ޚަބަރު

ހަ ރަށެއްގައި އިމާރާތްކުރާ އިންޖީނުގެތަކުގެ ބިންގާއަޅައިފި


ހަ ރަށެއްގައި އިމާރާތްކުރާ އިންޖީނުގެތަކުގެ ބިންގާ އަަޅައިފިއެވެ.

މިގޮތުން މިއަދު ބިންގާ އަޅާފައި ވަނީ، ޅ ކުރެންދޫގައި އިމާރާތްކުރާ އިންޖީނު ގޭގެ ބިންގަލެވެ. ބުރާސްފަތި ދުވަހު، ނ މަނަދޫ އާއި ނ ފޮއްދޫ އާއި، ށ މާއުނގޫދޫގައި އިމާރާތްކުރާ އިންޖީނުގޭގެ ބިންގާ އަޅާފައި ވާއިރު، ބުދަ ދުވަހު ވަނީ، ށ ފޭދޫ އާއި ހއ ދިއްދޫގައި އިމާރާތްކުރާ އިންޖީނުގޭގެ ބިންގާ އަޅާފައެވެ. އިންޖީނުގެތަކުގެ ބިންގާ އަޅުއްވައި ދެއްވާފައި ވަނީ، ފެނަކައިގެ މެނޭޖިންގ ޑައިރެކްޓަރާއި އެދާއިރާއެއްގެ މަޖިލިސް މެމްބަރެވެ.

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑައިރެކްޓަރ އަހުމަދު ސައީދު ވިދާޅުވީ، ހއ ދިއްދޫ އާއި ނ މަނަދޫ ފިޔަވައި އެހެން ހުރިހާރަށެއްގައިވެސް އިންޖީނުގެ އިމާރާތް ކުރަނީ، މުޅިން އަލަށް އިންޖީނުގެ މިހާރު ހުރި ސަރަަހައްދު ނޫން އެހެން ސަރަހައްދުތަކުގައި ކަމަށެވެ. އެއީ އިންޖީނުގެ ރީލޮކޭޓް ކުރުމަށް ކަނޑައަޅާފައިވާ ރަށްރަށް ކަމަށާއި، ދިއްދޫ އިންޖީނުގޭގެ މަސައްކަތް ފިޔަވައި އެހެން އިންޖީނުގެތަކާއި އޮފީސް އިމާރާތްތައް އެޅުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ ކޮންޓްރެކްޓް އުސޫލުން ކަމަށް ސަޢިދު ވިދާޅުވިއެވެ. ދިއްދޫގައި އިންޖީނުގޭގެ އައު އިމާރާތުގެ ބިންގާ އަންގާރަ ދުވަހު އަޅާފައިވާއިރު އެމަސައްކަތް ކުރަނީ ފެނަކައިގެ މުވައްޒަފުންނެވެ.

ށ ފޭދޫގައި އަލަށް އިމާރާތްކުރާ އިންޖީނުގެ އާއި އޮފީސް އިމާރާތުގެ ބިންވެސް އަޅާފައި ވަނީ އަންގާރަ ދުވަހުގައެވެ. 280 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށް އެމަސައްކް ހަވާލުކޮށްފައި ވަނީ ނާސާ ލިންކް ޕްރައިވެޓް ލިމިޓެޑަށެވެ.

ނ މަނަދޫގައި އެޅުމަށް ނިންމާފައި ވަނީ އިންޖީނުގޭގެ އޮފީސް އިމާރާތެެވެ. 230 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށް އެއިމާރާތުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ، ވީ އަވަރ އިންވެސްޓްމަންޓަށެވެ. ބުރާސްފަތި ދުވަހު އެ އިމާރާތުގެ ބިންގާ އަޅާފައި ވާއިރު، އެއިމާރާތުގެ މަސައްކަތްވެސް މިހާރު ކުރެވެމުން ދާކަމުގައި ފެނަކަ ކޯޕަރޭޝަންގެ އެމްޑީ އަހުމަދު ސައީދު ވިދާޅުވިއެވެ.

މީގެ އިތުރުން ނ ފޮއްދޫގައި އިމާރާތް ކުރާ އިންޖީނުގެ އިމާރާތުގެ މަސައްކަތް 210 ދުވަހުގެ ތެރޭގައި ނިންމާގޮތަށް ހަވާލުކޮށްފައި ވަނީ، ބީޗް ބިލްޑާރސް ޕްރައިވެޓް ލިމިޓެޑަށެވެ.

އަދި ށ މާއުނގޫދޫގައި އަޅާ އައު އިންޖީނުގެ އާއި އޮފީސް އިމާރާތުގެ މަސައްކަތް ހަވާލުކޮށްފައިވަނީ، ޑްޕްލެކްސް ޕްރައިވެޓް ލިމިޓެޑަށެވެ. އެކުންފުންޏަށް ހަވާލުކޮށްފައި ވަނީ، 280 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.

ކުރެންދޫގައި އިމާރާތްކުރާ އައު އިންޖީނުގެ އާއި އޮފީސް އިމާރާތުގެ މަސައްކަތްވެސް ހަވާލުކޮށްފައި ވަނީ ބީޗް ބިލްޑާސް ޕްރައިވެޓް ލިމިޓެޑަށެވެ. އެކުންފުންޏާއި މަސައްކަތް ހަވާލުކޮށްފައި ވަނީ 289 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ. ފެނަކަ ކޯޕަރޭޝަންގެ އެމްޑީ އަހުމަދު ސައީދު ވިދާޅުވީ، ކުރެންދޫގައި އިމާރާތް ކުރާ އިންޖީނުގޭގެ އައު އިމާރާތުގެ މަސައްކަތް ކުރުމަށްޓަކައި މިހަފްތާގެ ތެރޭގައި ސައިޓް މޮބިލައިޒް ކުރާނެ ކަމަށެވެ. އަދި މަނަދޫ އާއ ދިއްދޫގައި މަސައްކަތް ކުރިޔަށްދާއިރު، އެހެން ރަށްރަށުގައިވެސް މިމަސް ނިމުމުގެ ކުރިން އެރަށްރަށަށް މަސައްކަތަށް ބޭނުންވާ ތަކެއްޗާއި ސާމާނު ގެންދާނެ ކަމުގައި ސައީދު ވިދާޅުވިއެވެ.

ރަށްރަށުގައި ހުރި އިންޖީނުގެތައް ޒަމާނީ ފެންވަރަށް ބަދަލު ކުރުމަށާއި، މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި ހުރި އިންޖީނުގެތައް އެހެން ސަރަހައްދުތަކަށް ބަދަލުކޮށް އަލުން އިމާރާތް ކުރުމުގެ ގިނަ މަޝްރޫއުތަކެއް މިއަހަރު ފެނަކައިން ވަނީ ކުރިޔަށް ގެންގޮސްފައެވެ.