ޚަބަރު

އދ އަތޮޅުންވެސް ހަލާކުވެފައިވާ އެއާކްރާފްޓެއްގެ ބައިތަކެއް ފެނިއްޖެ


ކަނޑަށް ވެއްޓިފައިވާ އެއާކްރާފްޓެއްގެ ބައިތަކެއް އދ އަތޮޅުންވެސް ފެނިއްޖެއެވެ.

އދ ހަންޏާމީދޫކައިރީގައި އޮންނަ އަލިކޮއިރަށް ކިޔާ ފަޅުރަށަކަށް ހަލާކުވެފައިވާ އެއާކްރާފްޓެއްގެ ބައިތައް ލައްވެފައި ވަނިކޮށް ފެނިފައި ވަނީ އެރަށަށް ދަތުރުގޮސް އުޅުނު ބަޔަކަށެވެ.

އެރަށަށް ދަތުރު ދިޔަ ގުރޫޕުގައި ހިމެނޭ މީހަކު، ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެމުން ބުނީ، އަލިކޮއިރަށް ކިޔާ ފަޅުރަށުގެ ގޮނޑުދޮށުން އެމީހުންނަށް ހަލާކުވެފައިވާ އެއާކްރާފްޓެއްގެ ބައިތަކެއް ފެނިފައި ވަނީ މި ހުސްވި އޮކްޓޫބަރު މަހުގެ 30 ވަނަ ދުވަހުގައި ކަމަށެވެ. އަދި އެތަކެތި އެއްގަމަށް އަރުވައި ބަހައްޓާފައި ވާކަމަށާއި، އެއީ މާބޮޑުކަމެއް ކަމަށް ނުބެލެވި އޭރު އެވާހަކަ އެހެން ފަރާތަކާއި ހިއްސާކޮށްފައި ނުވާ ކަމަށެވެ.

އެހެން ނަމަވެސް އެމީހުންނަށް ފެނުނު ތަކެތީގެ މައުލޫމާތު ހިއްސާކުރީ، އިއްޔެ ދ މީދޫ ކައިރުން ކަނޑުތެރެއިން އެއާކްރާފްޓެއްގެ ފިޔަގަނޑުން ބައެއް ފެނިގެން އެވާހަކަ މީޑިއާތަކުން ފެނުމުން ކަމުގައި އޭނާ ބުންޏެވެ.

އދ ހަންޏާމީދޫ ކައިރީގައިވާ އެފަޅުރަށަށް ލައްވި ބައިތަކުގެ ފޮޓޯ އެރަށަށް ދަތުރު ދިޔަ ގުރޫޕުން، ޕީއެސްއެމް ނިއުސްއާއި ހިއްސާކޮށްފައި ވާއިރު، އެއީ ވެއްޓިފައިވާ މިލިޓަރީ ޑްރޯނެއްގެ ބައިތަކެއް ކަމަށް ބެލެވެއެވެ. މިގޮތުން އެރަށަށް ލައްވި ބައިތަކުގެ ތެރޭގައި އެ އުޅަނދުގެ އިންޖީނުގެ ކަވަރާއި، ބޮޑީގެ ބައިތައް ހިމެނެއެވެ.

ރާއްޖޭގެ ސަރަހައްދުން މިލިޓަރީ ޑްރޯނެއްގެ ބައިތަކެއް ކަމަށް ބެލެވޭ، ފެންނަމުންދާއިރު ކަމާއި ބެހޭ ފަރާތްތަކުގެ ސަމާލުކަމަށް އެކަން ވަނީ އައިސްފައެވެ.