ޚަބަރު

ތަޢުލީމުގެ ޤާނޫނާއެކު ދާއިރާއަށް އަންނާނީ ކޮން ބަދަލެއް؟


"ޓީޗަރސް ރެޖިސްޓްރޭޝަން ބޯޑު" އެކުލަވާލާތާ 2އަހަރުގެ ތެރޭގައި ރާއްޖޭގައި ތަޢުލީމު ދިނުމުގައި މަސައްކަތްކުރާ ހުރިހާ ފަރާތްތަކުން ރެޖިސްޓްރީވާންޖެހޭނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ. އެޑިއުކޭޝަން މިނިސްޓްރީން މިކަން ހާމަކުރައްވާފައިވަނީ ތަޢުލީމީ ޤާނޫނުގައި ހިމެނޭ ކަންކަމާއި ގުޅޭގޮތުން މިއަދު ނޫސްވެރިންނަށް މަޢުލޫމާތުދެއްވަމުންނެވެ. އެކިއަހަރުތަކުގައި 5ފަހަރެއްގެ މަތިން ހުށައެޅި ތަޢުލީމީ ބިލު، ޤާނޫނަކަށްވެ މިހާރު މިވަނީ ޢަމަލުކުރަން ފަށާފައެވެ.

ތަޢުލީމްގެ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙް ތަސްދީޤް ކުރެއްވީ މިމަހުގެ 10 ވަނަ ދުވަހުއެވެ. ތަޢުލީމީ ބިލުގައިވަނީ ރާއްޖޭގެ ތަޢުލީމީ ދާއިރާ ބައްޓަންވާންޖެހޭ ގޮތުގެ ފުރިހަމަ ނިޒާމެއް ލިޔެފައެވެ. ތަޢުލީމީ ޤާނޫނުގައި ހިމެނޭ ކަންކަމާއި ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން މިނިސްޓަރ އޮފް އެޑިއުކޭޝަން އައިޝަތު އަލީ ވިދާޅުވީ އުނގެނުމުގެ ހައްޤު ކުޑަކުދިންނަށާއި ބޮޑެތި މީހުންނަށް ކަށަވަރުކޮށްދީ މުދައްރިސުންގެ ޙައްޤުތައް ރައްކާތެރި ކޮށްދޭނެ ނިޒާމަކަށް މި ޤާނޫނު ވާނެކަމަށެވެ. އަދި އިސްލާމީ އަޤީދާއާއި، ތަރުބިއްޔަތު ހަމަހަމަކަމާއެކު ފުރިހަމަ ގޮތުގައި ދަރިވަރުންނަށް ލިބޭކަން މިޤާނޫނުން ކަށަވަރުކޮށްދޭނެކަމަށެވެ.

"ތަޢުލީމުގެ އަސާސް ލިޔެވިފައިހުރުމުން ހުރިހާ މީހުންނަށް މިކަން މާނަކުރުމުގައި އެއްގޮތަކަށް ޢަމަލުކުރެވޭނެ. ޤާނޫނު ހެދުމުގައި ރައްޔިތުންގެ ބައިވެރިވުން އެބައޮތް، މިއީ މުހިންމުކަމައް. ތަޢުލީމު ދެނީ ރައްޔިތުންގެ ޓެކުހުން، އެހެންވީމަ މިދޭ ޚިދުމަތް ރަނގަޅު ނޫންނަމަ މިކަމަށް ފައިސަލާ ކުރުމުގެ ޙައްގު ރައްޔިތުންނަށް އެބަ ލިބިދޭ. ޤާނޫނެއްގޮތަށް ލިޔެވިފައި އޮތުމުން، ޤާނޫނަކީ ފަސޭހައިން ބަދަލުކުރެވޭނެ އެއްޗެއް ނޫން. އެހެންކަމުން ރަނގަޅު ޤާނޫނެއް އޮވެއްޖެނަމަ ކޮންމެ ސަރުކާރެއް އަޔަސް މި ކަންކަން ރަނގަޅަށް ތަންފީޒްވެގެންދާނެ." މިނިސްޓަރ އައިޝަތު އަލީ ވިދާޅުވިއެވެ.

ތަޢުލީމުގެ ޤާނޫނުގައި ތަޢުލީމީ ދާއިރާއަށް ހެޔޮ ބަދަލުތަކެއް ގެނައުމުގެ މަޤުޞަދުގައި އެތައް ކަމެއްވަނީ ހިމަނާފައެވެ. އެގޮތުން ކޮންމެ ކުއްޖަކު ވެސް 18 އަހަރުވަންދެން ތައުލީމް ނުވަތަ ހުނަރު ދަސްކޮށްދޭ ތަމްރީނު ޕްރޮގްރާމެއްގައި ބައިވެރިވުމާއި، ދިވެހި ދަރިވަރުންނެކޭ އެއްގޮތަށް ބޭރުގެ ދަރިވަރުންނަށް ވެސް ޕްރީ ސްކޫލުން ފެށިގެން މަތީ ސާނަވީއާ ހަމައަށް ކިޔެވުމުގެ ހައްގު ހޯދައިދިނުމާއި ސަރުކާރުން ކަނޑައަޅާ ވަކި ސިޔާސަތެއްގެ ދަށުން ރާއްޖޭގައި އުޅޭ ބިދޭސީ ދަރިވަރުންނަށް ވެސް ހިލޭ ކިޔަވައިދެވޭނެ ގޮތް ހެދުން ހިމެނެއެވެ.

