މަޖީދީ މަގުގައި ހުންނަ އެލްޒޯން ފިހާރައިގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
އެފިހާރައިން ދުން އަރާ ކަމުގެ ރިޕޯޓު ލިބުމާއި އެކު އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ސާވިސަސްގެ ފަޔަމަނުން އެސަރަހައްދުގައި ދަނީ ހަރަކާތްތެރިވަމުންނެވެ.
އެ ސަރަހްދުގައި ހުރި ޕީއެސްއެމްގެ ނޫސްވެރިޔާ މައުލޫމާތު ދީފައިވާ ގޮތުގައި ފިހާރަ ތެރެއިން ދުން އަރާތީ 7 ބުރިއަށް ހުރި އެއިމާރާތުގެ އެހެން ފުލޯތަކުގައި ދިރިއުޅޭ މީހުން ވަނީ ނެރެފައެވެ.
އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ، އެލްޒޯންގައި ސާވިސް ސެންޓަރެއްގެ ގޮތުގައި ބޭނުން ކުރަމުން އަންނަ އެ އިމާރާތުގެ ފުރަތަމަ ފަންގިފިލާގައެވެ. ރޯވި އަލިފާން މިހާރު މުޅިން ނިވާލާފައިވާކަމުގައި މައުލޫމާތު ލިބެއެވެ.
އެލްޒޯން ފިހާރައަކީ މާވެޔޮމަގު ޓްރެފިކްލައިޓް ކައިރީގައި ހުންނަ ފިހާރައެކެވެ.