ޚަބަރު

ފުލުހުންކަމަށް ހެދިގެންގޮސް ފޭރުނު މައްސަލާގައި މީހަކު ހައްޔަރުކޮށްފި


ފުލުހުންކަމަށް ހެދިގެން ގޮސް ފަރިވާ ސްޓޭއަށް ވަދެ އެތަނުގެ މުވައްޒަފުންތަކެއް ބަނުމަށްފަހު، ފޭރުނު މައްސަލާގައި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ، މިމައްސަލާގައި ކޯޓުއަމުރެއްގެ ދަށުން އިއްޔެ ހައްޔަރުކޮށްފައި ވަނީ ޢުމުރުން 42 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އޭނާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ޙާޒިރުކުރުމުން ހޯމް މިނިސްޓްރީން ކަނޑައަޅާތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަޙުޤީޤުކުރިއަށް ގެންދިއުމަށް 15 ދުވަހުގެ މުއްދަތެއް ކޯޓުން ދީފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ.

ފުލުހުން ވިދާޅުވީ، މިދިޔަ ބުދަ ދުވަހުގެ ވަގުތެއްގައި މަޖީދީމަގު، ފަރިވާ ސްޓޭއަށް ތިން މީހަކު ވަދެ، އެމީހުންނަކީ ޕޮލިސް އިންޓެލިޖެންސްގެ ފުލުހުން ކަމަށްބުނެ، އެތާނގެ 3 މުވައްޒަފުން ކްލިޕް އަޅުވާ ބަނުމަށްފަހު، އެތަނުގެ ބައެއް ތަކެތި ފޭރިގަނެގެން ގެންގޮސްފައިވާ މައްސަލައެއް ހުށަހަޅާފައިވާކަމަށެވެ. މިކަން ހިނގާފައި ވަނީ އެދުވަހުގެ ހެނދުނުގެ ވަގުތެއްގައިކަމަށްވެސް ފުލުހުން ވިދާޅުވެފައިވެއެވެ.

މިމައްސަލަ އިތުރަށް ތަހުގީގްކުރަމުން ދާކަމުގައި ފުލުހުން ވަނީ ވިދާޅުވެފައެވެ.