މިޤާނޫނާއެކު އެންމެ ބޮޑު އެއް ބަދަލެއް އަންނާނެ ބަޔަކީ މުދައްރިސުންނެވެ. މިހާތަނަށް އައިއިރުވެސް ރާއްޖޭގައި ކިޔަވައިދެމުން އަންނަ މުދައްރިސުންނަށް ވަކި ޚާއްސަ ލައިސެންސެއް ނެތެވެ. އެހެންނަމަވެސް މި ޤާނޫނާއެކެ ހުރިހާ މުދައްރިސުންގެ އަތުގައި ކިޔަވައިދިނުމަށް ލައިސަންސެއް އޮތުން މަޖުބޫރުވެއެވެ. އެއީ ސަރުކާރުގެ ސްކޫލެއްގެވިއަސް އަދި އެހެންތަނެއްގައި ކިޔަވައިދޭ މުދައްރިސަކުވިޔަސް މި ލައިސަންސް އޮންނަން ޖެހެއެވެ. މިއާއެކު މުދައްރިސުންގެ ޤާބިލުކަން ބެލި ކުރިއެރުމަށްވެސް ހިތްވަރު ލިބިގެން ދިއުމަކީ އެކަށީގެންވާކަމެކެވެ.

ޤާނޫނަށް އަމަލުކުރަން ފަށާތާ އެއް އަހަރުގެ ތެރޭގައި ޓީޗަރުން ރަޖިސްޓްރީކުރުމާ ގުޅޭ ހުރިހާ ކަމެއް ކުރުމަށް، "ޓީޗާސް ރަޖިސްޓްރޭޝަން ބޯޑު" ގެ ނަމުގައި އެޑިއުކޭޝަން މިނިސްޓަރު ވަކި ބޯޑެއް އުފައްދަވަންޖެހެއެވެ. އަދި މިޤާނޫނަށް އަމަލު ކުރަން ފަށާއިރު ޚިދުމަތުގައި ތިބި މުދައްރިސުން މިބޯޑުގައި ރަޖިސްޓްރީކޮށް ލައިސަންސް ހޯދަންޖެހެއެވެ. އެބޯޑުގެ ރިއާސަތު ބަލަހައްޓާނީ މިނިސްޓަރު އައްޔަންކުރައްވާ ރަޖިސްޓްރާއެވެ. އެރަޖިސްޓްރާ އަކީ، އެޑިއުކޭޝަން މިނިސްޓްރީގައި މަސައްކަތްކުރައްވާ، ޑެޕިއުޓީ މިނިސްޓަރު ނުވަތަ އެއަށްވުރެ މަތީ މަގާމެއް އަދާކުރައްވާ ބޭފުޅަކަށް ވާންޖެހެއެވެ.

މި ޤާނޫނުގައި ވަނީ މަޖުބޫރު ތައުލީމް ލިބެންޖެހޭ އުމުރުގައި ވަޒީފާއަށް ފޮނުވައިގެން ނުވާނެކަމަށް ވިދާޅުވެފައެވެ. ނަމަވެސް ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ޤާނޫނާ ޚިލާފުނުވާ ގޮތަށް ތައުލީމާއި ތަރުބިއްޔަތާ ގުޅޭގޮތުން ތަމްރީނު ހޯދުމަށް ބެލެނިވެރިޔާގެ ހުއްދައާއެކު ކުއްޖާގެ އުމުރާ ގުޅޭ ވަޒީފާއަކަށް ދިއުމަށް ހުރަހެއް ނޯންނާނެ ކަމަށް ޤާނޫނުގައިވެއެވެ.

ތައުލީމު ފޯރުކޮށްދޭ ތަންތަނުގެ ފެންވަރު ހިފެހެއްޓުމަށްޓަކައި ސްކޫލްތަކާއި ކިޔަވައިދޭ އެނޫންވެސް ތަންތަނުގެ ފެންވަރު ހިފެހެއްޓުމުގެ ނިޒާމެއް މިނިސްޓްރީން ގާއިމުކުރަންޖެހެއެވެ. އެނިޒާމުގައި ސްކޫލްތަކާއި ކިޔަވައިދޭ ތަންތަން ޤަވާއިދުން ބަލައި ފާސްކުރެވޭނެ އިންތިޒާމު ހަމަޖެހިފައި އޮންނަންޖެހެއެވެ.

ތައުދީބީ ފިޔަވަޅެއްގެ ގޮތުން ވިޔަސް އަދި އެނޫން ގޮތަކަށް ވިއަސް އެއްވެސް ކުއްޖަކަށް ރަހުމް ކުޑަ އަދަބެއް ދިނުން ޤާނޫނުން މަނާވާނެއެވެ. އަދި ސްކޫލުގެ ބެލުމުގެ ދަށުގައި ވަނިކޮށް އެހެން ފަރާތަކުން އެފަދަ އަނިޔާއެއް ކުރުމަށް ފުރުސަތު ދީގެން ނުވާނެކަމަށްވެސް މިޤާނޫނުގައިވެއެވެ.

މި ޤާނޫނަށް އަމަލުކުރާނީ ގެޒެޓުގައި ޝާއިއުކުރާ ދުވަހުން ފެށިގެން އެންމެ އަވަހަށް ދިރާސީ އަހަރު ފެށޭ ދުވަހުންފެށިގެންނެވެ. ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ އޯގަސްޓް މަހުގައެވެ.