަނަ
ދުވަހުގެ ރޭ 83 މީހުންނާއި އެކު ދަތުރުކުރި މި ފެރީ ، ރަންނާޅި ރިސޯޓު ކައިރިއަށް އަޑިއަށް ދިޔަ ހާދިސާގައި ކަނޑުވި
އެންމެން ވަނީ ސަލާމަތްވެފައެވެ. ނަމަވެސް ދޯނީގައި ހުރި ގިނަ އަދަދެއްގެ މުދާ ވަނީ ފެރީއާ
އެކު އަޑިއަށް ގޮސްފައެވެ. ސީދާ ދޯނީގައި ހުރި މުދަލުގެ އަގު ނޭގުނަސް އެތައް
މިލިއަން ރުފިޔާގެ ގެއްލުންވެފައިވާ ކަމަށް ދޯނީގެ ވެރިފަަރާތުން މައުލޫމާތުދެއެވެ.



މި ފެރީ އަޑިއަށް
ދިޔައީ ފެރީގެ ކުރީކޮޅުގައި ހުރި ފަލުކާ އެއްގެ މަތިނެގިފައި ހުރުމުގެ ސަބަބުން
އެތަނުން ދިޔަވެގެން ކަމަށް ބެލެވޭ ކަމަށް ފެރީން ދަތުރުކުރި ބައެއް ފަރާތްތަކުން
ބުނެފައިވެއެވެ. ނަމަވެސް ފުލުހުން ދަނީ އަދިވެސް މި ޙާދިޞާ ތަޙްޤީޤް ކުރަމުންނެވެ.